ޣައްޒާއިން ފަލަސްޠީނުގެ ނަސްލު ސާފު ކުރުމުގެ ޖަރީމާގައި ބައިވެރިވެވެން ނެތް ކަމަށް މިސްރުގެ ސީސީ ރައީސް ވިދާޅުވެއްޖެއެވެ. ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ބެލެވޭ ފިޔަވަޅެއްގައި ފަލަސްޠީނުގެ ނަސްލުން ޣައްޒާ ސާފުކޮށްލުމަށް ގޮވާލާފައި ވަނީ އެމެރިކާގެ ޓްރަމްޕް ރައީސެވެ.

ޣައްޒާގައި މޫދާ ދިމާއިން ބީޗް ފްރޮންޓް ލަގްޒަރީ ޕްރޮޕަޓީތަކެއް ބިނާ ކުރުމުގެ މަގްސަދުގައި ޓްރަމްޕް ވަނީ މިސްރާއި ޖޯޑަންއަށް ޣައްޒާގެ އާބާދީ ކަހާލުމަށް ބާރުއަޅައި ވާހަކަ ދައްކާފައެވެ.

އިޒްރޭލުގެ އިސްތިއުމާރީ ސެޓްލަރުންގެ ޖަމުއިއްޔާއިން ވަނީ ޓްރަމްޕްގެ ސިޔާސަތަށް ބާރުއަޅައި ލީފްލެޓްތަކެއް ހަދައިގެން ޣައްޒާއާއި ހުޅަނގު އައްސޭރިއާއި ހިފާފައިވާ ފަލަސްޠީނުގެ ސަރަހައްދުގައި ބަހައި ހަދާފައެވެ. އޭގައި ބުނެފައި ވަނީ، "ބިންތައް ހިފާ! ބޭރު ކޮށްލާ! ވަޒަންވެރިކޮށްލާ!" މިފަދައިންނެވެ.

ޓްރަމްޕްގެ ސިޔާސަތަކީ ފަހު ޒަމާނުގެ ދައްޖާލު އެރުންފަދަ ކަމެއް ކަމަށް އަރަބި މީސްމީޑިއާއިން ސިފަކުރި ފިޔަވަޅާ ދެކޮޅަށް މިސްރުން ބުނެފައި ވަނީ ޣައްޒާއިން ފަލަސްޠީނު މީހުން މަޖުބޫރުން ބޭރުކޮށްލުމަކީ "އަހަރެމެންނަށް ބައިވެރިނުވެވޭނެ އަނިޔާވެރިކަމެއް" ކަމަށެވެ.

ޤާހިރާއަށް ވަޑައިގެން އުޅުއްވާ ކެންޔާގެ ރައީސް ވިލިއަމް ރޫޓޯއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އަބްދެލް ފައްތާހުއް ސީސީ ވިދާޅުވީ، "ފަލަސްޠީނުގެ މައްސަލައިގައި މިސްރުގެ ތާރީޚީ ވިސްނުމާއި އެކަމުގެ އަސާސްތަކަށް އެއްވެސް ގޮތަކަށް އަރައިގަނެބަދަލެއް ނުގެނެވޭނެ" ކަމަށެވެ.

ސީސީ ވިދާޅުވީ މިސިރުން "ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ތާއީދު ކުރާ" ކަމަށެވެ.

ފަލަސްޠީނަށް ސަޕޯޓު ކުރާ ފަރާތްތަކުގެ ބިރަކީ ޒަޔަނިސްޓުންނަށް ވާގިވެރިވާ އަރަބި ޒަޔަނިސްޓުންނާއި އިޒްރޭލުގެ މަދަދުގާރު ޔޫއޭއީއިން މިމައްސަލާގައި ގެންގުޅެފާނެ ސިޔާސަތެކެވެ.

އަދި މިސްރުން މިހާރު މިހެން ބުނިނަމަވެސް ޓްރަމްޕް ނުލަފާކަން ދައްކައިގެން މިސްރަށް މަޖުބޫރުކޮށްގެން މީހުން ޣައްޒާއިން ލުހެލުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މީހުން ދެކެއެވެ.

ޖޯޑަންގެ އަބްދުﷲ ވެސް ޓްރަމްޕްގެ ހަނގުރާމައިގެ ޖަރީމާ ކުށްވެރިއެއް ނުކުރައްވައެވެ.ނަމަވެސް އަބްދުﷲ ލުއިގޮތަކަށް ވިދާޅުވީ ޣައްޒާ މީހުން ތިބެންވާނީ ޣައްޒާގައި ކަމަށެވެ. ޢަބްދުﷲގެ ސަރުކާރަކީ ހަމާސްއަށް ހަމްދަރްދީ ވާމީހުންނަށް ކުޑަގޮޅި ދައްކާ ސަރުކާރެކެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ރައީސް ޓްރަމްޕްއަށް މެދުއިރުމަތީގައި ދެމެހެއްޓެނިވި އަދި އިންސާފުވެރި ސުލްހައެއް ގާއިމުކުރުމުގެ ޤާބިލުކަން ހުރި ބޭފުޅެއްކަމަށް" ޓްރަމްޕަށް ޚުޝާމަދު ކުރައްވަމުން ސީސީ ވިދާޅުވިއެވެ.