ގައުމެއް ބިނާ ވާނީ އެގައުމުގައި އިލްމީ، ދުޅަހެޔޮ، ހުނަރުވެރި، ގާބިލު ޒުވާން ޖީލެއް ބިނާވެގެން ކަމަށް ހޯމްމިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޔޫތު ލީޑާރސް ނެޓްވޯކުން ޒުވާން އިސްވާރުން ބިނާކުރަން ބާއްވާ މިއަހަރުގެ ފުރަތަމަ ފޯރަމް މ.ކޮޅުފުށީގައި ފަށްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު މ ކޮޅުފުށީގައި ބޭއްވުނު މިފޯރަމްގައި މ.އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެއެވެ. ފޯރަމް ފަށްޓަވައިދެއްވީ މިނިސްޓަރ ޢިމްރާން ޢަބްދުالله އެވެ. ފޯރަމް ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފޯރަމް ވެގެންދާނީ ކޮޅުފުއްޓާއި، މ.އަތޮޅަށްވެސް ވަރަށް މުހިއްމު ފޯރަމަކަށްކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ މުސްތަގުބަލަށްޓަކައި ޒުވާނުން ބިނާކުރުމުގައި ދީނުގެ ހަމަތަކުގެ މައްޗަށް ބިނާކޮށް ގައުމިއްޔަތުގެ އަސާސްތަކާއެކުގައި ޒުވާނުން ތަރުބިއްޔަތުކޮށް ބިނާކުރުމަކީ އެގައުމެއް ކުރިއަރާ ދިއުމަށް ވަރަށް މުހިއްމުކަމެއް ކަމަށެވެ.

"ގައުމެއް ބިނާވާނީ، ގައުމެއްގެ ކުރިމަގު އުޖާލާ ކުރެވޭނީ އެގައުމެއްގެ ޒުވާން ޖީލަކީ އިލްމީ ގާބިލް ދުޅަހެޔޮ ހުނަރުވެރި ބަޔަކަށްވެގެން." މިނިސްޓަރ ވިދާޅުވިއެވެ.

އެމަސައްކަތް ކުރުމަށް ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންނާއެކުގައި އަދި ޒުވާނުންނާއެކުގައި ކުރެވޭ މަސައްކަތަކީ ޒުވާން ލީޑަރުން އުފެއްދުމަށް ވަރަށްބޮޑަށް މަގުފަހިކޮށްދޭ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ޒުވާން އިސްވާރުން" މިޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތް ލީޑާރސް ނެޓްވޯކްގެ އެޑްވައިޒަރީ ބޯޑްގެ މެންބަރު އަލީ ޒަކީ ވިދާޅުވީ ދެ ޒަވިޔަންޏަށް ވިސްނައިގެން މަސައްކަތްކޮށްފިނަމަ ޒުވާނުންގެ ކުރިމަގު ވަރަށް އުޖާލާވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޒުވާނުންނަކީ ވަރަށް ޒިންމާދާރު އަދި ޒިންމާ ނަގައިގެން މަސައްކަތްކުރާ ބައެއްކަމަށެވެ.

"އެހެންވީމަ ޒުވާނުން ޒިންމާދާރުކަމާއެކުގައި ކުރިއަށްގޮސްފިނަމަ ގައުމު ތަރައްގީކުރުމަކަށް ހުރަހެއް ނޯންނާނެ." އަލީ ޒަކީ ވިދާޅުވިއެވެ.

މިމަހުގެ 27 ގެ ނިޔަލަށް ކުރިއަށްގެންދާ ފޯރަމްގައި މައިގަނޑު މައިގަނޑު ނުވަ ސެޝަނެއް ހިމެނެއެވެ. އޭގެތެރޭގައި ޓީމް ބިލްޑިންގއާއި، ލައިފް ސްކިލްސްއާއި، ދިވެހިންގެ ވާހަކައާއި، ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމް އަދި އަމާން ވިލުންވެރި މުޖުތަމައުއެއް ބިނާކުރުމުގައި ޒުވާނުންގެ ދައުރާއި ބައިވެރިވުމުގެ މުހިއްމުކަމާގުޅޭ ސެޝަންތައް ހިމެނެއެވެ.

ސެޝަންތައް ނަންގަވައިދެއްވަނީ އެދާއިރާތަކުގެ އިލްމާއި ތަޖުރިބާ ލިބިވަޑައިގެންތިއްބެވި ބޭފުޅުންނެވެ.