ސައުދީ އަރަބިއްޔާގައި އެކި ދާއިރާތަކުން ކިޔެވުމަށް ދިވެހިންނަށް ހާއްސަކޮށްގެން 350 އަށްވުރެ ގިނަ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ކުރި ޓުވީޓެއްގައި ވިދާޅުވީ މިއީ މުޅި ކޯހުގެ ހުރިހާ ހަރަދެއް ސައުދީ ސަރުކާރުން ކުރާ ގޮތަށް ހުޅުވާލާފައިވާ ސްކޮލަރޝިޕްތަކެއް ކަމަށާއި މި ސްކޮލާޝިޕްތަކުގެ ދަށުން ބެޗްލާސް ޑިގްރީ އާއި ޕޯސްޓްގްރެޖުއޭޓް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް އެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ސައޫދީ އެމްބަސީން ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ދާއިރާތައް:
- ބިޒްނަސް މެނޭޖުމަންޓް
- މީޑިއާގެ ދާއިރާ
- ކޮމްޕިއުޓާ ސައިންސް
- ލޯ ސައިންސް
- އެޑިއުކޭޝަނަލް ސްޕެޝަލިޓީސް
- ސޯޝަލް ސައިންސް
- ދަނޑުވެރިކަމުގެ ދާއިރާ
- އިގުތިސާދާއި ސިޔާސީ ދާއިރާ
- އަދި އިންޖީނިއަރިންގެ ދާއިރާއާއި އިސްލާމީ ތައުލީމުގެ އިތުރުން އަރަބި އަދި އެހެން ބަސްބަހުގެ ކޯސްތައް ހިމެނެއެވެ.
ސައުދީއަކީ މިހާރު އަރަބި ގައުމުތަކުގެ ތެރެއިން މަތީ ތައުލީމު އެންމެ ރަނގަޅަށް ދޭ ގައުމުކަން ފާހަގަކޮށް ސައޫދީ އެމްބަސީން ވިދާޅުވީ އެ ގައުމުގެ ޔުނިވާސިޓީތަކުން ހިންގާ ޕްރޮގްރާމްތައް ދުނިޔޭގެ ރޭކިންގައި ވެސް ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ކަމަށެވެ.
މީގެއިތުރުން އެ އެމްބަސީން ވިދާޅުވީ މިހާރު ވެސް ސައޫދީގައި ހިންގާ 27 ޕްރޮގްރާމް ދުނިޔޭގެ ރޭކިންގެ އެންމެ މަތީ 100 ޕްރޮގްރާމުގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި ދުނިޔޭގެ ރޭންކިންގައި ހިމެނޭ އެ ގައުމުގެ ފަސް ޔުނިވާސިޓީއެއްގެ ނަން ވެސް އެ އެމްބަސީން ވަނީ ފާހަގަކުރައްވާފައެވެ.
މި ސްކޮލާޝިޕްތަކަށް ހުށަހެޅުމުގެ ފުރުސަތު https://studyinsaudi.moe.gov.sa ވެބްސައިޓް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ. މި ވެބްސައިޓަކީ ބޭރު ގައުމުތަކުގެ ދަރިވަރުންނަށް ހާއްސަ ކޮށްގެން ސައޫދީ ސަރުކާރުން ހަދާފައިވާ ހާއްސަ ވެބްސައިޓެކެވެ.