ޗައިނާގެ ޕިންގްޓަން ސިޓީއާއި މާލެ ސިޓީއާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި މަޝްވަރާ ބާއްވާފައިވަނީ އިއްޔެ މާލެ ސިޓީ ކައުންސިލްގައެވެ. މި ބައްދަލުވުމުގައި ޗައިނާގެ ޕިންގްޓަން ސިޓީގެ މަތީ ފަންތީގެ ވަފުދާއި މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އާއި މާލޭ ސިޓީ ކައުންސިލްގެ އިސްބޭފުޅުންނާއެކު ބޭއްވުނު ބައްދަލުވުމެކެވެ. މި ވަފުދަށް މަރުހަބާ ދެންނެވީ މާލެ ސިޓީގެ މޭޔަރ ޑރ.މުހައްމަދު މުޢިއްޒުއެވެ.

ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޗައިނާގެ ތިން ސިޓީއަކާއެކު މިހާރުވެސް މާލެ ސިޓީން (’ސިސްޓަރ ސިޓީ‘ އެއްބަސްވުމުގެ ދަށުން) ގާތް ގުޅުމެއް ބާއްވަމުންދާކަމަށެވެ. އަދި ޕިންގްޓަން އަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމަށް ޚާއްޞަކުރެވިގެން ތަރައްޤީކުރެވެމުންދާ ތަނަކަށްވެފައި ދެސިޓީގައި އެއްގޮތް ގިނަ ކަންތައްތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލެސިޓީ ކައުންސިލްގެ ފަރާތުން ވާހަކަ ދައްކަމުން މުއިއްޒު ވަނީ ޗައިނާގެ ތިން ސިޓީއިން މިހާރުވެސް ވެފައިވާ އެހީއަށް ޝުކުރުއަދާކޮށްފައެވެ.

ޗައިނާގެ ޕިންގްޓަންގެ އިސްވެރިޔާ ސީ.ޕީ.ސީ ވާރކިންގ ކޮމިޓީގެ ސެކްރެޓަރީ މިސްޓަރ ޖުން ލައި ވާހަކަދައްކަވަމުން ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރުމުން ގިނަ ކަންތައްތަކެއް އެނގި، އޮޅުންފިލާ، ދަސްވިކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލާ ވަރަށް ގާތުން މަސައްކަތްކުރުމަށް އެ ބޭފުޅުން ޝައުގުވެރިވާކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ލަނޑުދަޑިތައް އޮޅުންފިލުވާ އެކަން ކުރިއެރުވުމަށް ދޭންޖެހޭ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާ، މާލޭ ސިޓީގެ މޭޔަރ ވާހަކަފުޅު ދައްކަމުން ވިދާޅުވީ ޕިންގްޓަން ސިޓީ އަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމަށް ހާއްސަ ކުރެވިގެން ޗައިނާގައި ހިންގޭ ދެވަނަ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.