ޗާގޯސް މައްސަލައާ ގުޅިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލް ބައްދަލުވުމެއް މިއަދު ބާއްވަން އެޕާޓީން ނިންމައިފިއެވެ.

މި ބައްދަލުވުން އޮންނާނީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައެވެ. ބައްދަލުވުން ފެށުމަށް ޖެހިފައިވަނީ މިއަދު މެންދުރުފަހު 2:00 ގައި ކަމަށް ޖޭޕީގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

މި ބައްދަލުވުން ވީޓީވީން ލައިވް ކުރާނެއެވެ. "އެޖެންޑާގައި އޮތް އެންމެ މުހިންމު ކަމަކީ ޗާގޮސް މައްސަލާގައި ހުށަހަޅާފައިވާ ގަރާރަށް ބަހުސްކޮށް ގޮތެއް ނިންމުން،" އޭނާ ވިދާޅުވިއެވެ.

ޗާގޯސްއާއި ރާއްޖެއާ ކަނޑުގެ އިންވަކިކުރާ ސަރަހައްދުން ބައެއް ރާއްޖެއިން ދޫކޮށްލީ ކަމަށްބުނެ ސިޔާސީ ބައެއް ފަރާތްތަކުން ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެހެންނަމަވެސް ސަރުކާރުން ގެންދަނީ އެކަން ދިފާއު ކުރައްވަމުންނެވެ.

ޖޭޕީން މިއަދު ބާއްވާ ކައުންސިލް ބައްދަލުވުމަށް މި ގަރާރު ހުށަހެޅީ ކާކުކަމެއް ހާމައެއް ނުކުރެއެވެ. އަދި އެ ގަރާރުގައި ބުނެފައިވާ ވާހަކަތަކާބެހޭ ގޮތުން ވެސް ޖޭޕީން އެއްޗެއް ވިދާޅެއް ނުވެއެވެ.