ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީގެ ނާއިބު ރައީސް އަހުމަދު ހަބީބު ވިދާޅުވީ އެމްއާރުއެމް އުވާލަން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އުވާލާނޭ ދުވަހެއް އޭނާ ވިދާޅެއް ނުވެއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ރައީސް ފާރިސް މައުމޫން ވިދާޅުވީ ޤާނޫނުގައި ބުނާ އަދަދަށް އެމްއާރުއެމްގައި މެންބަރުން ހަމަނުވާކަމަށް ދެކެވަޑައިގަންނަވާތީ، އެޕާޓީ އުވާލެއްވުމަށް، އިލެކްޝަން ކޮމިޝަނުން ނިންމަވާފައިވާ ކަމަށް މިއަދު ވަނީ އެމްއާރުއެމަށް އަންގާފައި ކަމަށެވެ. "އެހެންކަމުން، މި ދަނޑިވަޅުގައި އެމް.އާރް.އެމްގެ ލޮބުވެތި މެންބަރުން ކެތްތެރިކަމާއެކު މި ޕާޓީއާއެކު ދެމިތިއްބެވުމަށް އިލްތިމާސްކުރަމެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާ މި ނިންމެވުމަކީ، ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒު އެކުލެވިގެން، ޤާނޫނީ ތަރަހައިން ބޭރުން ނިންމަވާފައިވާ، ޒިންމާދުރުކަން ކުޑަ ނިންމުމެއް ކަމުގައި ދެކެމެވެ." ފާރިސް ކުރައްވާފައިވާ ޓުވީޓެއްގައި ވިދޅުވެފައިވެއެވެ. ފާރިސް ވިދާޅުވެފައިވަނީ އީސީން މިގޮތަށް ނިންމެވުމުން އެއިން އަންގައިދެނީ ޤައުމުގައި ފަސާދައާއި ކޮރަޕްޝަންގެ ވަކި ހިތްޕާލާފައިވާ މިންވަރު ކަމަށެވެ. އޭގެ އިތުރުން އެއިން ދައްކުވައިދެނީ ޤައުމުގައި ޤާނޫނު ހިންގުމަށް ނުކުޅެދިފައިވާ މިންވަރު ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"އިރާދަކުރެއްވިއްޔާ، ޙައްޤުގެ މަގުގައި އަޅުގަނޑުމެން ސާބިވެ ތިބެ، ޤާނޫނީ އިމުން ބޭރުން ނިންމަވާފައިވާ މި ނިންމެވުމުގެ މައްޗަށް އަޅުގަނޑުމެން ކުރި ހޯދާނަމެވެ. ފަސާދައާއި، ނާޖާއިޒު މަންފާ ހޯދުމަށް ހިންގޭ ސިޔާސީ މިފަދަ ހުތުރު ޢަމަލުތަކުން ސަލާމަތްކުރުމަށް، އަޅުގަނޑުމެންގެ ޕާޓީގެ ލޮބުވެތި މެންބަރުންނާއި، އަދި ޕާޓީއަށް ހެޔޮ އެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން، ސާބިތުކަމާއެކު ދެމި ތިއްބަވައި، މި މުހިއްމު މަސައްކަތުގައި އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގެން ދެއްވުމަށް ދަޢުވަތު އަރުވަމެވެ."