ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރް.ޑީ.ސީއިން އަމީނީ މަގުގެ އިތުރު 4 ސެގްމަންޓެއްގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އަމީނީމަގުގެ މަސައްކަތް ކުރިއަށް ގެންދަނީ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. ފުރަތަމަ 3 ސެގްމަންޓްގައި، ހެންވޭރުން އަމީނީ މަގުގެ ކޮޅުން ފެށިގެން ސްޓެލްކޯއާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ހިމެނޭގޮތަށް ހުރިހާ މަސައްކަތެއް ވަނީ ނިންމާލާފައެވެ.

އަމީނީމަގު ބިލަބޮންގް ހިމެނޭ ސަރަހައްދުން ފެށިގެންގޮސް ސްޓެލްކޯ ހިމެނޭ ސަރަހައްދާއި ހަމައަށް އޮތް 4 ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރޭ އާރުޑީސީން ވަނީ ބުނެފައެވެ.

އަމީނީ މަގުގެ ކުރިން ނިމުނު 3 ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިޔައީ ތާރު އެޅުމަށް ބޭނުންވާ މެޝިނަރީޒް ނެތުމުގެ ސަބަބުންނެވެ.

މިއީ އެކުންފުނީގެ 3 އަހަރުގެ ޙަޔާތުގައި ލިބުނު ކާމިޔާބީތަކަށް އިތުރުވި ބޮޅެއް ކަމަށް އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލި މަނިކު ވަނީ ވިދާޅުވެފައެވެ. މޫކޭ ވިދާޅުވީ އަމިއްލަ މެޝިނަރީޒްއާއި ސާމާނާއި މުވައްޒަފުންނާއެކު މަގުހެދުމުގެ މަޝްރޫއުތަކުގައި ކުރަންޖެހޭ ހުރިހާކަމެއް އަމިއްލައަށް ކުރެވޭނެ ގާބިލުކަން މިހާރު އާރް.ޑީ.ސީގައި އެބަހުރިކަމަށެވެ

މި 4 ސެގްމަންޓްގެ މަސައްކަތް އެކުންފުނިން ނިންމާލީ ދޮޅު މަހުން ކަމަށް މޫކޭ ވިދާޅުވިއެވެ. އަދި ހޮނިހިރު ދުވަހުގެ ނިޔަލަށް ތާރުއެޅުމުގެ މަސައްކަތް ނިންމާ، އަމާޒަކީ ހަފްތާއެއްގެ ތެރޭގައި އެ ސަރަހައްދު އާއްމުންނަށް ހުޅުވާލުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ހަވާލުކޮށްފައިވާއިރު އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މި މަޝްރޫޢު އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 84.4 މިލިޔަން ރުފިޔާއަށެއެވެ.