ވަރަށް ކުޑައިރުން ފެށިގެންވެސް އަބަދުވެސް ޑައިރީ ގެންގުޅޭ ފަރާތެކެވެ. އޭނާ ބުނާ ގޮތުގައި އަމިއްލަައަށް ބަސްތައް ލިޔެވެން ފެށިފަހުން އަބަދުވެސް އޭނާ ޑައިރީ ލިޔެއެވެ. ޑައިރީއަކީ ކޮންމެހެން ވަކި ހާއްސަ ވައްތަރެއްގެ ފޮތެއްގައި ލިޔަން ޖެހޭ އެއްޗެެއް ނޫނެވެ. ކޮންމެ ކަހަލަ ފޮތަކަސް އޭގައި ބޭނުންވާ މައުލާމާތުތައް ރައްކާ ކުރެވޭނެނަމަ އެއޮތީ ޑައިރީގެ ބޭނުން ފުދުނީއެވެ. އަނެއްކަމަކީ ޑައިރީގައި އެތައް ބައިވަރު އަމިއްލަ ހަގީގަތްތަކާއި ފޮރުވަން ޖެހޭ އެތައް ސިއްރުތަކެއް ލިޔެފައިވާ މިފޮތް ވީހާވެސް ރައްކާތެރިކަމާއެކު ގެންގުޅުމެވެ.

ބައްތިރީސް އަހަރުވީއިރު އެތައް ފޮތްތަކެއް ރައްކާކުރެވިފައި ހުރިކަމަށާއި މިހާރުވެސް ފޯނު ރިމައިންޑާއަށް ލައިގެން އެލާމު ކުރުވިޔަސް، އަދި ވެސް އޭނާ މުހިންމު ކަންތައްްތަކާއި ބޭނުންވާ ވާހަކަތައް ނޯޓު ކުރަނީ އޭނާގެ ޑައިރީގައެވެ. ކޮންމެ އަހަރަކުވެސް ފުރަތަމަ ދުވަހު ނިމުނު އަހަރުގެ ޑައިރީގައި ގުޑްބާއީ ބުނުމަށްފަހު މިއަހަރުގެ މުހިންމު ކަންތައްތައް ލިޔެފައިވާ ގަނޑުގައި އަހަރުގެ ފުރަތަމަ ދުވަހަށް މަރުހަބާ ލިޔައެވެ. މީނާގެ ޑައިރީތައް ރައްކާކޮށްފައިވަނީ ނުހަނު އަމާންކަމާއެކުގައެވެ. އަދި އެއްވެސް ކަހަލަ ގޮތަކަށް ހަލާކު ނުވާނެހެން ރައްކާތެރިކުރުމަށް ކަރޮބްލެކްވެސް އަޅާފައިހުރެއެވެ.

ޑައިރީގެ މުހިންމުކަންތަކުގެ ތެރޭގައި ތިމާގެ ހިޔާލުތައް އިންތިޒާމުކޮށް ބެހެއްޓުން، ފިކުރުތައް އިންތިޒާމުކޮށް، އެކަންކަން ވިސްނޭ ގޮތަށް ހެދުމަށް އެހީތެރިވެދޭ އެއްޗަކަށް ވާއިރު ވަކި ތަޖުރިބާތަކެއް ނުވަތަ ހިޔާލުތަކެއްގެ މައްޗަށް ދުވަހުން ދުވަހަށް ހިނގާ ކަންކަމާއި ފިކުރުތަކާއި އިހުސާސްތައް ޑައިރީގައި ރައްކާ ކުރެވޭނެއެވެ. ހަމައެހެންމެ އޭނާގެ ލިޔުން އެހާ ބޮޑަަށް ރީތި ވެފައި އެހާމެ ފުރިހަމަވާ ސަބަބަކީ ޑައިރީ ލިޔުންކަމަށް އޭނާ ހާމަކުރިއެވެ. ޑަައިރީ ތިމާގެ ލަނޑުދަނޑިތައް ކަނޑައެޅުމާއި އެކަންތައް ހާސިލު ކުރުމަށް އެހީތެރިވުމުގެ އިތުރަށް ޑައިރީގައި އަހަރުތަކެއް ފަހުންވެސް އޭރުގެ ހަނދާން އާކޮށްލަން ބޭނުން ވިޔަސް، ހުރިހާ ހަނދާންތަކެއްވެސް އޭގައި ރައްކާތެރިކަމާއެކު ފޮރުވިފައިވާނެ އެވެ. އެކަނިވެރި ދުވަހެއްގެ ހާސްކަމާއި ވަރުބަލިކަން ފިލުވާލާ ހިތްހަމަޖެހުމަކަށްވެސް ޑައިރީވެއެވެ. ހިތަށް އަންނަހާ އެއްޗެއް ދުލުން ނުބުނެވޭތީ، ހިތުގައި ފުނިޖެހި، ބޮޑު ވޭނަކަށް އެކަމާހެދި ވުމުން ޑައިރީ ރައްކާތެރިކޮށްދޭނެއެވެ. މާބޮޑަށް އުފާވެ ހިތްހަމަޖެހުން ލިބިއްޖެނަމަވެސް ޑައިރީގައި އެވާހަކަ ނޯޓުކޮށްލާށެވެ.

ޑައިރީއަކީ އެތައް ގޮތަކުން ރަނގަޅު ރަހުމަތްތެރިއަކަށް ފުދޭނެ އެއްޗެކެވެ. ބޭނުން ކޮންމެ ވާހަކައެއް ހިއްސާކުރެވޭނެއެވެ. ހަނދާންނެތިގެން އުޅޭކަށް ނުޖެހޭނެއެވެ. ކަމަކާ ދެރަވިޔަސް އަދި ރުޅިއަޔަސް ޑައިރީއާ އެވާހަކަ ހިއްސާކޮށްލެވޭނެއެވެ. މިއީ އަމިއްލަ އެތައް ސިއްރުތައް އޮންނަ ފޮތެއްްކަމުން އަބަދުވެސް ތިމާގެ ޑައިރީ ރައްކާތެރިކަމާއެކު ފޮރުވައިގެން ގެންގުޅެން ވިސްނާށެވެ.

ބައެއް ފަރާތްތަކުން ޑައިރީ ލިޔުމުގެ ތެރެއިން ޖާނަލް ލިޔުމަށްވެސް ފަށާފައި އަދި ޖާނަލް ލިޔުން ފަހުންފަހުން އެމީހުންގެ ހަޔާތުގެ އެންމެ މުހިންމު މަސައްކަތަށްވެސް ވެފައި އެބަހުއްޓެވެ. ހުދު އަޅުގަނޑަކީވެސް ކުޑައިރުއްސުރެ ޑަައިރީ ލިޔަމުން ލިޔަމުން އައިސް ޖާނަލް ލިޔަން ފަށައި އެންމެ ފަހުން ލިޔުންތެރިކަމުގެ ތެރެއަށް ނުކުމެވިފައި ހުރި މީހަކީމެވެ. ޑައިރީއަށްވިުރެ ފޯނުގައި ހަނދާންތަކާއި ހަނދާން ކުރަން ޖެހޭ ކަންތައްތައް ރައްކާ ކުރަން ފަސޭހަކަން ޔަގީނެވެ. އެހެންނަމަވެސް ޑައިރީގައި ލިޔުމުން އެލިބޭ ތަފާތު ހިތްހަމަޖެހުމެއް ފޯނު ބޭނުންކޮށްގެން ހަނދާންތައް ރައްކާކޮށް ހެދުމަކުން ނުލިބެއެވެ.

ދުނިޔޭގެ އެތައް މަޝްހޫރު މީހުން ޑައިރީ ގެންގުޅެއެވެ. މިހާތަނަށް ފެނިފައިވާ އެންމެ ޝައުގުވެރިވާކަހަލަ ޑައިރީތަކާއި އޭގެ ވެރިފަރާތްތައް، ދުނިޔޭގެ މަޝްހޫރު ފަރާތްތަކުގެ ނަންތައް ހިމަނާލާނަމެވެ.

  • އޭން ފްރެންކްގެ ޑައިރީ:- އެންމެ މަޝްހޫރު ޑައިރީއަކީ 1947 ވަނަ އަހަރު މަރުވުމަށްފަހު ޝާއިޢުކުރި އޭން ފްރެންކްގެ 'ޑައިރީ އޮފް އަ ޔަންގް ގާލް' އެވެ.
  • ސެމިއުލް ޕެޕީސްގެ ޑައިރީ:- 17ވަނަ ގަރުނުގައި ލިޔެފައިވާ ޕެޕީސްގެ ޑައިރީތަކަކީ، ހަމަގައިމުވެސް މިއަދުވެސް ގިނަބަޔަކު ކިޔާ، ލިސްޓުގެ ކުރީގަވާ ޑައިރީއެކެވެ.
  • ޗާލްސް ޑާވިންގެ ޑައިރީ:- އުމުރުން 29 އަހަރުގައި ޑައިރީ ގެންގުޅެ 1881 ވަނަ އަހަރު ޑާވިން މަރުވުމަށްފަހު، އޭނާގެ ޑައިރީގެ ޝައުގު ވަނީ މީހުންގެ މެދުގައި ވަރަށް ބޮޑު ވެފައެވެ.
  • މާރީ ކިއުރީގެ ޑައިރީ
  • މާކް ޓްވެއިންގެ ޑައިރީ
  • ބިއަޓްރިކްސް ޕޮޓަރ ޑައިރީ
  • ފްރެންކްލިން ޑީ ރޫޒްވެލްޓްގެ ޑައިރީ
  • ޗާލްސް ވެސްލީ (1707-1788)ގެ ޑައިރީ

ޑައިރީއަކީ މީހާ ދުނިޔެއިން ނިމި ދިއުމަށްފަހު، އެމީހާގެ އަސްލު ހަގީގީ ސިފަތަކާއި ދިރިއުޅުމުގެ ވައްޓަފާޅި ހާމަކޮށްދޭ ވަސީލަތެކެވެ. އެެހެންކަމުން އަބަދުވެސް ޑައިރީ ގެންގުޅުމުގައި ސަމާލުކަންދޭންވާނެއެވެ.