މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުުގެ ގޮތުން އިލެކްޝަން ކޮމިޝަން (އީސީ) ގެ ފަރާތުން މިހާރު ކުރިއަށް ގެންދާ ޖޮބް ފެއަރ އިން 5000 ވުރެ ގިނަ ވަޒީފާގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މި ވަޒީފާތަކަށް ޝައުގުވެރިވާ މީހުންނަށް އިއްޔެ ވަނީ ދަރުބާރުގޭގައި އިންޓަވިއު ސެޝަންތަކެއް ވެސް ފަށައިފަ އެވެ. އަދި މިއަދުވެސް، ހެނދުނު 10:00 އިން ރޭގަނޑު 10:00 ގެ ނިޔަލަށް އިންޓަވިއައު ސެޝަންތައް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ތަކުގެ ތެރޭގައި ކޮމްޕްލެއިންޓްސް ބިޔުރޯގެ މެންބަރު، މެނޭޖަރ، މީޑިއާ އޮފިސަރ، ސީނިއަރ އޮފިސަރ، ގްރެފިކްސް ޑިޒައިނަރ، ފްޓޯގްރާފަރ، ޓެކް އޮފިސަރ، މަސައްކަތު މީހުންގެ އިތުރުން ސެކިއުރިޓީ އޮފިސަރ، ޑްރައިވަރ، ސްޕޯޓް އޮފިސަރ އަދި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުން ހިމެނެއެވެ. މި މަޤާމުތަކަށް ކުރިމަތިލާން ޝައުޤުވެރިވާ ފަރާތްތަކުން ހާޒިރުވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ( އައިޑީ،ކާޑް) ގެ އިތުރުން ތައުލީމާއި، ތަޖްރިބާގެ ލިތުންތަކާއިއެކު ހާޒިރުވުމަށް އެކޮމިޝަނުން އެދިވަޑައިގަންނަވައެވެ.

ވަޒީފާތަކަށް ނަގާ މުވައްޒަފުންނާ އެކު އެއްބަސްވުން ހެދުމަށް މިއަހަރު ބާއްވާ ރިޔާސީ އިންތރިހާބުގެ އިތުރުން އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމެންދެން އެއްބަސްވުން އިތުރު ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އީސީން މައުލޫމާތުދެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލަން އީސީން ނިންމާފައި ވަނީ ޖުލައި 23 ގައެވެ. ކެންޑިޑޭޓުން ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އޮގަސްޓް ތިނެކެވެ. އަދި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ފަހު އިއުލާން ކުރާނީ އޮގަސްޓް ނުވަ ވަނަ ދުވަހު އެވެ. ކެމްޕެއިން ކުރުމުގެ މުއްދަތަކީ އޮގަސްޓް 10 އިން ސެޕްޓެމްބަރު 8 އެވެ. މި އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް އީސީން ނިންމާފައިވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު އެވެ.