ސަރުކާރުގެ އަމާޒަކީ އިސްލާމް ދީނުގެ ޞައްޙަ އަޤީދާއާ އެއްގޮތަށް ދީނީ ޢިލްމު ފަތުރާ އެންމެ ބޮޑު މަރުކަޒަކީ ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ހެދުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ރޭ ބޭއްވި އެ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފުލާގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަަފުޅުގައެވެ.

ރައީސް ވިދާޅުވީ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޔުނިވަރސިޓީން މުހިންމު ދައުރެއް އަަދާކުރާ ކަމަށެވެ. އެގޮތުން ހަރުކަށި ފިކުރާ ދެކޮޅަށް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ އެކުވެސް އިސްލާމީ ޔުނިވަރސިޓީން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

ޒަމާނީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދީ މުޅި ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާާ ބެހޭ ގޮތުން ރައީސް ވިދާޅުވޫ މިއަހަރުގެ ބަޖެޓުގެ 10.9 އިންސައްތަ ނުވަތަ 4.6 ބިލިއަން ރުފިޔާ ޚާއްޞަކޮށްފައި ވާނީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކަމަށެވެ. އަދި އޭގެ ތެރެއިން 857 މިލިއަން ރުފިޔާ ޚާއްޞަކޮށްފައި ވަނީ މަތީ ތަޢުލީމުގެ ދާއިރާތަކަށް ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ހިލޭޑިގްރީ ޕްރޮގްރާމާއި ސްޓޫޑެންޓް ލޯނު ޕްރޮގްރާމާއި އަދި ޤައުމަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކޮށް އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ރައީސް ރައީސް ފާހަގަ ކުރެއްވިއެެވެ.

ރައީސް ވިދާޅުވީ އިސްލާމީ ޔުނިވަރސިޓީގެ ލެކްޗަރަރުންގެ މުސާރައަށް ބަދަލު ގެނައުމަށް ޕޭކޮމިޝަނާއި މިނިސްޓްރީ އޮފް ފިނޭންސްއާ ގުޅިގެން ކުރަމުންއަންނަ މަސައްކަތްތައް ނިމުމަކަށް އައިސްފައިވާކަމަށެވެ. މީގެ އިތުރުން އިމާމުންގެ މަސައްކަތާ ގުޅޭގޮތަށް މުސާރައާ، ލިބެންވާ ޗުއްޓީއަށް ހެޔޮބަދަލުތަކެއް ލަސްތަކެއްނުވެ ގެންނަވާނެކަމަށް ރައީސް ވިދޅުވިއެވެ. އޭގެ އިތުރުން ކުރިންވެސް ސަރުކާރުން އިޢުލާނުކޮށްފައިވާ ގޮތަށް ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި ސަރުކާރުން ދޭން ނިންމި އެލަވަންސް އެގޮތަށް އަންނަ ޖޫން މަހުގެ ތެރޭގައި ދޭން ފަށްޓަވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރޭގެ ޙަފްލާގައި އިސްލާމީ ޔުނިވަރސިޓީން އެކި ދަރަޖައިގައި ދަސްވެނިވާ 709 ދަރިވަރުންނާ އަދި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރަކު ޙާޞިލުކޮށް އިނާމާ ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ސަރުކާރުން ވީ ވަޢުދުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން 2020 ވަނަ އަހަރު ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ރޭގެ ޙަފުލާގައި ދަސްވެނިވި 78 އިމާމުން ވެސް ހިމެނެއެވެ. މި އިމާމުންނާއި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރުންނަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ހަފުލާގައި، ކުއްލިއްޔާ އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ އިން ދަސްވެނިވި ދަރިވަރުންނަށް ދަރަޖަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.