ދުވަހުގައި އިރުއޮއްސިއްޖެއެވެ. މިރެއަކީ އާދީއްތަ ވިލޭރެއެވެ. މިރޭގެ އިޝާނަމާދު ނިމި އައްގަޑި ތިރީސް ވަނީއެވެ. ސިއްދީގާ މުއާވިޔަތު ރޭގަނޑުގެ ކެއުން ނިމި މިރޭ އެފެންގަނޑު ކައިރިއަށް ދާންތިބީ ނިންމައިގެންނެވެ. ގަޑިން މިހާރު ނުއަގަޑި ތިރީސް ވެސް ވެއްޖެއެވެ. އެ ދެމީހުން ހިނގައިގަތީ ބޮޑު ފެންގަނޑު އޮތް ސަރަހައްދަށެވެ.

އެތަނަށް ދެވުނުއިރު އެއްވެސް އެއްޗެއް އެބުނާ ފެންގަނޑު ކައިރިއަކުން ނުފެނުނެވެ. އެއްވެސް ޖާދުވީ ކަމެއް ނުވެސް ހިނގައެވެ. މިގޮތަށް ކަމާކަންފަށައި މިތަނަށް އައިސް ބޮޑު ފެންގަނޑެއް ފެނުން ފިޔަވައި އެހެން އެއްވެސް ކަމެއް ނެތުމުން ކޮންމެ ވެސް ވަރަކަށް މުއާވިޔަތު ހިންހަމަ ނުޖެހޭގޮތްވިއެވެ. މުއާވިޔަތަށް ހީކުރެވުނީ ސިއްދީގު އޭނާ ގާތުގައި ސަމާސާގެ ވާހަކައެއް ދައްކައިގެން އެތަނަށް ގެނައީ ކަމަށެވެ. މުއާވިޔަތު ބުންޏެވެ.

"ކޮބާ ތިބުނާ ޖިންނި އަންހެންކުއްޖާ..؟ މިތާގަ އެހެރަ ކުޅި ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތެއްނު...؟"

ސިއްދީގު ހުރީ އެކަމާ ބުނާނެ އެއްޗެއް ނޭނގިފައެވެ. ސިއްދީގަށް ހަމަ ޔަޤީނުން ވެސް ރޭގައި އެތަނުން އެފެނުނު ކަންތަށް ތަކަކީ އޭނާއަށް ފެނުނު ހުވަފެނެއް ނޫނެވެ. އޭނާއަށް އެތަނުން ބައިވަރު ކަންތައްތަކެއް ފެނުނު ވާހަކަ ސިއްދީގު ތަކުރާރު ކޮށް އައީ ބުނަމުންނެވެ. މުއާވިޔަތު ކުޑައިރުކޮޅިކު ވިސްނާލަން ހުރެފައި ބުނެލިއެވެ.

"އާނ! އެންމެރަނގަޅު ދެން ހިނގާ މިރޭ ގެއަށް ދާން.."

މިހެން ބުނެފައި އެދެމީހުން އައީ ގެއަށެވެ. ޢީދު ޗުއްޓީގެ ކުޅިވަރު ތައް ވެސް ނިމި ރަށަށް ފުރާ ދުވަސް ޖެހެން ކައިރިވީއެވެ. **** **** **** ***

ދުވަހަކީ ހުކުރު ދުވަހެވެ. މުއާވިޔަތު އާއި ސިއްދީގު ރަށަށް ފުރަން ހަމަޖެހިފައި އޮތީ އާދިއްތަ ދުވަހު ހަވީރުއެވެ. ހުކުރު ނިންމާފައި ސިއްދީގާއި މުއާވިޔަތު މެންދުރު ކައިގެން އުނދޯލީގައި ފިނިކޮށްލައި ބިޑިއެއް ބޯލާ ދުފާލަން ތިއްބެވެ. އެހެން ނަމަ ވެސް މުއާވިޔަތު އަށް ފާހަގަ ކުރެވެނީ ޢީދުގެ އެރެއަށް ފަހުން ސިއްދީގު ހަމަ އިންނަނީ އަބަދު ވެސް ކަމަކާއި ފިކުރު ކުރާށެވެ. ހީވަނީ ހަމަ އޭނާއަށް ހަގީގަތުގައި ވެސް ކަމެއް ލައިގަނެގެން ފިކުރުކުރަން އިންނަހެންނެވެ.

ހަގީގަތުގައި ވެސް މިހާރަކަށް އައިސް ސިއްދީގު ރެޔާދުވާލު އެ އިންނަނީ އެ ރީތި އަންހެނާގެ ހަނދާނުގައި ޚިޔާލު ތަކަކަށް ގެއްލިފައެވެ. އޭނާ އަށް އަބަދުމެހެން ޚިޔާލަށް ސިފަ ކުރެވެނީ އެ އަންހެންކުއްޖާ ފެންގަނޑު ކައިރީގައި އިށީދެލައިގެން ލަވަކިޔަމުން އޮރެންޖު ކުލައިގެ ދިގު އިސްތަށިގަނޑާ ކުޅެލަ ކުޅެލައި އިންނަ މަންޒަރެވެ. އެކުއްޖާގެ ރީތި އަޑު އަބަދު އިވިއިވި ހުރިކަހަލައެވެ.

ރޭގަނޑު ނިދަން އޮތަސް ސިއްދީގު އޮންނަނީ ފިކުރުރެއްގައެވެ. އެގޮތަށް ފިކުރުގަ އޮވެ އޮވެ ކުޑަ ވަގުތުކޮޅަކަށް ނިދިލައި އިރަށް ވެސް ބައިވަރު ތަފާތު ހުވަފެން ފެންނަނީއެވެ. ހުވަފެނުގައި އެންމެ ފަހަރަކު ވެސް މި އަންހެންކުއްޖަކު ނުފެންނަ ވަގުތެއްނުދޭއެވެ.

"ހުވަފެނުގައި......... އެ އަންހެންކުއްޖާ އެކަނި ފެންގަނޑު މަތީގައި ކޮޅަށް ހުރެ ލަވަކިޔަމުން ނަށައި އެބުރޭ މަންޒަރެވެ. އެ އަންހެންކުއްޖާ ލައިގެން ހުރި ދިއްލިފައިވާ ބިއްލޫރި ހެދުން މުޅި އެ ފެންގަޑުގައި ފެތުރިގެން ދާތަނެވެ. އެ ފޭރާމް ވިދާ ދަޅައަޅަމުން ބޮޑު ފިނިފެންމަލެއްގެ ފިޔަތަކެއްހެން ބަރި ބަރިއަށް އެތުރިގެން ވަށައިގެން އެނބުރެމުން ދާތަނެވެ. ފެންގަޑުގެ ރެދަންލައިގެން ކުއްލި އަކަށް ފެންގަނޑުން ފޮނު އަރައިފައި ފެން ބޮކި އުފެދި މުޅިމާހައުލަށް ފެތުރިގެން ވާތަނެވެ.

މިފެންނަމުން ދިޔަ ކޮންމެ ފެންބޮއްކެއް މައްޗަށް އަރައިގެން ގޮސް ބިއްލޫރީގެ ބަރަކަށް ބަދަލު ވެގެން ފެންގަޑަށް ވެއްޓި އެޅެމުން ދާ މަންޒަރެވެ. އަދި ސިއްދީގު ވެސް ވަރަށް އުފާވެ ހެވިފައި ހުރެ އެ އަންހެންކުއްޖާ އެކު ފެންގަނޑު މަތީ ގައިނަށަމުން ދާ މަންޒަރެވެ. ސިއްދީގު އެ އަންހެންކުއްޖާ އުފުލައި އުރާލައިގެން އުޅޭތަނެވެ."

ސިއްދީގުއަށް މި ވެފައި ހުންނަ އާދަޔާޚިލާފު ގޮތަކުން މުއާވިޔަތު ކަންބޮޑުވާން ފެށިއެވެ. ސިއްދީގު އަށް ހަގީގަތުގައި ވެސް ކަމެއް ދިމާ ނުވަންޏާ މި ގޮތަކަށް ރެޔާދުވާލު އަވާމެންދުރަކަށް ބަލަހަށްޓައިގެން އިންނަގޮތަކަށް އޭނާ ގުރުޑު އަރައިފައި ފިކުރެއް ގައި ނުހުންނާނެއެވެ. އެހެންކަމުން މުއާވިޔަތު އަމިއްލައަށް ކަމެއް ރާވަން ހިތަށް އަރުވައިލައިފިއެވެ.

މިހާރު ގަޑިން ނުވަގަޑި ތިރީހެވެ. މުޅި ރަށް ވަނީ ނިދާ ހަމަހިމޭން ކަމުގެތެރެއަށް ގެއްލިފައެވެ. އެދުވަސްވަރު އާދަވެ މީހުން އިޝާނަމާދު ކޮށްގެން ނިދާނެެއެވެ. އެޒަމާނުގައި ރަށްރަށުގައި މަގުތައް ވަރަށް އަނދިރިވާނެއެވެ. ހުރިހާ ގެއެއްގައި ވެސް ފުޅި ބައްތި ގެންގުޅޭނެއެވެ. ކޮންމެ މަގެއްގެ އެއްކޮޅުން އަނެއް ކޮޅަށް ވަރަށް ދުރުގައި ފާނޫޒު ބަހައްޓައި ދިއްލާފައި ހުރެއެވެ. އެކިގޭގެ ފާރުމަތީ ގައި މިހެން ފާނޫޒު ދިއްލައިފައި ހުރެއެވެ. އާންމު ގޮތެއްގައި ރަށު ކަތީބުގެ ގޭގެ ދޮރު މަތީގައި ހަދާފައި ހުންނަ ޓިނު ގެ ގަނޑެއްގައި ބިގަރެއް ދިއްލާފަ ހުރެއެވެ. މުއާވިޔަތު ދަންވަރު ސިއްރު ސިއްރުން ނިކުމެގެން އެ ދިޔައީ ފެންގަނޑު ކައިރިއަށެވެ.

މި ހުކުރު ދުވަހުގެ ރެއަކީ ހަނދުވަރުދޭ އަލި ރެއެކެވެ. މިރޭ ކޮންމެ ވެސް ވަރަކަށް ވަނީ ހަނދުވަރު ގެ އަލިކަން މުޅިރަށު ތެރެއަށް ފެތުރިފައެވެ. މުއާވިޔަތަށް ފެންގަނޑު ކައިރިއަށް އާދެވުނުތަނާ ބައެއްގެ އަޑު އިވެން ފެށިއެވެ. އިވެނީ އަންހެން ކުދިންތަކެއް ހީ ސަކަރާތް ޖަހާ އަޑު ތަކެކެވެ. ދެން ވަރަށް ހައިރާންކަމެއް ލިބިއްޖެއެވެ.

މުއާވިޔަތު ގެ ހިތަށް އަރަމުން އައީ މިހާ ދަންވަރު ވަގުތެއްގައި އެއުޅެނީ ކޮން އަންހެން ކުދިންތަކެއް ބާވައެވެ. އެއަޑު އިވެނީ ފެންގަނޑު އޮތް ހިސާބުންނެވެ. ޢީދު ޗުއްޓީގައި އެ ރަށަށް އައިސް އުޅޭ އަންހެން ކުދިން ތަކަވެސް ވެދާނެއެވެ. މުއާވިޔަތު ހިތަށް އެރިއެވެ. މި ފަހަރު މިއީ ކޮންކުދިންނެއް ތޯ ބަލައިލާނަމެވެ. ފަހަރުގައި އިންނާނެ ރީތި މަންޖެ އެއްވެސް ލިބިދާނެއެވެ. މުއާވިއަތު އޭނާގެ ފަޔަށް ބާރުލާފައި އެއްވެސް އަޑެއް ނީވޭ ގޮތަށް ގަސްތަކުގެ ތެރެއަށް ވަދެގެން ކުރީރޭ އައިތަނުގެ އެއްފަރާތުގައި ހުރި ބޮޑު ނިކަގަހެއްގެ ފަހަތުގައި ހުރެ ސިއްރުސިއްރުން ފެންގަނޑާ ދިމާލަށް ބަލާލިއެވެ.

މުއާވިޔަތު އޭނާގެ ދެއަތުން ދެލޯ ރަނގަޅަށް އުނގުޅައިއެވެ. އަނެއްކާ ވެސް އެދިމާލަށް ބަލައިލިއެވެ. އާނއެކެވެ. އެތާނގައި ބަޔަކު އެބަތިއްބެވެ. އެއީ ހުސް އަންހެނުންނެވެ. ވަރަށް ބައިވަރު އަންހެންކުދިން ތަކެކެވެ. މުޅި ހިސާބުން ހުރީ އާދަޔާ ޚިލާފު މީރުވަހެއް ދުވަދުވައެވެ. އެހާ މީރު ވެސް ވަހެކެވެ. ދުވަހަކު ވެސް ބަލާފައި ނުވާހާ މީރު ވަހެކެވެ.

ހަމަ ޔަޤީނުން ވެސް އެފެންނަނީ އަންހެނުން ތަކެކެވެ. އެތާނގައި އެއްވެސް ފިރިހެނަކު ފެންނާކަށް ނެތެވެ. އެންމެ ހައިރާން ވަނީ އެކުދިން އެރިގެން ތިބިފެންގަނޑު ވަނީ މުޅިން އަލިވެ ރަތް ކުލައިން ދިއްލިފައެވެ. ހިސާބަކަށް ދުންފިނި ވެސް ވެރިވެ ފުސްކަމެއް އެބަހުއްޓެވެ.

ފެންގަނޑުގައި ތިބި އަންހެންކުދިން ތިބެނީ ބޯއެކަނި ފެނުން މައްޗަށް ހިއްލައިގެންނެވެ. އެ އަންހެންކުދިންނަކީ މުއާވިޔަތު ގެ މުޅި ހަޔާތުގައި ވެސް ދެކިފައި ނުވާހާ ރީތި އަންހެން ކުދިންތަކެކެވެ. އެކަމަކު ފެންގަނޑުގެ ކައިރީގައި ހުރި ގަސްބުޑެއްގައި އެއް އަންހެންކުއްޖަކު އިށީނދެ އެކުއްޖާގެ ދިގު ބޮޑު ރީތި އޮރެންޖު ކުލައިގެ އިސްތަށިގަނޑާ ކުޅެން އެބަ އިނެވެ. މިއަންހެން ކުއްޖާގެ ދެއަތް ފުރެންދެން ބިއްލޫރި ތަނޑުބައެއް ވެސް އަޅާފައި އެބަ ހުއްޓެވެ. މި އަންހެންކުއްޖާ އެތާ ތިބި އެހެން ކުދިންނާ ބަލާފައި އަދި މާ ރީތި ވެފައި ޖާދުވީ ގޮތެއް އެބަ ހުއްޓެވެ.

މުއާވިޔަތު އަށް ދުވަހަކު ވެސް އޭނާގެ ހިއްސުތަކަށް ނުކުރާ ފަދަ އިހުސާސެއް އެބަ ކުރެވެއެވެ. މިހެންހުރެފައި މުއާވިޔަތު އަށް ބޭއިޚްތިޔާރުގައި ހިނގައިގަނެވުނީ އެފެންގަނޑާ ދިމާލަށެވެ. މުއާވިޔަތު ގޮސް އެފެންގަނޑާ އަރާ ހަމަވެ ހުއްޓި އެކުދިންނާ ދިމާލަށް ބަލަން ހުރެވުނީއެވެ. އެތާނގައި އިށީދެގެން އިން އަންހެން ކުއްޖާ އަށް ފެންގަނޑު ކައިރިން މީހެއްގެ ހިލަމައެއް ވީ ހެން ހީވެގެން ކުއްލި އަކަށް އަލިފާން ކަނިބުރައިގެން ގޮސް އިންތަނުން ގެއްލިއްޖެއެވެ. ކުއްލި ސިހުމަކާ އެކީ ފެންގަނޑުގައި ތިބި އަންހެން ކުދިން މުއާވިއަތު ފެނިގެން ފެންގަނޑު މެދެއްވާހާ ތަނަށް ޖަމާވެއްޖެއެވެ.

އެ އަންހެންކުދިންތަށް ކުއްލިއަކަށް ފެންގަނޑުން މައްޗަށް އުދުހިފަ ކަހަލަ ގޮތަކަށް އަރައިފިއެވެ. އެ އަންހެން ކުދިން ފެންގަނޑު މައްޗައް އެރީ ވަރަށް އަދަޔާ ޚިލާފު ގޮތަކަށެވެ. ހީވީ އުދުހިފައި ފެންގަޑުން މައްޗަށް އަލިފާން ރޯވެގެން ބޮޑު ހުޅުގަނޑު ތަކެއް އެރިހެންނެވެ. އެ އަންހެން ކުދިންތަށް ފެންގަނޑު މަތީގައި ފައިނުޖެހޭ ގޮތަށް ތިބެ ވަރަށް ބާރަށް ވަރުގަދަ ތޫލިއަޑު ތަކަކުން ގަދަފަދަ އަޑެއް ލައްވަން ފެށިއެވެ.

މުއާވިޔަތު އަށް އެވަގުތު ހީވީ އޭނާގެ ކަންފަތުގެ ތޫރި ފަޅައިގެންދާން އުޅުނުހެންނެވެ. އެއަޑުތައް ހީވަނީ ބޮޑެތި ބިޔަ ރަނގަބީލުގައި ޖެހީމައި އަންނަކަހަލަ ގަދަ އަޑުތަކެއް ހެންނެވެ. މުޅިފެންގަނޑަށް ވެސް ބޮޑު ލޮޅުމެއް އަރައި ގުޑައިގެން ގޮސް ގަދައަޑަކުން ގުގުމާލައިފިއެވެ.

މުއާވިޔަތު ހުރީ އޭނާގެ ދެއަތްތިލަ އޭނާގެ ދެކަންފަތުގައި އަޅައި ފިއްތައި ބާރުކޮށް ނިވާކޮށްގެންނެވެ. އެހެންނަމަ ވެސް މުއާވިޔަތު ހުރި ބިންގަނޑު ވެސް ގުޑަގުޑައިގެން ދިޔައެވެ. އެހެނަސް އެ ގަދަފަދަ ބާރު އަޑުފައްގަނޑު ދިޔައީ ހަމަ ގަދަވަމުންނެވެ. ހީވީ ބޮޑު ބިންހެލުމެއް އައިސް ބިންގަނޑު ކަނޑައިގެން ގޮސް އެތާނގައި ހުރި ގަސްތަކާ ރުއްތައް ވެއްޓެން އުޅުނުހެންނެވެ.

މުއާވިޔަތު އެހެން ހުއްޓާ އަޑު ބާރުވަމުން ގޮސް ކެތް ނުވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. މުއާވިޔަތު އަށް ދެންފެނުނީ ފެންގަނޑުމަތިން އެއިން ކޮންމެ އަންހެންކުއްޖަކު އެކި ކުލަކުލައިގެ އަލިފާން އަލިގުޅަ ތަކަކަށް ވެގެން ކަނިބުރުވަމުން މައްޗަށް އުދުހިފައި ދާކަހަލަ ގޮތަކަށް އަރައިގެންދާ މަންޒަރެވެ.

ދެން މުއާވިޔަތު އެރޭ ގެއަށް އައިސް ނުއެސް ނިދުނެވެ. ހިސާބަކަށް ހުރީ ހުންފާޑު ވެފައެވެ. ފަހަރުގައި އެއީ އެހާބޮޑަށް ބިރުގަތީމައި ވީގޮތެއް ކަންނޭނގެއެވެ. މުއާވިއަތު އެމަސައްކަތް ކުރަނީ މިރޭ ނިދޭތޯއެވެ. އެކަމަކު އެއް ގޮތަކަށް ވެސް އޭނާއަކަށް ނިދޭގޮތެއް ނުވިއެވެ.

ދެލޯ މަރައިލައިގެން އޮތަސް އޭނާއަށް ސިފަވަނީ އެފެންގަނޑުގައި ތިބި ރީތި އަންހެންކުދިންތަކެވެ. އަދި އެ އަޑުތައް ގުގުމާލާ ގަދަވެގެން އައި ގޮތެވެ. ނިދޭތޯ އެބަ ވަރަށް މަސައްކަތް ކުރެއެވެ. ކުޑަވަގުތު ކޮޅަކަށް ނިދިލާއިރަށް ވެސް ހަމަތަކުރާރުކޮށް ބިރުވެރި ހުވަފެން ފެންނަމުން ދިޔައެވެ.

"ހުވަފެނުގައި ވެސް .. ފެންގަނޑު ކައިރީގައި ގަސްބުޑެއްގެ މަތީގައި އިސްތަށިގަނޑާ ކުޅެން އިން އަންހެންކުއްޖާ ލަވައެއްކިޔާ މަންޒަރެވެ. އެއަންހެން ކުއްޖާގެ ދެއަތުގައި އަޅާފައިހުރި ބިއްލޫރި ތަނޑުބައި ތެޅޭ އަޑު ގަދަވެގެން ގޮސް ފެންގަނޑުގައިތިބި އަންހެންކުދިން ހޭއަޑެވެ.

ހުރިހާ ކުދިން އެއްފަހަރާ ވަރަށް ބާރަށް ހަޅޭލަވައި ގަންތަނެވެ. އެތާ ތިބިހާ ކުދިންގެ އިސްތަށިގަނޑުގައި އެކި ކުލަކުލައިން އަލިފާންރޯވެ އަނދާ މަންޒަރުތައް ފެންނަމުން ދިޔައެވެ. ދެން އެކުދިން އެރިތިބި ފެންގަނޑުން ބޮކިޖަހައި ކެކިގަނެގެން މުޅިފެންގަނޑުގެ ފެންތައް މައްޗަށް އަރައިގެން މުޅިތަނަށް ބޮޑުބިންހެލުމެއް އަންނަގޮތެވެ.

އެތާނގައި އޮރެންޖު ކުލައިގެ އިސްތަށިގަނޑު ލާފައިހުރި އަންހެންކުއްޖާ ބާރު ރަނގަބީލެއްގެ އަޑުން ހަޅޭލަވައި ގަތްތަނާ..."

ކުއްލިއަކަށް ނިދާފައި އޮތް މުއާވިއަތު ހަޅޭލަވައި ގަނެ ފުންމައިގެން ތެދުވެއްޖެއެވެ. ކުއްލިއަކަށް ސިއްދީގަށް ވެސް މުއާވިޔަތު ގެ ހަޅޭކެއްގެ އަޑާއެކު ހޭލެވިއްޖެއެވެ. ސިއްދީގު ވެސް ގަދަ ނިދީގައި އޮއްވައި ކުއްލިގޮތަކަށް ހޭލެވުނީމައި ވީކިހިނެއްކަމެއް ނޭނގެއެވެ. އެނދުން ތެދުވެ މުއާވިޔަތަށް ވަރަށް ބާރަށް ގޮވަންފަށައިފިއެވެ.

ހަގީގަތުގައި ސިއްދީގު ވެސް ކުރީރޭ ފަދައިންވަނީ ވަރަށް ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައެވެ. މުއާވިޔަތު އިނީ އެނދުމަތީގައި ވަރަށް ބިރުން ދެލޯ ބޮޑުކޮށްގެން ދެކޮޅަށް ބަލާލަ ބަލާލައެވެ.

އޭނާ މުޅިކޮޓަރީގެ ތެރެ ވަށައިގެން ހޯދައި ބަލަނީއެވެ. އެހެން އިނދެ އޭނާ ބިރުން ތުރުތުރު އަޅާގޮތަކަށް ސިއްދީގަށް ގޮވާލައިފިއެވެ.

މުއާވިޔަތު ކުރިމަތީގައި ހުއްޓިހުރި ސިއްދީގަށް މުއާވިޔަތަށް ލިބިފައިވާ ހާސްކަމާއި ބިރުވެރިކަން އެނގުނެވެ. މުއާވިޔަތު ގެ ކަންފަތުންނާއި ނޭފަތުން ހުރީ ލޭ ވެސް ފައިބާފައެވެ. މުއާވިޔަތު ވަރަށް ބިރުން ސިއްދީގަށް ބަލަން އިނދެފައި ބުންޏެވެ.

"ސިއްދީގު... އަހަރެން... އެމީހުން... އަހަރެން ފެންގަނޑަށް ގަންބާފަ... އެމީހުން އުޅުނީ، އަލިފާން... އަލިފާން ރޯކޮށްގެން..." މިކަހަލަ ހަމަނުޖެހޭ ހާސަރު ތަކެއް މުއާވިޔަތު އެބަ ދައްކައެވެ.

މުއާވިޔަތު އަކަށް އޭނާއަށް ދެއްކޭ ނުދެއްކޭ ވާހަކައެއް ވެސް ނޭނގެއެވެ.

ސިއްދީގު ވާހަކަ ދެއްކިއެވެ." މުއާ ކީކޭތަ ތިކިޔަނީ......؟ އަނެއްކާ މިރޭ ބިރުވެރި ހުވަފެނެއް ފެނުނީތަ؟ ތިވެގެން އުޅޭގޮތެއް ނިކަން ސާފުކޮށް ބުނެދީބަލަ؟" ސިއްދީގު ބުންޏެވެ.

ބިރުގަނެފައި އިން މުއާވިއަތު ޖަވާބުގައި ވަރަށް ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.

"ސިއްދީގު! އަހަރެންނަށް އެ ހުރިހާ ކަމެއް ވެސް މިރޭ ފެނިއްޖެ؟!" އަނެއްކާ ވެސް ވާހަކަ ދެއްކީ މުއާވިޔަތު އެވެ.

"ސިއްދީގު! މިރޭ އަހަރެން ތިބުނާ ފެންގަނޑެއްގެ ކައިރިއަށް ދިޔައިން.. އަހަރެންނަށް މިރޭ އެތަނުން ފެނުނު ބައިވަރު ޖިންނި އަންހެންކުދިންތަކެއް...."

މިހެން މުއާވިޔަތު ބުނިއަޑު ސިއްދީގަށް އިވިފައި އޭނާ ބިރުގަނެއްޖެއެވެ. ސިއްދީގަށް މުއާވިޔަތު އަށް ވެފައި ހުރިގޮތުން ބޮޑު ބަދަލެއް އަތުވެއްޖެކަން އެނގުނެވެ. މުއާވިޔަތު އެ އިނީ ވަރަށް ބޮޑަށް ހުންގަދަވެ ދެލޯ ވެސް ރަތްވެ މޫނު ދުޅަވެފައެވެ.

ސިއްދީގު މުއާވިޔަތު އާ ވާހަކަ ދައްކަމުން ދާއިރު މުއާވިޔަތު އަށް އިވެމުން ދިޔައީ ތަންކޮޅެއް ނުސާފުކޮށް އުނދަގޫކޮންނެވެ. ސަބަބަކީ އެހާ ބާރުގަދަ އަޑުފަށްގަނޑެއް އިވުމުން މުއާވިޔަތު ވަނީ ކޮންމެ ވެސް ވަރަކަށް ބީރުވެފައެވެ. މުއާވިޔަތު އިނީ އޭނާގެ ކަންފަތުގައި ވަރަށް ބޮޑަށް ރިއްސައި ތަދުވާތީ އެވަގުތު ވަރަށް ބަލި ގޮތަކަށެވެ. ސިއްދީގު ކޮންމެ ވެސް ވަރަކަށް ހާސްވެފައި ބުންޏެވެ.

"އަހަރެން ގާތުގައި ނުބުނެ މުއާ އެފެންގަނޑު ކައިރިއަށް ދިޔައީ ކީއްވެ.....؟ މުއާ ހީކުރީ އަހަރެން ކުރީރޭ ދެއްކި ވާހަކަ ތަކަކީ ސަމާސާ އަކަށް ދެއްކި ވާހަކަ ތަކެއް ކަމަށްތަ؟"

މިގޮތަށް ސިއްދީގު ބުނުމުން މުއާވިޔަތު ޖަވާބު ދިނެވެ.

"ސިއްދީގް...! އަހަރެން ކުރިއަކު ހިޔެއްނުކުރަން ހަގީގަތުގައި މިހެން މިކަން ވެދާނެކަމަކަށް.....!" މުއާވިޔަތު ވާހަކަ ދައްކަމުން ކުރިއަށް ދިޔައެވެ......"

" އަހަރެން ހިތަށް އެރީ މިރޭ އެތަނަށް އެކަނި ދާން...! އެއީ ސިއްދީގު ތިޔަބުނާ ކުއްޖަކު އުޅޭތޯ ބަލާލަން ކަމަށް...!"

ސިއްދީގު ހުރީ މުއާވިޔަތު ގެ ވާހަކަ ތަކަށް ވަރަށް ކަނުލައި އަޑުއަހާށެވެ. މުއާވިޔަތު އޭނާއަށް ދިމާވި ހާދިސާތަކުގެ ވާހަކަތައް ކުރިއަށް ގެންދިޔައެވެ.

"އަހަރެންނަށް މިރޭ ވަރަށް ގިނަ އަންހެންކުދިންތަކެއް ފެނުނު! އެއީ ހާދަރީތި އަންހެންކުދިން ތަކެކޭ....!"

ސިއްދީގު މުއާވިޔަތު އާ ވާހަކަ ދެއްކިއެވެ.

" އެކުދިން މުއާ އަށް އެއްވެސް ކަމެއް ކުރިތަ؟ "

"ނޫން.. ނުކުރޭ އެކަމަކު އެތާނގައި އޮތް ފެންގަނޑަށް އެރި ތިބި އަންހެންކުދިން..."

ދެން މުއާވިޔަތު އަށް އޭނާއަށް ވީގޮތް ކިޔައިދޭން އޮޅޭ ގޮތް ވެއްޖެއެވެ. އޭނާ އަށް ދިމާވި ހާދިސާގެ ކަންތައްތަކާ ހެދި ބިރުންގޮސް ހަނދާން ނެތި ނުވަތަ ބޮލަށް ވެފައި ހުރި ވަރުން ވާނުވާ ނޭނގޭ ކަހަލަ ގޮތެއް ވީއެވެ. މުއާވިޔަތު ގެ ވާހަކަ އުނދަގުލުން ކުރިއަށް ގެންދިޔައެވެ.

"އެހުރިހާ އަންހެންކުދިން އަހަރެމެންނަށް މި ފެންނަ އަންހެންކުދިންނާ ވަރަށް ވެސް ތަފާތު ގޮތެއް ހުރީ....... އެތަނުން ކޮންމެ ކުއްޖެއްގެ ބޮލުގެ އިސްތަށިގަނޑު ހުންނަނީ އެކިކުލަކުލައިގަ!"

ސިއްދީގު ވަރަށް ޝަޢުޤުވެރި ކަމާއެކު އެވާހަކަތައް އަޑުއަހަން ހުއްޓެވެ.

(ނުނިމޭ)