ކޮވިޑް-19 ބަލިމީހުންނަށް ފަރުވާ ދިނުމުގައި ޔޫކޭގެ ހޮސްޕިޓަލްތަކަށް ޖާގައިގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވާން ފަށައިފިކަމަށް އެގައުމުން ބުނެފިއެވެ.
ހޮސްޕިޓަލްތަކަށް ޖާގައިގެ މައްސަލަތައް ކުރިމަތިވާންފެށީ، ކޮވިޑް-19 ބަލި ފެތުރުން ވަރަށް ބޮޑަށް އިތުރުވެ، ބަލިމީހުން ގިނަވާން ފެށުމުންނެވެ.
އަލަށް ފެނުނު ކޮވިޑް ވައިރަހުގެ ވޭރިއެންޓް ޔޫކޭގެ އެކި ހިސާބުތަކުގައި ވަރަށް ބާރަށް ދަނީ ފެތުރެމުންނެވެ.
ހަމައެއާއެކު، ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ، ސޮސައިޓީ ފޮރ އެކިއުޓް މެޑިސިންގެ ރައީސް ޑރ. ނިކް ސްކްރިވަންވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެޑްމިޓްކުރަންޖެހޭ ބަލިމީހުން ގިނަވުމަކީ ޚިދުމަތް ދިނުމުގައި މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 ބަލިމީހުންނަށް ފަރުވާ ދިނުމަށް އިސްކަން ދިނުމުގެގޮތުން ޔޫކޭގެ ހޮސްޕިޓަލްތަކުން މިހާރު ގެންދަނީ އިމަޖެންސީ ނޫން އެހެން ބަލިތަކުގެ މީހުންނަށް ފަރުވާދިނުމާއި، އޮޕަރޭޝަންތައް ކުރުން ކެންސަލް ނުވަތަ ފަސްކުރަމުންނެވެ.
ޔޫކޭގައި ކޮވިޑްބަލީގެ ހާލަތު މިހާ ބޮޑަށް ގޯސްވެގެންދިޔައީ އަލަށް ފެނިގެންއުޅޭ ވޭރިއެންޓްގެ ސަބަބުން ކަމަށް ޔޫކޭގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އާ ވޭރިއެންޓް ކުރިން ފެނިފައިވާ ކޮވިޑް ވައިރަހަށްވުރެ ހަލުވިކޮށް މީހުންގެ މެދުގައި ފެތުރެމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.
އެހެން ނަމަވެސް، އަލަށް ފެނިގެންއުޅޭ ކޮވިޑް ވައިރަހުގެ ވޭރިއެންޓްގެ ސަބަބުން ބަލިޖެހޭ މީހުންގެ ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްކޮށްލާ ކަމުގެ ހެއްކެއް އަދި ފެނިފައި ނުވާކަމަށް ޔޫކޭގެ ސައިންސްވެރިން ބުނެއެވެ.
އަލަށް ފެނިގެންއުޅޭ ކޮވިޑް ވައިރަހުގެ ވޭރިއެންޓް ފެތުރުން ހުއްޓުވުމަށްޓަކައި ޔޫކޭއިން މިހާރުވަނީ ވެރިރަށް ލަންޑަނާއި، ޔޫކޭގެ ދެކުނުއިރުމަތީ ސަރަހައްދު ގާތްގަނޑަކަށް ލޮކްޑައުން ކޮށްފައެވެ. މިކަމުގެ ސަބަބުން 24 މިލިއަން މީހުންނަށް އެކަމުގެ އަސަރު ކޮށްފައި ވެއެވެ.
އަސާސީ މުދާ ވިއްކާ ފިހާރަތައްނޫން ހުރިހާ ވިޔަފާރިއަކާއި، ބާރތައް ބަންދުކޮށްފައި ވާއިރު، ރެސްޓޯރަންޓްތަކަށް ހުއްދަ ދީފައިވަނީ ޓޭކްއަވޭއަށް އެކަންޏެވެ.
ޔޫކޭގެ ބޮޑު ސަރަހައްދެއްގައި ހަރުކަށި ފިޔަވަޅުތައް އަޅާފައި ވީނަމަވެސް، ބަލިޖެހޭ މީހުންނާއި، ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު ހައްތަހާ އިތުރުވަމުންދާތީ އެގައުމުގެ ކަމާބެހޭ ފަރާތްތައް މިހާރު ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.