ޗާލީ ހެބްޑޯގެ މައްސަލާގެ ޝަރީއަތް ހިނގަމުން ދަނިކޮށް އެ އޮފީސް ކައިރިން ވަޅި ހަރައި ހަތަރު މީހަކު ޒަކަމް ކޮށްލައިފިއެވެ. ފަރަންސޭސި ބޮޑު ވަޒީރު ވަނީ އޭނާ ކުރައްވަމުން ގެންދެވި ދަތުރު މެދު ކަނޑުއްވައި ޕެރިހަށް ވަޑައިގެންފައެވެ.

ކާޓޫނު ކުރެހުމާއި މާލާތުގެ ފާޑުކިޔުމުގެ ލިޔުންތައް ޝާއިއުކުރުމުގައި މަޝްހުރު، ޗާލީ ހެބްޑޯ ނޫހުން 2015ގައި ސަލާމާއި ސަލަވާތް ލެއްވި، ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށް ކާޓޫނު ތަކެއް ކުރެއްސެވެ. މިއާ ގުޅިގެން މުސްލިމުންގެ ބަޔަކު ދިން ހަމަލާގައި އެ ނޫހުގެ އަގުހުރި ފަންނުވެރިންގެ 14 މީހުން ފަނާ ވިއެވެ.

މިއަދުގެ ހަމަލާ ދީފައިވަނީ މި ހަމަލާގައި ތުހުމަތު ކުރެވޭ 14 މީހުންގެ ޝަރީއަތް ހިންގަމުން ގެންދަނިކޮށެވެ.

ހަމަލަ ދީފައިވާ ޕެރިހުގެ ޗާލީ ހެބްޑޯ އޮފީހަކީ ކުރިން އެނޫސް ހިންގި އޮފީހެވެ. މުސްލިމުންގެ ހަމަލައަކަސް ބިރުން މި ނޫހުން ވަނީ މިހާރު އޮފީސް ހިންގާ ތަން ސިއްރުކޮށްފައެވެ.

މި މައސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ފެށީ ބުދަ ދުވަހުއެވެ.

ޝަރީއަތް ފެށުމުގެ މުނާސަބާއާ ދިމާކޮށް ޝާލީ ހެބްޑޯއިން ވަނީ އެމީހުން ކުރިންވެސް ކުރެހި ކާޓޫންތައް އަލުން ޝާއިއުކޮށްފައެވެ. ޚިޔާލު ފާޅުކުރުމުގެ ނަމުގައި ކަމަށް ބުނެ މި ކާޓޫނު ޝާއިއުކުރުމުން ގިނަ ބަޔަކު ވަނީ މިއީ ފުރައްސާރަކޮށް ރުޅި އަރުވާލުމުގެ އަމަލެއް ކަމުގައި ބުނެފައެވެ.

ފަރަންސޭސިވިލާތަކީ ޔޫރަޕްގައި މުސްލިމުން އެންމެ ގިނަ އެއް ގައުމެވެ.