އިނގިރޭސިވިލާތުން އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހާ އަކީ މާލޭގައި ބޭއްވި ކައިވެނި ޕާޓީން ކޮވިޑަށް ޕޮޒިޓިވްވި އާއިލާއެއްގެ މެމްބަރެއް ކަމަށް އެޗްއީއޯސީން ބުނެފިއެވެ.
ޝީ ބިލްޑިންގްގައި ބޭއްވުނު މިހަފްލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވިއިރު ރޭގެ ނިޔަލަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 35 މީހުންނެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކައިވެނި ޕާޓީއާ ގުޅިގެން ފުރަތަމަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިމަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އަދި 25 ވަނަ ދުވަހު 12 މީހުން 26 ވަނަ ދުވަހު 21 މީހުން އަދި މިއަދު 88 މީހުން މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެޗްއީއޯސީން މިއަދު ބުނީ އިނގިރޭސި ވިލާތުން ރާއްޖެ އައި މީހެއްގެ ފަރާތުން އަލާމާތްތަކެއް ފެނިގެން ޓެސްޓުކުރި އިރު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭނާއަކީ ކައިވެނި ކްލަސްޓާއާ ގުޅުން އޮތް އާއިލާއެއްގެ މެމްބަރެއް ކަމަށް ވެސް ބުންޏެވެ.
"ކޮވިޑަށް ޕޮޒިޓިވްވި މީހާ ރާއްޖެ އައީ ކައިވެނީގެ ފަހުން. އޭރު އުސޫލު އޮތް ގޮތުން އޭނާ ކަރަންޓީނު ވާކަށް ނުޖެހޭ. އަދި އެ ކޭސްއަކީ އާ ސްޓްރެއިންގެ ކޭސްއެއްތޯ ބެލޭކަށް ނެތް،" އެޗްއީއޯސީން ބުނެފައިވެއެވެ.
ރާއްޖެއިން ބޭރުން އަންނަ ދިވެހިން ރާއްޖެ އަންނަ އިރު 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ އެއް އޮތް ނަމަ، އެ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކުރީ މި މަހުގެ 16 ވަނަ ދުވަހު އެވެ.