ވ.އަލިމަތާ ރިސޯޓުން މޫދަށް ކުނިއެޅި މައްސަލާގައި ޖޫރިމަނާ ކުރި 312،750 ރުފިޔާ 45000 ރުފިޔާއަށް ކުޑަކޮށްދީފި ކަމަށް އީޕީއެއީން ބުނެފިއެވެ.
އީޕީއޭއިން ބުނީ އަލިމަތާ ރިސޯޓުން ބުނީ ގަވާއިދާ ޚިލާފަށް، ތިންމަސް ނުވަތަ ދެމަސް ދުވަހުގެ މުއްދަތަކަށް ކަނޑަށް ކުނިއަޅާފައިވާކަން ކަށަވަރުވާނެފަދަ ލިޔެކިޔުމެއް ނެތުމާއި އަދި މިއީ ނަކައި ރިސޯޓު ގްރޫޕްގެ އަލިމަތާ ރިސޯޓުން ގަވާއިދާ ޚިލާފުވެގެން ޖޫރިމަނާ ކަނޑައެޅޭ ފުރަތަމަ ފަހަރުކަމަށްވުމާއެކު ކުރިން ކުރި ޖޫރިމަނާ އިސްލާހުކޮށްފައިވާ ކަމަށެވެ.
އަދި ޖޫރިމަނާގެ ގޮތުގައި މިހާރު ކަނޑައެޅިފައިވާ އަދަދަކީ 45,000 ރުފިޔާ ކަމަށާއި ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކުމަށް އަންގާފައިވާ ކަމަށެވެ. އަދި މިހާރު ރިސޯޓުގައި އުފެދޭ ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލަޔަށް ނެތިފަނާވެދާ (Biodegradable) ކުންޏާމެދު އަމަލުކުރާ ގޮތަކީ ކޮބައިކަމާއެކު ކުނި މެނޭޖް ކުރުމުގެ ޕްލޭން, ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ހުށަހެޅުމަށް ވެސް އަންގާފައިވާ ކަމަށެވެ.އަދި މިކަން އަންގާފައިވަނި މި މަހުގެ 16 ވަނަ ދުވަހުގައެވެ.
3 ޖުލައި 2022 ގައި އަލިމަތާ ރިސޯޓުން މޫދަށް ކުނި އެޅި މައްސަލާގައި 312,750 ރުފިޔާއިން ވަނީ ރިސޯޓު ޖޫރިމަނާ ކޮށްފައެވެ. އަދި އަލިމަތާ ރިސޯޓް ގެ ފަރާތުން އެ މައްސަލަ ވަނީ އިސްތިއުނާފު ކޮށްފައެވެ. އެގޮތުން އިސްތިއުނާފަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ވަނީ އީޕީއޭއިން ކުރި ޖޫރިމަނާ އިސްލާހު ކުރުމަށް އަންގާފައެވެ.