ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، އެ ޕާޓީ އުފައްދަން ކޮމިޝަންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އެ ޕާޓީ އުފައްދަން ހުއްދަ ދިނުމާއެކު، ތިން މަސް ދުވަހުގެ ތެރޭގައި މަދުވެގެން 3،000 މީހުންގެ ސޮއި ހޯދަން ފުރުސަތު ދޭ ކަމަށެވެ.

މީގެ އިތުރުން ހ ފޯމު ހުށަހަޅާއިރު އެ ފޯމަކީ ސައްޚަ ފޯމަކަށްވުމަކީ ލާޒިމު ކަމެއްކަމަށާއި ފޯމުތަކަކީ ސައްޚަ ފޯމުތަކެއްތޯ ކަށަވަރުކުރުމުގެ ގޮތުން ފުރަތަމަ 100 މީހުންނަށް ގުޅާ މައުލޫމާތު ޔަގީންކުުރުމަށް ފަހު 90 އިންސައްތަ މީހުން ފޯމު ފުރިހަމަ ކުރި ކަމަށް ބުނާނަމަ އެ ހިސާބުން ފޯމުތައް ކޮމިޝަނުން ބަލައިގަންނާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އީސީއަށް ހުށަހަޅާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަމުގައެވެ.

ސަރުކާރާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކަށް ފަހުގައި، ނަޝީދަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުން ވަނީ އެމްޑީޕީން އިސްތިއުފާ ދެއްވައިފައެވެ. އަދި، ކުރިން އެމްޑީޕީ ތެރޭގައި ފިކުރެއްގެ ދިރުން ނަމުގައި ހިންގި ހަރަކާތް ސިޔާސީ ޕާޓީއަކަށް ބަދަލުކުރަން ނިންމައިފައެވެ.

ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އީސީއިން ފޯމު ހުށަހެޅުއްވުމަށް ފަހު އެ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު އަފްޝާން ލަތީފު ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓެއް ވާދަކުރައްވާނެ ކަމަށެވެ.

ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ޕާޓީ އުފައްދަން ފޯމު ހުށަހެޅުއްވި ނަމަވެސް ނަޝީދު އަދިވެސް އެމްޑީޕީން ވަކިވެފައެއް ނުވެއެވެ. އެ މަނިކުފާނު އަދިވެސް ހުންނެވީ އެމްޑީޕީގެ ރައީސްގެ މަގާމުގައެވެ.