މިމަހުގެ 16 ވަނަ ދުވަހު ރާއްޖެއާ ދިމާ ދެކުނުން އިންޑިޔާ ކަނޑަށް 39 ފަޅުވެރިންނާއެކު ބަންޑުން ޖަހާލި ޗައިނާގެ މަސްވެރިކަން ކުރާ ބޯޓް ސްރީލަންކާގެ އަސްކަރީ މަނަވަރަކަށް މިއަދު ފެނިއްޖެއެވެ.

މިބޯޓުން ދަތުރު ކުރި 14 މީހެއްގެ ހަށިގަނޑު ބޯޓުތެރެއިން ފެނިފައިވާއިރު، މިބޯޓުން ދަތުރު ކުރި ހުރިހާ ފަޅުވެރިން މަރުވެފައިވާނެ ކަމަށް ޗައިނާ ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. ބޯޓުން ދަތުރު ކޮށްފައި ވަނީ ޗައިނާގެ 17 މީހަކާއި އިންޑޮނޭޝިޔާގެ 17 މީހަކާ އަދި ފިލިޕީންސްގެ 5 މީހެކެވެ.

ލަންކާގެ އަސްކަރީ މަނަވަރަށް މިމަސްބޯޓް ފެނުނީ އޮސްޓްރޭލިޔާގެ ޕަރތްގެ ހުޅަގުން 5000 ކިލޯ މީޓަރު ދުރުންނެވެ. ޗައިނާގެ ސަރުކާރުގެ މަސް ކުންފުނީގައި ރަޖިސްޓްރީ ކޮށްފައިވާ މިބޯޓް ހޯދުމަށް 64000 އަކަކިލޯ މީޓަރުގެ ސަރަހަދެއް ބެލިއެވެ. މިބޯޓް ހޯދުމުގެ މަސައްކަތުގައި ޗައިނާއަށް އޮސްޓްރޭލިޔާ އާއި ލަންކާ ސަރުކާރުން ވަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ބޯޓު ބަންޑުންޖަހައިލާފައިވާ ކަމަށް ބެލެވެނީ ތޫފާން ފެބިއަންގެ ސަބަބުން ކަނޑުގަދަވުމާއި ގުޅިގެންކަމަށް ބެލެވޭ ކަމުގައި ޗައިނާގެ އޮފިޝަލުން ވިދާޅުވެއެވެ.

ޗައިނާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ފުޅާ ދާއިރާއެއްގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ ގައުމުކަން ފާހަގަ ކޮށްލެވެއެވެ.