ރިޔާސީ އިންތިހާބާ ގުޅިގެން 'ފިކުރެއްގެ ދިރުން' ފެކްޝަނުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއެކު ކުރަން ފެށި މަޝްވަރާތަކުގެ ތެރޭގައި އެއްބަސް ނުވެވޭ ކަންކަން ހުއްޓަސް އެ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށް ކަމަށް އެ ފެކްޝަނުން އުފައްދާ "ދަ ޑިމޮކްރެޓްސް"ގެ ސްޕޯކްސް ޕާސަން އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އުފައްދަވައިގެން އުޅުއްވާ 'ފިކުރެއްގެ ދިރުމުން' ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖޭޕީ އާއެކު މަސައްކަތް ކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން ބައެއް ކަންކަން ޖޭޕީއަށް ވަނީ ހުށަހަޅާފައެވެ. އެކަންކަމުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ފިކުރެއްގެ ދިރުމުގެ މިހުށަހެޅުމާ ވަނީ ދެކޮޅުވުމުން ޖޭޕީއާއި ފިރުކުރެއްގެ ދިރުމާ ދެމެދުގެ ގުޅުމަށް ނޭދެވޭ އަސަރުކުރިކަމަށް އަޑު ފެތުރުނެވެ.
މިކަމާ ގުޅިގެން "ދަ ޑިމޮކްރޭޓްސް"ގެ ސްޕޯކްސް ޕާސަން އަފްޝަން ލަތީފް ވިދާޅުވީ، ފިކުރެއްގެ ދިރުމުގެ ފެކްޝަނުން ޖޭޕީއަށް ހުށަހެޅި ކަންކަން އަނބުރާ ނުގެންނަ ކަމަށެވެ. އަދި މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށް ކަމަށް އަފްޝަން ވަނީ ވިދާޅުވެފައެވެ.
"ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނާ ވަރަށް ގާތް ގުޅުމެއް ގެންގުޅުއްވާ ބޭފުޅެއް، މިހާރު ވެސް އެކި ކަންކަމުގައި އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާ ބޭފުޅެއް.. ގާސިމް އިބްރާހިމާއި ޖޭޕީއާއެކު އޮތް އެއްވެސް މަޝްވަރާއެއް ނުހުއްޓޭނެ،"
އަފްޝަން ވިދާޅުވީ، ޖޭޕީގެ ތެރޭގައިވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ބޭފުޅުންވެސް ތިއްބެވިކަމަށެވެ. ޕީޕީއެމްގައިވެސް ތާއީދުކުރައްވާ ބޭފުޅުން އެބަ ތިއްބެވިކަމަށެވެ. ހަމައެހެންމެ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަކީ އިންތިހާބަށް އެކުގަ މަސައްކަތް ކުރުމަށް ކުރެވޭ މަޝްވަރާތަކުގައި ޖެހޭނެ މައްސަލައެއް ނުވަތަ "ޑީލް ބްރޭކާ" އެއް ނޫން ކަމަށެވެ.
"މަޝްވަރާތަކުގައި ބައެއް ކަންކަން އެލައިން ވާނެ، ބައެއް ކަންކަމުގައި އެއްބަސްވެވޭނެ، ބައެއް ކަންކަމުގައި އެއްބަސް ނުވެވޭނެ، ކޮމަން ގްރައުންޑެއް އަޅުގަނޑުމެން ހޯދަން ޖެހޭނީ، އެ މަޝްވަރާތައް އަދިވެސް ކުރިއަށް ދާނެ،" އަފްޝަން ވިދާޅުވިއެވެ.
އަފްޝަން ވިދާޅުވީ، ޖޭޕީ އާއެކު އެއްބަސްވެވޭނެ ކަންކަމާއި އެއްބަސް ނުވެވޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެއްބަސް ނުވެވޭ ކަންކަމުގައި އިތުރަށް މަޝްވަރާކުރާނެ ކަމަށެވެ. އަދި ސިޔާސީ މަޝްވަރާއަކީ ހުއްޓޭނެ މަޝްވަރާތަކެއް ނޫން ކަމަށާއި ޖޭޕީ ނޫން އެހެން ޕާޓީތަކާއެކުވެސް މަޝްވަރާތައް ކުރެވޭ ކަމަށް އަފްޝަން ވިދާޅުވިއެވެ.
ތިޔަ ފަކުރޭ ފިކުރަކާއި އެއްބައިވާނެ އެއްވެސް ބަޔަކު މި ދިވެހި އުޑުދަށަކު ނެތެވެ. އެމެރިކާ އާއި ޔޫރަޕުގައި ތިބެދާނެއެވެ. އެހެނީ ތިޔައީ އަސްލު ފަރަންޖީ ފިކުރުތަކެއް ވިއްޔާއެވެ.