ސިއްދީގު މިރޭ އަދިވެސް ބޭނުންވަނީ އެފެންގަނޑު ކައިރިއަށް ދާށެވެ. އަދި އެއްފަހަރު ނަމަވެސް އޭނާއަށް އެފެނުނު ޕަރީ ފެނިދާނެކަމުގެ އުންމީދުގައެވެ. ހަގީގަތުގައި ވެސް ސިއްދީގު އެހުރީ ރޭގައި އޭނާއަށް ފެނުނު ޕަރީއާއި އަވަލައި އެއާ ދޭތެރޭ ހިތް ކިޔައި ލޯބި ޖެހިފައެވެ. ސިއްދީގު ބޭނުންވަނީ އަދި އެންމެފަހަރަކު ނަމަވެސް އެ ޕަރީފެންގަނޑު ކައިރިއަށް ގޮސް އެފެނުނު ޕަރީ ދެކިލާށެވެ. ސިއްދީގު އަދި ވެސް ހުރީ އެތަނަކަށް ދާން ވަރަށް ބޮޑަށް ބޭނުންވެފައެވެ. އެހެންވެ މުއާވިޔަތު ވެސް ބޭނުންވީ ސިއްދީގާ އެކީ އެފެންގަނޑު ކައިރިއަށް ދާށެވެ.

ސިއްދީގުމެން މިހާރު އެތިބަ ގޭގައި ދިރިއުޅޭ ކަތްދާފުޅު ދައްތަ ކައިރިން އެރަށުގައި އެއޮންނަ ރަތް ކުލައިގެ ފެންގަނޑަކީ ކޮން ފެންގަނޑެއްތޯ ސުވާލުކޮށް ހެދުމުން ކަތްދާފުޅު ބުނީ އެފެންގަނޑު އެއީ އެތާނގައި އަބަދު ވެސް އޮންނަ ކުޅިއެއް ކަމަށެވެ. އަދި އެއީ އެރަށު މީހުން އެހާ ގިނައެއް ކޮށް ގޮސް އުޅޭ ތަނެއްނޫން ކަމެވެ.

އެފެންގަނޑަށް ޖިންނި އަކު އެރި އުޅޭކަމަށް ވަންޏާ މުޅި އެ ސަރަހައްދުން ވަރަށް މީރު ވަހެއް ދުވާނެ ކަމަށެވެ. އިހުޒަމާނުގައި ވެސް އެރަށުގައި އުޅުނު ބައެއްމީހުން ބުނެ އުޅުނީ އެހައި މީރުވަހެއް ދުވަނީ ޖިންނީން އެފެންގަނޑަށް ފައިބާ ތިރި ކުރާއިރު ޖިންނީން ހުވަނދުން ދުން އަޅައި ދުން ބުރުވާތީ ދުވާ މީރު ވަހެއްކަމެވެ. އެއީ އެރަށު މީހުން އެ ވާހަކަ ކިޔާއުޅުނު ގޮތެވެ.

އެފެންގަނޑު އޮންނަ މަގެއްގެ ކައިރިން ހިނގާފައި ދާއިރު ވެސް އެ މީރުވަސް ދުވާކަމަށް ވަންޏާ އެއީ ޖިންނީން އެ ފެންގަނޑަށް އެރިއުޅެނީ ކަމަށެވެ. އަދި އެއްވެސް މީހަކު ބިރުން އެތަނަކަށް ކައިރިއެއް ނުވާނެކަމެވެ. ކަތްދާފުޅު ވަރަށް ޒުވާން ދުވަސްވަރުގައި އޭނާ އަށް ދިމާވި ބިރުވެރި ހާދިސާއެއްގެ ވާހަކަ ސިއްދީގުއާއި މުއާވިޔަތަށް ކިޔައިދިނެވެ.

ހުކުރު ދުވަހު އާދަވެގެން ކަތްދާފުޅު ގޭގައި ރޭގަނޑު މުޅިން ވެސް ކައި ހަދަނީ އޮޅުއަލައިގެ ތައްޔާރު ކުރާ އެކި ކާއެއްޗެހިސެވެ. ހުކުރު ދުވަހު ހެދުނުން ފެށިގެން ކަތްދާފުޅުމެން ގޭގައި އެންމެން ވެސް އުޅޭނީ ބޮޑު ޢީދެއް އައިސްގެން އުޅޭހެންނެވެ. އެ އާއިލާގެ އެކި މީހުން ޖަމާވެ ހަދާނީ ކަތްދާފުޅުމެން ގެއަށެވެ. ތައްޔާރު ކުރެވޭ ތަފާތު އޮޅުއަލައިގެ ބާވަތްތަކުގެ ތެރޭގައި އޮޅުއަލައިގެ މެޓާގަނޑު އެޅުމާއި އަލަ ބޯކިބާ އަޅައި ކަންޖާއި އަދި ތަފާތު ރިހަވެސް ކައްކައެވެ.

މި މަސަށްކަތް ކުރާނީ ކަތްދާފުޅުގެ މާމައެވެ. ހުކުރުދުވަހު އާއިލާގެ އެކި ތިމާގެ މީހުން އަބަދު ވެސް ރޭގަނޑުގެ ކެއުން އިންސާފު ކޮށް ކާނީ ކަތްދާފުޅުމެން ގެއިންނެވެ.

ކަތްދާފުޅުގެ މާމަ ދޮންސިއްތިގޮމާ ދައިތަ އަކީ އެރަށުގައި ވެސް ވަރަށް މީރުކޮށް ކައްކާ މީހެއްގެ ގޮތަށް މަޝްހޫރުވެފައި އިންނަ ދައިތައެކެވެ. ރަށުގެ ބޮޑު މާލޫދަށް ކައްކަން ފާޠިހާއަށް ކައްކަން ނުވަތަ ދޯނި އެހެލަން ބޮނޑިބަތް ކައްކަން ވިއަސް ފުރަތަމަ އެތަނެއްގެ އިސް އެދުރަކަށް ހުންނާނީ ދޮންސިއްތިގޮމާ ދައިތައެވެ. ހުކުރު ދުވަހު ހަވީރު ކަތްދާފުޅު ދިޔައީ އޭނާގެ ބައްޕަގެ އޮޅުއަލަ ދަނޑަށެވެ.

އެދުވަހު ކަތްދާފުޅު ދިޔައީ އޭނާ އެކަންޏެވެ. އެހެން ދުވަސް ތަކުގައި ކަތްދާފުޅާއެކު އޭނާގެ މާމަ ވެސް ދާނެއެވެ. އޭރުގައި ކަތްދާފުޅުމެންގެ އޮޅުއަލަދަނޑު އޮންނަނީ އެ ފެންގަނޑާ އެހައި ދުރުނޫން ހިސާބެއްގައެވެ. ކަތްދާފުޅު އަލަކޮނެ ނަގައި މޮޅޯށިގަނޑަށް އަޅައި ބޮލަށް ލައިގެން ގެއަށް އަންނަން ހިނގައިގަނެވުނު އިރު އިރުއޮށްސިއްޖެއެވެ.

ކަތްދާފުޅަށް ހިނގަމުން ހިނގަމުން ވަކި ހިސާބަށް އާދެވުނު ތަނައި އަންހެނަކު ވަރަށް ރީތި ތޫލި އަޑަކުން ލަވަ ކިޔާ އަޑުއިވުނެވެ. އެ އަޑު އިވެނީ ބޮޑު ފެންގަނޑު އޮތް ސަރަހަށްދުން އެވެ. އެ އަންހެނަކު ކިޔަމުން ގެންދިޔަ ލަވައަކީ ދިވެހި ބަހުން ކިޔަމުން ގެންދިޔަ ލަވައެއް ނޫނެވެ. އެޔަކީ ޅެމެއް، ރައިވަރެއް، އަންބާއެއް ނުވަތަ ފަރިއްސެށް ވެސް ނޫނެވެ. އެހެނަސް ތަފާތު ވައްތަރެއްގެ ބަހަކުން ކިޔަމުން ގެންދިޔަ ލަވައެކެވެ. އެއީ ކޮންމެ ވެސް އެހެން ބަހުރުވަޔަކުން ކިޔަމުން ގެންދިޔަ ލަވައެކެވެ.

މި ލަވައެއް ކިޔަމުން ދިޔަ ޖާދުވީ ރީތި އަޑުގެ ވެރިޔަކީ ކޮން އަންހެނެއް ތޯ ބަލައިލާން ކަތްދާފުޅު ޝައުގުވެރިވެ ބޭނުންވިއެވެ. ދެން ކަތްދާފުޅު އެ ފެންގަނޑު ކައިރިޔަށް ދާން ހިނގައިގަތެވެ. ކަތްދާފުޅު ވަރަށް ހަމަޖެހިލައިގެން ފެންގަނޑާ އަރާ ހަމަ ވިތަނުން މީރުވަހެއް ދުވަން ފެށިއެވެ. ކުއްލިއަކަށް ކައްދާފުޅަށް ހަނދާނަށް އައީ މީރުވަސް މި ފެންގަނޑު ކައިރިން ދުވަންޏާ އެއީ އެ ފެންގަނޑަށް ޖިންނި ފައިބާ ތިރިކޮށްގެން އުޅެނީ ކަމަށެވެ.

އެ އިވެމުން ދިޔަ ލަވައިގެ އަޑު ކުއްލިއަކަށް ކެނޑުނެވެ. ކުއްލިއަކަށް ކަތްދާފުޅުގެ ބޯ މަތިން ގިރާކޮއްލާފައި ބޮޑު އަންހެނަކު ހެމުން ހެމުން ހުރަސް ކަނޑާލައިފިއެވެ. އެ އަންހެންކުއްޖަކު ދިޔައީ އުދުހިފައިއެވެ. ބުން އަޑުފަށްގަޑަކާއެކު އެއަންހެންކުއްޖާ އެ ދިޔައީ ރޯވެފައި ހުރި ބޮޑު އަލިފާން އަލިގަނޑެއް ހެނެވެ. ކަތްދާފުޅު ސިހިގެން އެއާއި ދިމާއަށް ބަލާލެވުނެވެ. އެ އަންހެންކުއްޖަކު އުދުހިފަ ކުއްލިއަކަށް މިސްރާބު ޖެހީ އެ ފެންގަނޑުގެ ކައިރީ ހުރި ގަސްތަކާއި ރުއް ދަނޑުގެ ތެރެއަށެވެ. މުޅި އެހިސާބު އަލި ކޮއްލާފައި ބޮޑު ފެހިކުލައިގެ އަލިގުޅައެއް ފަދައިން އެ އަންހެން ކުއްޖާ ބާރަށް ހެމުން ހެމުން ދިޔަތަން ފެނިއްޖެއެވެ. ކަތްދާފުޅު ބޮލުގައި ހުރި އޮޅުއަލަމޮޅޯށި ގަނޑު ވައްޓާލައިފައި ލިބާސް ގަނޑު އަރުވާ ޖަހައި ތެޅެމުން ފޮޅެމުން ދުއްވައިގަތެވެ.

ކަތްދާފުޅު ބިރުން ފަހަތަށް އެބުނރި ވެސް ނުލައި ދެފަޔަށް ހުރި ބާރެއްލާފައި ހުއްޓިނުލައި ދުވަމުން އަވަހަށް ގެއަށް ހިގަށްޖެއެވެ. ކަތްދާފުޅުގެ މާމަ ދޮންސިއްތިގޮމާ ގާތުގައި ކަންތަށް ވީ ގޮތް ކިޔައިދިނެވެ. ކަތްދާފުޅަށް ރުއްދަނޑުގެ ތެރެއިން އަންހެންކުއްޖަކު އެ ކުއްޖާގެ އެއްފައި ކުރުކޮއްލާފައި އަދި އެއްއަތް މައްޗަށް ދަމާލާފައި ވަރަށް ތިރިތިރިން އުދުހެމުން ދިޔަ ތަން ފެނުނު ކަމަށް ބުންޏެވެ. އެކުއްޖާ ބުރަކަށީގައި އަލި ފައިބަމުން ދާބޮޑު ދެ ފިޔަގަނޑު ވެސް ހުރީ ފަޅާފައެވެ. އެއަންކުއްޖާ އުދުހިފައި ދިޔަ ވަގުތު ބިގަރު ދިއްލާފައި ހުންނައިރުގައި ނިކުންނަ ޒާތުގެ ބާރުގަދަ ބުން އަޑެއްވެސް ހުރީ އިވިއިވިއެވެ. މާބުރު ކަހަލަ އެއްޗެހި ފިޔަ ތަޅުވާ އުސޫލުން ވަރަށް ބާރަށް ފިޔަ ތަޅުވަމުން އުދުހިފައި އެ އަންހެންކުއްޖާ ދިޔަތަން ފެނުނެވެ. އެ އަންހެން ކުއްޖާގެ ހުނުމުގެ އަޑު ވަރަށް ތަފާތެވެ. އެ އަޑު ހީވަނީ ފަސް ވަރަކަށް އަހަރުގެ ކުޑަ އަންހެންކުއްޖަކު ހޭ އަޑު ހެނެވެ. އެހާމެ ޅަ އަޑަކުން ހެމުން ހެމުން އުދުހިފައި އެ ދިޔައީ ރުއްދަނޑު ތެރެއިން ވަލުތެރެއަށެވެ.

އެއަންހެންކުއްޖެއްގެ މުޅިގައިން އޮތީ ފެހި ކުލައިގެ އަލިފާން ކަނި ބުރަ ބުރައެވެ. ހީވަނީ ހަމަ ބޮޑު ބިގަރެއްހެން ދިއްލި އަލިވެފައި ހުރިހެންނެވެ. އެ ކުޖެއްގެ ބޮލުގެ އިސްތަށިގަނޑު ތަބިކައްޓާ ހަމައަށް ދިގުވެފައި ރީތީ ކަމުން އެއިން އަލިގަނޑު އެކި ކުލައިން ނިކުންނަނީއެވެ. އަދި ބުނެދޭން ނޭނގޭކަހަލަ މީރު ވަހެއް ދުވަދުވާ ހުއްޓެވެ.

އެރޭ ކަތްދާފުޅު ހުރީ ވަރަށް ބިރުންނެވެ. އޭނާ ހުރީ ގަދައަށް ހުންއައިސް ތުރުތުރު އަޅަ އަޅައެވެ. އެހެންނަމަ ވެސް އެރޭ މާމާ ބުނީ އެއްގޮތަކަށް ވެސް ލޮލުފިޔަ ނުޖަހައި ނިދައިގެން ނުވާނެކަމެވެ. އެރޭ އޮޅިގެން ނިދުނަސް ދުވަސް ދާނެކަމަށެވެ. އެކަހަލަ އެއްޗަކާއި އެ ގޮތަށް ފެނި ކުރިމަތި ލާފިއްޔާ އޭތި ރުޅި އަތުވެފައި ހުރިއްޔާ އެޔާ އަވަލަވައި ގެއްލުމެއްދީފާނެ ކަމުގައެވެ. އިހުގައި މީހުން ޤަބޫލު ކުރަނީ ރޭގަނޑެއްގައި ޖިންނި ފަދަ ރޫޙާނީ އެއްޗެއް ފެނިއްޖެއްޔާ އެރެޔަކު އެއްގޮތަކަށް ވެސް ނިދައިގެން ނުވާނެ ކަމަށެވެ. އެރޭ ކަތްދާފުޅު ނުނިދާ ފަތިސް ވަންދެން ހޭލައި އިނީ ޤުރުއާން ކިޔަވާށެވެ.

ބިރުގަނެފަ އިން ސިއްދީގު ސުވާލެއްކުރިއެވެ.

"ކަތްދާފުޅު ދައްތަ އަށް ފަހުން އޭތީގެ އެއްވެސް އުދަނގުލެއް ވިތަ؟"

"ނޫން.. ނުވޭ! އޭގެ ފަހަކުން ދައްތަ އަކަށް އެއްވެސް އުދަނގުލެއް ތުރާލެއް ބިރުވެރި ކަމެއް އޭތީގެ ފަރާތުނެއް ދިމައެއް ނުވޭ... އަދި ފަހުން އެކަހަލަ އެއްޗެއް ނުވެސް ފެނޭ.. އެކަމަކު އަދިވެސް އެ ހާދިސާ ދިމާވި ގޮތް ވަރަށް ސާފުކޮށް ހަދާން ހުރޭ! ހީވަނީ ހަމަ އިއްޔަގާ ހިނގާދިޔަ ކަމެއްހެން!" މިހާރު އުމުރުގެ ގޮތުން 83 އަހަރުވެފައި އިން ކަތްދާފުޅު ޖަވާބު ދިނެވެ.

އަދި ބުންޏެވެ. "އަދިވެސް އަހަރެން ގެ ހިތަށް އަރާ، އެ ފެނުނު އެ އަންހެންކުއްޖާ ގެ ބޮލުގެ އިސްތަށިގަނޑު ދިގުވެފައި ރީތީ ކަމުން އެކަހަލަ ރީތި ދިގު އަލިފައިބާ ފައިބާ އޮންނަ ވަށްތަރުގެ ބޮޑު އިސްތަށިގަނޑެއް އަހަރެނަށް ވެސް ލިބޭނެނަމައޭ!"

މިހެން ބުނެފައި ކަތްދާފުޅު ބާރަށް ހިނިގަނޑެއްޖަހާލިއެވެ. އަދި ކަތްދާފުޅު ދައްތަގެ ވާހަކަތަށް އަޑުއަހަން ތިބި ސިއްދީގާ މުއާވިޔަތު ވެސް މަޖާވެލައިފާ ހޭން ފެށިއެވެ. ކަތްދާފުޅު ބުނީ ވަރަށް އިހު ޒަމާނުއްސުރެ އެރަށު މީހުން އަބަދު ވެސް ކިޔާހަދާ ރައިވަރެއްގައި އެ ފެންގަނޑަކީ ބިރުވެރި ނާމާން ޖިންނިތިރި ކުރާ ތަނެއްގެ ގޮތުގައި ސިފަކުރެއެވެ...

ލާމު ގަމު ކުޅި ތެރޭ ޗާލު ވިޕަރީ އަކު އުޅޭ

ވާ އެހެރަ ނަލަ ކަން ތެދޭ ވާސަރީ އޭ ބުނެލެވޭ

ސާފުބިއްލޫރި އަލި ހެދު މު ނާސަބު ވީމު ފަރި ހެދު މު

ހޫރުފަދަ ނަލަ ޕަރީ ނޫމަތީ އުޑު އުދުހެނީ

ނޫއަނގުރުކަނި ބުރުވަނީ ސޫރަ ރީތިވެ ބިރުވެރީ

ތޫލި ބަސް ޑުންއަ ނެލަމުން ބު ޙޫރު ގޮމައިން އަޅަމުން ބު

ބީލު ރަނގަ ފާޑުގާ ޒީލަ ގަދަ އަޑު ބާރުލާ

ވީ އެއިން ބިރު ބޮޑުވެފާ ހީނަގައި ބިހި މޮޔަވެދާ

މީނު ރައްކައު ޖިންނިރީ ޕަ ރީއެކެ ރީތި އަސަރީ ޕަ

ސިއްދީގަށް ކަތްދާފުޅުގެ މިވާހަކަތަށް އަޑު އިވުމުން އެއީ ކަނޑައެޅިގެން ހިނގާ ހާދިސާއެއްގެ ވާހަކަ އެއްކަން ވަނީ ކަށަވަރު ވެފައެވެ. ސިއްދީގަށް އެވަނީ އަސްލަށް ވެސް ޖިންނި އެފެންގަނޑަށް ތިރި ކުރާތަން ފެނިފައެވެ.

(ނުނިމޭ)