މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި ދެ އޮޕަރޭޝަނެއްގައި އއ. ހިމަންދޫ އަދި ގއ. ދާންދޫއިން މީހަކު ހައްޔަރުކޮށްފިއެވެ

މަސްތުވާތަކެތީގެ އެ އޮޕަރޭޝަންތަކުގެ ތެރެއިން ދާންދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

އެގޮތުން މި މަހު 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި 49 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. އިންޓެލިޖެންސާއި ދާންދޫ ޕޮލިސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ހަތަރު ދަޅު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން، ހިމަންދޫގައި ހިންގި އޮޕަރޭޝަނަކީ ހިމަންދޫއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނެކެވެ.

އެގޮތުން މި މަހު 19 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާގެ ހަށިގަނޑުތެރޭގައި މަސްތުވާތަކެތި ހުރިކަަމަށް ބެލެވިގެން ގާތުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެ ދެ މީހުންވެސް ޝަރީއަށް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާއިރު ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.