އެހެރަ ފެންނަނީ އިންސާނެއް ބާ؟ ނޫނީ ކޮންމެވެސް އެހެން އެއްޗެއް ބާ؟ ސިއްދީގު ހިތަށް އަރަމުން ދިޔައެވެ. އެތާނގައި މިހާރު އެހުރީ ރީތި ހުދު ބިއްލޫރި ފާޑުގެ އަލިގަދަ ފޭރާމެއް އަޅައިގެން ހަމަގައިމު ވެސް އިންސާނެއް ނޫނެވެ. އެ އަންހެންކުއްޖާ އަޅައިގެން ހުރި ދިއްލިފައިވާ ފޭރާމް ހީވަނީ ބިއްލޫރިގަނޑެއް ދިޔާ ކޮއްލާފައި އެ އަންހެންކުއްޖާގެ ބަނިޔާދަން ހަށިގަނޑުގައި ތަތް ކޮއްލާފައި ހުރި ހެންނެވެ.

އެހެނަސް ކުޑަ މިންވަރަކަށް ވެސް އެ ރީތި ހަށިގަނޑުގެ އައުރައެއް އެ ވިދައި ބަބުޅާ ދަޅައަމުން ދާ ބިއްލޫރި ފޭރާމުގެ އެތެރެއިން ފެންނާކަށް ނުހުރެއެވެ. އެ އަލިގަދަ ފޭރާމް އެއީ ދުވަހަކު ވެސް ސިއްދީގު ދެކިފައިނުވާ ފަދަ ވައްތަރެއްގެ ހެދުމެކެވެ. މި ބިއްލޫރި ފޭރާމުން އެ ވިދައި ބަބުޅާ ބެބުޅުމަކުން ސިއްދީގު އަށް އެއާ ދިމާއަށް ބަލަންވެސް އުނދަގުވިއެވެ. އެއިން އެ ނިކުންނަ އަޅަމުން ދާ ދަޅައަކީ އިންސާނެއްގެ ލޮލަށް ބަލަން ކުޅަދާނަ ވާވަރުގެ އެއްޗެއްނޫނެވެ.

އެފެންނަ ރީތި އަންހެން ކުއްޖެއްގެ ފުރަގަހުގައި އެހެރީ ބޮޑު ރީތި ދެވަރަ ފަޅާފައެވެ. އެ ވަރައިން ހުރީ ގަދަ އައްޔެއް ނިކުމެނިކުމެއެވެ. އެ އަންހެން ކުއްޖާގެ ދެއަތުގައި ވެސް އެހާ ބައިވަރު ބޮޑު ތަނޑުބައެއް އަޅާފައި ހުއްޓެވެ. އޭނާ އަކީ ޕަރީއެއް ބާ؟ ނުވަތަ އެއީ ކޮންބާވަތެއްގެ މަޚްލޫގެއް ބާ؟ އެ ފެންނަނީ ޕަރީ އެކެވެ. ހަމަ ޔަޤީނެވެ. އެހެންނޫންނަމަ އެކުއްޖެއްގެ ބުރަކަށީގައި ފިޔަގަނޑެއް ފަޅައިފާ އެއް ނުހުންނާނެއެވެ.

މި އަންހެން ކުއްޖާ އެހެންހުރެ އޭނާގެ ބުރަކަށިން ފިޔަގަނޑު ނައްޓާލާފައި އެތާހުރި ގަހެއްގެ ގޮފިގަނޑުގައި ހެދުމެއް އަޅުވާހެން އަޅުވައިލައިފިއެވެ. މިތަން ސިއްރުން ބަލަން ހުރި ސިއްދީގު ވަރަށް ބިރުގަނެއްޖެ އެވެ.

ފުރަތަމަ ސިއްދީގު އަށް ހީކުރެވުނީ އެ އަންހެން ކުއްޖާ ފަހަތުގައި ހުރި ދެ ވަރަ ބިނދުނީ ކަމަށެވެ. ނުވަތަ އޭނާގެ ފަހަތުން އަތްއަޅައި އެ ބޮޑު ދެފިޔަގަނޑު އުފުރައިލައި ފައި ދަމައި ނައްޓާލިކަމަށެވެ. އަދި އެ އަންހެން ކުއްޖާ ރީތި ރާގެއް އަޅުވައިލައިގެން މަޑު މަޑުން ފެންގަނޑު މަތީގައި ހަމަޖެހިލައިގެން ހިނގާފައި އެ ދިޔައީ ފެންގަނޑު މެދެއްހާ ތަނަށެވެ.

ދެން ކުއްލި އަކަށް އެ ކުއްޖާ ކޮޅަށް ހުރެ ފުންމައިގެން މައްޗަށް އަރައިފައި އެނބުރިގަތެވެ. އޭނާ ހުރީ ދެ އަތް މައްޗަށް ނަގައިން ނެވެ. އެހެންވެ އެ އަންހެންކުއްޖާ ގެ ދެ އަތުގައި އަޅާފައި ހުރި ބިއްލޫރި ތަނޑުބައިތަށް ތެޅިލަމުން ދިޔަ އަޑު ވިގެން ދިޔައެވެ.

އެވަގުތު އެ އަންހެން ކުއްޖާގެ އޮރެންޖު ކުލައިގެ ދިގު އިސްތަށިގަނޑު ވައިގެ ތެރޭގައި ވިހުރި ރަން ކުލައިން ދިއްލުނެވެ. ވަކި ހިސާބަކަށް މައްޗަށް އަރައިފައި އެ އަންހެންކުއްޖާ އެހުރި ގޮތަށް ކޮޅަށް ހުރެފައި އެ ފުންމާލީ އެ ފެންގަނޑަށެވެ. މުޅިފެންގަނޑު ފޮނާއި ބޮކި އަރައިގެން ދިޔައެވެ. އެ އަންހެންކުއްޖާ ފެންގަނޑަށް ފުންމާލުމާ އެކީ މުޅިފެންގަނޑުން ރަތް ކުލައިން ދިއްލިގެން ރެދަންލާން ފެށިއެވެ.

ހީވީ އެކުއްޖާ ފެންގަނޑު ތެރެ އަށް ގަނބައި ގަނެގެން އަޑި އަށް ދިޔަ ހެންނެވެ. މިތަން ބަލަންހުރި ސިއްދީގު ދެފަޔަށް ލެވުނުހައި ބާރެއްލާފައި ދުއްވައިގަންނަން ހިތަށް އެރިއެވެ. އެހެންނަމަ ވެސް އަދިވެސް ދުރުގައި އަނދިރިގަނޑުތެރޭ ފަތްތަކުގެ ތެރޭގައި ނިވާވެ ފިލައިގެން ހުރީއެވެ. ކުޑަ އިރުކޮޅެއް ވެއްޖެ އެވެ. އެ އަންހެންކުއްޖާ ފެންގަނޑަށް ފުންމާލާފައި އަދި ވެސް މައްޗަކަށް ނާރައެވެ.

މުޅިފެންގަނޑު ވަނީ ދިއްލި އަލިވެފައެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ދުންފިނިގަނޑެއް މުޅިފެންގަނޑު މަތީގައްޔާއި ވަށައިގެން ފުސް ބުރައިގެން އެނބުރެން ފަށްޓައިފިއެވެ. އެހާ އިރުވީ އިރު ވެސް އެ އަންހެންކުއްޖާ ފެންގަނޑުން މައްޗަކަށް ނާރައެވެ. އަނެއްކާ އެ އަންހެންކުއްޖާ ފެންގަނޑުގެ ތެރެއަށް ގެނބުނީ ނޫންބާެ..!

ސިއްދީގު ގެ ހިތް ތެޅެން ފެށިއެވެ. ހިސާބަކަށް ހާސްވާންފެށިއެވެ. އެ އަންހެންކުއްޖާއަށް ވީ ގޮތަކާމެދު ވިސްނެން ފެށިއެވެ. ސިއްދީގުއަށް ވެފައި ހުރި ހާސް ކަންމަތީ އަދި އޭނާ ގަނެފައި ހުރި ބިރަކާ އެކު ބޭއިޚްތިޔާރު ގައި އެތަނުން ނިކުމެގެން ގެއަށް ދިއުމު ގެ ބަދަލު ގައި އޭނާއަށް ފިޔަވަޅު އެޅުނީ ކުރިމަތީގައި އޮތް ފެންގަނޑުގެ އަޑި ބަލައިލަން އެތަނަށް ދާށެވެ. ސިއްދީގު ވަރަށް މަޑުން ހިނގައިފައި ގޮސް އެފެންގަނޑާ އަރާ ހަމަވެ ކޮންމެސް ވަރަކަށް ފެންގަނޑާ ދިމާައަށް ބޯދިއްކޮށްލައި ބަލާލިއެވެ.

ސުބްހާނަ ﷲ.....! ފެންގަނޑު އަޑި ހީވަނީ ބޮޑު ލޯގަނޑެއް ބާއްވާފައި އޮތް ހެންނެވެ. އެ ފެންގަނޑަށް ފުންމާލި އަންހެންކުއްޖާ ވަރަށް ފުނުގައި ހުދު ކަފަ ކޮޅެއްހެން ދިއްލިފައި ހުރިތަން ފެނުނެވެ. މިފެންގަނޑު މިހާރު ހީވަނީ ޖާދުވީ ތަނެއް ހެންނެވެ. އެތަނުން އެދުވާ މީރު ވަހަކުން ފެންގަނޑާ ދުރަށް ދާހިތެއް ވެސް ނުވެއެވެ. ހީވަނީ ފެންގަނޑު އެއީ ބޮޑު އަތަރު ތެޔޮ ވަޅުގަނޑެއް ހެންނެވެ. ސިއްދީގު މިހެން ސިއްރުން ބަލަން ހުއްޓައި އެއްކަލަ އަންހެންކުއްޖާ ފެންގަނޑުން މައްޗަށް އަރައިގެން އަންނަތަން ފެނިއްޖެއެވެ.

ސިއްދީގަށް ގެންފައިހުރި ބިރުވެރި ކަމަކުން އެތާ ހުންނަން ނުކެރިގެން ދުވެފައި ގޮސް ގަސްބުޑުގެ ފަތްތަކުގެ ތެރޭގައި ފިލައިފިއެވެ. ދެން ހުރީ ސިއްރުން ވާގޮތެއް ބަލާށެވެ. އެ އަންހެންކުއްޖާ ފެންގަނޑުން މައްޗަށް އަރައިފިއެވެ. އޭނާ ހުރީ ފެންގަނޑުގެ މަތީގައި ކޮޅަށެވެ. އޭނާ ހުރީ މުޅިގައިން ފެން ހިކިފައެވެ. ނަމަވެސް އޭނާގެ އޮރެންޖު ކުލައިގެ ދިގު ުބޮޑު އިސްތަށިގަނޑު އޮތީ ތެމިފައެވެ. އެ އަންހެންކުއްޖާ ގެ އޮރެންޖު ކުލައިގެ ދިގު އިސްތަށިގަނޑު ދުރަށް ފެންނަ އިރު ހީވަނީ އަލިފާން ރޯވެ ދިއްލިފައި އޮންނަ ހެންނެވެ.

ދެން މި އަންހެންކުއްޖާ ފެންގަނޑު މަތީ ހިނގަމުން ގޮސް އޭނާ ގޮފިގަނޑުގައި އެޅުވި ފިޔަގަނޑު ނަގައި އޭނާގެ ބޮލުން ފަހަތަށް ވާގޮތަށް އެއްލައިފިއެވެ. ހަމަ އެއްލުމާ އެކީ އެ ވަރަ ގޮސް ފާޑެއްގެ ގޮތަކަށް ފަހަތުން ބުރަކަށީގައި ފެތުރިއްޖެއެވެ. އެހެންނަމަ ވެސް އެ އަންހެންކުއްޖާ ގެ ބުރަކަށީ ގައި އެފިޔަގަނޑު ހަރުވެފައި ހުންނަ ތަނެއް ނުފެނެއެވެ. އެހެނަސް އެ ކުއްޖާގެ ވަރައިގެ ހިޔަނި ފަހަތުގައި ވިދާލަ ވިދާލަ ހުއްޓެވެ. މި އަންހެންކުއްޖާ އެތާހުރި ގާގަނޑެއްގެ މަތީ އިށީނދެ އަތުގެ އިނގިލިތަކުން އޭނާގެ އޮރެންޖު ކުލައިގެ އިސްތަށިގަނޑާ ކުޅެލަކުޅެލާ އެހެންއިނދެ ވަރަށް ރީތިކޮށް ލަވައެއް އެބަ ކިޔައެވެ. އެ އަންހެންކުއްޖާގެ އެހެރަ ރީތި އަޑަކުން ސިއްދީގުގެ ގައިން ހީބިހި ނަގައިގަތެވެ. އެ އަޑުގައި ހުރި ޖާދުވީ ރީތި ގޮތަކުންނެވެ.

ހީވަނީ އެއަޑުގެ ތެރެއިން އުފާވެރި ކަމެއްގެ އަޑު އަންނަ ހެންނެވެ. އެއަޑަކީ ވަރަށް އޮމާން އަހަން ފަސޭހަ ބިއްލޫރިން ނިކުންނާނޭ ފާޑުގެބުނެދޭން ނޭނގޭ އެހެނަސް ރީތި ވައްތަރެއް ގެ އަޑެކެވެ. ސިއްދީގު ހިތަށް އަރަމުން ދިޔައެވެ. މިއީ ޕަރީން ލަވަކިޔާ އިރު އަޑަށް އަންނަ ބަދަލެއްބާ! ނޫނީ އޭނާ އަށް ހީވާ ގޮތް ބާ؟

އަންހެންކުއްޖާ ފެންގަނޑަށް ދެފައިލައިގެން އޭނާގެ ބޮލުގެ އޮރެންޖުކުލައިގެ އިސްތަށިގަނޑުގައި އަތުން ކުޅެލަކުޅެލައި އިންނައިރު ހީވަނީ އެއީ ހޭލާހުއްޓައި ފެންނަ ހުވަފެނެއްހެންނެވެ. އަދި އޭނާ ރީތި ރާގެއް އަޅުވައިލައިގެން އެކިޔާ ލަވަ ކިޔާލަކިޔާލަ އެ އަންހެންކުއްޖާގެ އޮރެންޖު ކުލައިގެ އިސްތަށިގަނޑާ ކުޅެމުން ދާއިރު އެކުއްޖާގެ ދެއަތުގެ ކޮނޑާހަމައިން އަތުގެ ތިރިއަށް އަޅައިފައި ހުރި ބިއްލޫރި ތަނޑުބައި ތެޅޭ އަޑުން ހީވަނީ އޭނާ ކިޔަމުން ދާ ލަވަ އިތުރަށް ފުރިހަމަ ކުރުވާ މިއުޒިކެއް ކުޅެލާހެންނެވެ.

ކުޑައިރުކޮޅަކު އޭނާ ފެންގަނޑާ ދިމާއަށް ބަލަހައްޓައިގެން ކޮންމެ ވެސް ފިކުރެއްގައި އެބައިނެވެ. ދެން އޭނާ ކަކުލުގައި ބޯ ޖަހައިގެން އިނދެ ކޮންމެ ވެސް ކަމަކާ އެބަ ވިސްނައެވެ. އެހެން އިނދެފައި އޭނާ އުޑު މައްޗަށް ބަލައިލިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އެކުއްޖާގެ ހަށިގަނޑުން އަލިތަކެއް ނިކުންނަން ފެށިއެވެ. ވިއްސާރަ ދުނީގައި ވާކަހަލަ އެކިކުލަކުލަ އަލިވެ އަލިފާންކަނި ބުރުވާކަހަލަ ގޮތަކަށް ގަދަ ނޫކުލައިން ހުޅުގަނޑެއް އެއަންހެންކުއްޖާގެ ހަށިގަނޑުގައި ރޯވާން ފެށިއެވެ.

އެގޮތަށް އިނދެ ބޮޑު އަލިފާން ގުޅައަކަށް އޭނާ ބަދަލުވެ މުޅިތަނަށް ގަދަނޫކުލައިން އަލިފާންކަނި ބުރުވަން ފަށްޓައިފިއެވެ. އެހެން ހުރެ އެއަލިފާން ގުޅަ މައްޗަށް އަރައިގެން ވަރަށް ބާރަށް ދަތުރު ކުރަންފަށައިފިއެވެ. ގާތްގަނޑަކަށް އެކާވީސް ސިކުންތުހާއިރުންު އެއަލިގުޅަ ޖައްވުގެ ތެރެއަށް ގޮަސް ގެއްލިއްޖެއެވެ. މި މަންޒަރު ބަލަން އިން ސިއްދީގު މިހާރު އިނީ އޭނާގެ ހިާތަށް އަރުވާނެ އެއްޗެއް ނޭނގިފައެވެ. ސިއްދީގަށް މިފެނުނީ ހަގީގަތުގައި ވެސް ޕަރީ އެކެވެ. ނުވަތަ އެއީ ޖިންނީންގެ ވައްތަރެކެވެ. ހަމަ ގައިމު ވެސް އެފެނުނީ އިންސާނެއް ނޫނެވެ.

މިއީ ސިއްދީގަށް އޭނާގެ މުޅި ހަޔާތުގައި ފުރަތަމަ ފަހަރަށް ދުށް ހަގީގީ ޕަރީއެވެ. މީގެ ކުރިޔަކުން އޭނާ އަކަށް އެހާރީތި އަންހެނެއް ނުވަތަ މަޚްލޫގެއް އަދި މިހައިތަނަކަށް ސިއްދީގުގެ މުޅި ހަޔާތުގައި ވެސް ދެކިފައި ނުވެއެވެ. ސިއްދީގު ގެއަށް ދާން ހިނގައިގަނެފިއެވެ. އޭނާ ހިނގަމުން ދިޔަ ވަގުތުގައި ވެސް ސިއްދީގު އަށް ޙިޔާލު ކުރެވެނީ އެ އަންހެންކުއްޖާ ގެ ރީތި ސިފަޔާ މެދުގައެވެ. އެ ކުއްޖާކިޔަމުން ދިޔަ ލަވައިގެ އަޑު ސިއްދީގު ގެ ބޮލުތެރޭ ގައި އަބަދު އިވި އިވި ހުރި ކަހަލައެވެ. މިގޮތަށް ސިއްދީގު ދަންވަރު އެކަނި ހިނގަމުން ދިޔަވަގުތު އިރު އިރުކޮޅަކައި އޭނާ އަށް ބޭއިޚްތިޔާރުގައި އުޑާ ދިމާ މައްޗަށް ބަލައި ލެވެއެވެ. ކުރިން އެ ފެނުނު އަލިގަދަ ތަރި ފެނިދާނެ ކަމުގެ އުންމީދުގައެވެ.

ވާނުވާ ނޭނގި އެގޮތަށް ހުރެ ސިއްދީގު އަށް ގެއަށް އާދެވުނު އިރުވެސް ނޭނގުނެވެ. ގެއަށް އާދެވިއްޖެކަން އެނގުނީ އޭނާގެ ފައި ގޮސް ގެއަށް ވަންނަން ހުރި ދޮރާށީ ގައި ފައިން ޖެހުނީމައެވެ. ސިއްދީގު ހުރީ ހަމަ އޭނާ އަށް އެ ފެނުނު ޕަރީ އާއި ދޭތެރޭގައި ވިސްނާށެވެ. އަވަހަށް ގެއަށް ވަދެ ކޮޓަރިއަށް ވަދެއްޖެއެވެ. ވަން އިރު އެ ކޮޓަރީގައި ސިއްދީގު ގެ އެނދާ ޖެހިގެން ހުރި ފައްޖެހި އެނދެއްގައި މުއާވިއަތު ގަދަ ނިދީގައި އޮތެވެ. ދެން އޭނާ ބަލާލީ ފާރުގައި ހުރި ގަޑިއަށެވެ. މިހާރު ގަޑިން އެހެރަ ތިންގަޑި ބައި ވަނީއެވެ. ސިއްދީގު ވެސް ނިދަން އަރައި އޮށޯވެއްޖެއެވެ.

އަނެއްދުވަހު ހެނދުނު މުއާވިޔަތު އިނީ ހެނދުނުގެ ނާސްތާ ކުރާށެވެ. ރޮށްޓާ ތެލުލި ރިހާކުރާ ކާންއިނދެފައި އަތުގައި އޮތް އަތުކުރި ގަޑިއަށް ބަލާލިއެވެ. މިހާރުގަޑިން އެހެރަ ނުވަގަޑި ތިރީސް ވަނީއެވެ. އަދި ވެސް ސިއްދީގު ނުހޭލަނީ ބާވައެވެ. ރޭގައި ޢީދު ކުޅިވަރު ތައް ބަލަން ގޮސް މުއާވިއަތަށް ގެއަށް އާދެވުނީ މެންދަމު ބާރަގަޑި ބައިވީފަހުންނެވެ. އެއިރު ސިއްދީގު ގެއަކު ނެތެވެ. މުއާވިއަތު އޭރު ދެތިން ފަހަރަކަށް ސިއްދީގަށް ގޮވާ ހެދިއެވެ. އެކަމަކު އޭނާގެ ޖަވާބެއް ނުލިބުމުން ހީކުރީ ސިއްދީގު ވެސް ވާނީ ޢީދު ކުޅިވަރު ބަލައިލަން ނިކުމެ އިންނާނެ އަންހެންކުއްޖަކު ހޯދަން ރަށުތެރޭގައި ކަމަށެވެ. މުއާވިއަތު ސައިބޯން އިންދާ ކުއްލިއަކަށް ވަރަށް ނިދި އަންނަ ފާޑުގޮތަކަށް ކަންނެތް ވެފައި ސިއްދީގު އެތަނަށް އަތުވެއްޖެއެވެ.

ސިއްދީގު އައުމާއެކީ މުއާވިޔަތު ބުނެލިއެވެެެ.

"ކޮބާ ކަލޯ ރޭ ރަނގަޅަށް ނުވެސް ނިދުނުދޯ......!"

ސިއްދީގު ނިދިބުރައިގެން ހުރެ އާ ފުރެމުން އާއެކޭ ބުނާގޮތަށް މޯޅިއަކަށް ދެމިލާފައި ބޯޖަހައިލިއެވެ. މުއާވިޔަތު ވާހަކަ ދެއްކިއެވެ.

"އެހެންތަ؟ ރޭގައި އަހަރެން ޢީދު ކުޅިވަރު ބަލަން ފޮނުވާލައިފައި ކަލޯ ވެސް އިންނާނެ ކުއްޖަކު ހޯދަން މުޅިރަށު ތެރޭގައި ބުރުޖެހީދޯ.......؟"

ހެމުންހެމުން މުއާވިޔަތު މިހެން ބުނެލިއެވެ. މިގޮތަށް މުއާވިޔަތު ބުނުމުން ސިއްދީގު ވަރަށް ހައިރާންވިއެވެ. ސިއްދީގު ހިތަށް އަރައެވެ. އަނެއްކާ މުއާ ރޭގަ އަހަރެންގެ ފަހަތުން އައީ ބާ؟ ސިއްދީގަށް އަނގައިން ބަހެއް ނުބުނެވިއުޅެނިކޮށް މުއާވިޔަތު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ހޫނ ހޫނ ދެންހެވޭ.....! ރޭގަ ސިއްދީގު އެއްނުން ބޮނޑިބަތް ކައްކާފަ ކާންދޭނެ އަންހެންކުއްޖަކު ހޯދައިގެން ތިއުޅެނީދޯ.....؟!"

މިހެންކިޔައި މުއާވިޔަތު ކައިނިމިގެން ފެންފޮދެއް ބޯލިއެވެ. މިއީ އަސްލުގައި މުއާވިއަތަށް އެއްވެސް އެއްޗެއް އެނގިގެން ބުނި އެއްޗެއް ނޫނެވެ. ހަމަ މަޖާކޮށް ދިމާކޮށްލުމުގެ ގޮތުން މުއާވިޔަތު ބުނެލި އެއްޗެކެވެ.

ސިއްދީގު އައިސް ހެނދުނުގެ ސައި ބޮއެގެން ދުފާލަން ނިކުތީ އެގޭ ގޯތިތެރޭގައި ހުރި ބޮޑު އުނދޯއްޔަށެވެ. އެތާނގައި އިނދެ ދުފައި ބިޑިއެއް ރޯކޮށްލައިގެން އިން ހަމަ ވަރަށް ވެސް ބޮޑު ފިކުރެއްގައެވެ. ސިއްދީގު ވިސްނަން އިންދާ މުއާވިޔަތު އެތަނަށް އަތުވެއްޖެއެވެ. މުއާވިޔަތު ވެސް ދުފާއިގެން ސިއްދީގާ ވާހަކަ ދައްކާލަން އޭނާ ގާތުގައި އުނދޯލީގައި ޖައްސާލިެއެވެ.

"އޭ މިއަދު ކޮން ފިކުރެއްގަތަ ތިއިނީ....؟" މުއާވިޔަތު ބުންޏެވެ." އަނެއްކާ ބަލީތަ......؟ ކިހިނެއްވެފަ މިއަދު ތިހުންނަނީ.....؟"

"އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަން އެބައޮތް......!"ޖަވާބުގައި ސިއްދީގު ބުންޏެވެ.

މުއާވިޔަތު އަށް ހީކުރެވުނީ ސިއްދީގު އެރަށުގައި ހުންނަން ބޭނުންނުވެގެން އުޅެނީ ކަމަށެވެ. އެހެންމީހަކު ގޯތިތެރޭގައި ފެންނަން ހުރިތޯ ބަލައިލުމުގެ ގޮތުން ދެފަރާތަށް ބަލައިލައިފައި ސިއްދީގު ވަރަށް މަޑުމަޑުން ބުންޏެވެ.

"އޭ! ރޭ އަހަރެންނަށް ވަރަށް އާދަޔާ ޚިލާފު ކަމަކާ ކުރިމަތި ލާންޖެހުނޭ......؟"

މުއާވިޔަތު ގާތަށް އައީ ހިންޏެވެ. މުއާވިޔަތު މަޖާ ފާޑަކަށް ބުނެލިއެވެ.

"އަސްތާ.....! އަނެއްކާ ކޮންކަމެއް ލައިގަތީ......؟ އިންނާނެ އަންހެން ކުއްޖަކު އެންމެފަހުން ހޯދީ ދޯ.....؟"

ސިއްދީގު ވަރަށް ކަންބޮޑުވެފައި ބުންޏެވެ.

"ނޫން! އަސްލުގަ ވެސް ރޭ ކަންތައް ގަނޑަކާ ކުރިމަތި ލާންޖެހުނޭ! އަހަރެން ބިރުން ހަލާކުނުވީ ހަމަ ކިރިއާ!" މިހެން ސިއްދީގު ބުނެލިގޮތުން އަދި އޭނާގެ މޫނުމަތީގައިވާ ހާސްކަން މުއާވިޔަތު އަށް ފެނިގެން އޭނާ ވެސް ސަމާސަގޮތް ކަނޑުވާލައި ވީކީއްތޯ އޮޅުން ފިލުވަންވެގެން އެދިމާވި ކަމެއްގެ ވާހަކަ ކިޔައިދޭން ބުންޏެވެ. ދެން ސިއްދީގު ރޭ ހިނގާދިޔަ ބޮޑު ހާދިސާ ކިޔައިދީފިއެވެ.

އެ އަންހެންކުއްޖާ އަކީ ސިއްދީގަށް މި ރަށުތެރެއިން އެދެވުނު ފެންގަނޑެއްގެ ކައިރިން ފެނުނު އަންހެންކުޖެއްކަމާއި އެހައި ދަންވަރުގެ ވަގުތެއްގައި އެކުއްޖަކު ފެންގަނޑަށް ފައިބާ ފެންވަރަން އެރިއުޅުނު ކަމެވެ. އެ އަންހެންކުއްޖާ ހުރީ އެކަނި މާއެކަނި އެވެ. އޭނާ އެއްވެސް ބިރެއްގެ ކަންފުޅެއް ނެތި އެއޮށްފަދަ ދަންގަޑީގައި އެ ބޮޑު ފެންގަނޑަށް އެރިއުޅުނު ވާހަކަ ތަކެވެ.

މިހައިތަނަށް އަދި ސިއްދީގަށް ދުވަހަކު ވެސް ނުފެންފަދަ ރީތި އަންހެންވަންތަ ސޫރައެއް ހުރި މި ކުއްޖަކީ އިންސާނެއް ނޫންކަން ސިއްދީގަށް ޔަޤީންކަމެވެ. އަދި މިހާރު އޭނާއަށް އަބަދު އެ ރީތި ކުއްޖާގެ މަތިން ހަނދާންވާކަމަށް ބުންޏެވެ. މުއާވިޔަތު އިނީ ވަރަށް ބިރު ގެންފައެވެ. އަނެއްކާ ސިއްދީގު މި ދެއްކި ވާހަކަ އަކީ ހަގީގަތެއްބާ ވައޭ މުއާވިޔަތު ހިތަށް އެރިއެވެ.

"އަވަހަށް ހިނގާ އަހަރުމެން މިރަށުން ފައިބާން.....؟ ތިބުނާ އަންހެންކުއްޖަކު ވާނީ ޖިންނިއަކަށް ނޫނީ ހަންޑިއަކަށް....! އެކަހަލަ އެއްޗެއް އަވަލައިފިއްޔާ ވަރަށް އުނދަގޫވާނެ އެއެއްޗެއްގެ ކިބައިން ސަލާމަތްވާން..."

މިހެން ކިއިރު މުއާވިޔަތު އިނީ ވަރަށް ބިރުގެންފައެވެ. މުއާވިޔަތު ބިރުގެންފައި އިން ވަރުން ހާސްކަންމަތީ އަވަސް އަވަހަށް ބުންޏެވެ.

" އަހަރެންގެ ހިތަށް އަރާ މިނާމާން ރަށަށް ނާދެވުނުނަމައޭ.......!"

ސިއްދީގު މުއާވިޔަތު ގާތުގައި ހަމަޖެހުމަށް ބުނެފައި ބާރަށް ވާހަކަ ވެސް ނުދެއްކުމަށް ބުންޏެވެ.

(ނުނިމޭ)