ފުލުހުންގެ ހައްޔަރުގައި ހުއްޓާ ނިޔާވި އަބްދުالله ރަޝީދު (މާޓީ) ގެ މަރުގެ މައްސަލައިގައި ފުލުހުންގެ އެއްވެސް އިހުމާލެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރާ ސުވާލުކުރުމަށް މެމްބަރުންނަށް ލިބުނު ފުރުސަތުގައި މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރަޝީދުގެ މަރުގެ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވާ ކަމަށް ބުނެ، މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ހޯމްމިނިސްޓަރާ ސުވާލު ކުރައްވަމުން ވިދާޅުވީ ނިޔާވި އަބްދުالله ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު މިހާތަނަށް ފުލުހުންގެ ފަރާތުން އާއިލާއަށް އެންމެ ފޯނުކޯލެއް ވެސް ކޮށްފައި ނުވާކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ފުލުހުން ބުނެފައިވާއިރު، މިހާރު އެ މައްސަލަ އޮތީ ކިހާ ހިސާބެއްގައިތޯ ފިރުޝާނު ވަނީ ސުވާލު ކުރައްވާފައެވެ.
ފިރުޝާންގެ ސުވާލާ ގުޅިގެން މިނިސްޓަރ އިމްރާން ވިދާޅުވީ ރަޝީދުގެ މަރާ ގުޅިގެން ޕޯސްޓްމޯޓަމް ހެދުމުގެ އިތުރުން އެ މައްސަލަ ތަހުގީގު ކުރީ އެކަމުގައި ފުލުހުންގެ ފަރާތުން އަނިޔާއެއް ނުވަތަ އިހުމާލެއް އޮތްތޯ ބެލުމަށް ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ތަހުޤީޤަށް ފާހަގަވެފައި ނުވާކަމަށް އިމްރާން ވިދާޅުވިއެވެ.
"ފުލުހުންގެ ސީދާ އަނިޔާއެއް ނޫނީ އިހުމާލެއް އޮވެގެން އޭނާ މަރުވުމަށް ދިމާވިކަމުގެ އެއްވެސް ހެއްކެއް އަޅުގަނޑުމެންނަށް ލިބޭކަށް ނެތް،" އިމްރާން ވިދާޅުވި އެވެ.
ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުގައި ހުއްޓާ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހު ރަޝީދު ނިޔާވުމުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް ތުހުމަތު ކުރާތީ، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި އެޗްއާރުސީއެމުން ވެސް ވަނީ އެމައްސަލަ ތަޙުޤީޤު ކޮށްފައެވެ.
ފުލުހުން ބުނެފައިވާގޮތުގައި ރަޝީދު ނިޔާވީ، މެއަށް ތަދެއް އަރައި ސީޒަރގެއަލާމާތްތަކެއް ފެނުނު ކަމަށް ގދ.މަޑަވެލި ސިއްހީ މަރުކަޒަށް ގެންދިޔަ މަގުމަތީގައިކަމަށެވެ. އޭރު ރަޝީދު ހުރީ ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ރަޝީދުގެ މަންމައާއި އާއިލާގެ ހުރިހާ އެންމެންވެސް ބުނެފައިވަނީ ރަޝިދު ނިޔާވެފައި ވަނީ ފަރުވާއަށް އެދި ފުލުހުންނަށް އާދޭސް ކުރާތާ 2 ގަޑިއިރެއްހާއިރު ފަހުން ކަމަށެވެ.
ރަޝީދުގެ އާއިލާއިން މިމައްސަލައިގައި މީޑިއާތަކަށް މައުލޫމާތުދެމުން ކިޔައިދީފައިވާގޮތުގައި ރަޝީދަށް ސިއްހީ ފަރުވާދިނުމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އާއި މަޑަވެލީ ކައުންސިލްގެ ނައިބު ރައީސް ވެސް ފުލުހުންނަށް ދެންނެވި އެވެ. ނަމަވެސް ސިއްހީ ފަރުވާ ދިނުުގެ ފުރުސަތު ފުލުހުން ރަޝީދަށް ދީފައި ނުވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ރަޝީދުގެ ޕޯސްޓްމޯޓަމް ހަދާފައިވަނީ އާއިލާގެ ނުރުހުމުގައި ކޯޓު އަމުރެއް ހޯދައިގެންނެވެ.