ސިޔާސީ މަސައްކަތަކީ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނިލަންދެ އަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނިލަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިިތުންނާއި ބައްދަލު ކުރައްވައި ދެކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ސިޔާސީ މަސައްކަތަކީ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށާއި ހިދުމަަތް ދިނުމުގެ ތެރޭގައި ހިތްހަމަ ނުޖެހިގެން ސިޔާސީ ގޮތުން ކުރެވޭ ކަންކަމުގައި އަދި ސިޔާސަތު ތަކަށް ފާޑު ކިޔާ މީހުންނާ އެކީގައި ވާހަކަ ދައްކައި، މަޝްވަރާ ކުރެވި ކަންކަމުގައި ކުރިއަށް ދެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ވަގުތު ގައުމުގައި ހަމަޖެހުމާއި ސުލްހައެއް ނެތް ކަމަށާއި ވެރިކަމާއި ހަވާލުވެ ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށް ފުރަތަމަވެސް އިސްކަން ދެއްވި ކަމަށާއި މިއަދު އެކަން ވަނީ ކުރެވިފައި ކަމަށެވެ. ނަމަވެސް ކުރިއަށް ވެސް ކަންކަން އެބަހުރި ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނައުމަށް އެންމެން އެކީގައި މަސައްކަތް ކުރުން ކަމަށެވެ.

ސަރުކާރުން އަތޮޅު ތެރޭގެ ތަރައްގީ އަށް ކުރަމުންދާ މަސައްކަތް ތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އަސާސީ އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް ވީ ވައުދާއި އެއްގޮތަށް ކޮންމެ ރަށެއްގައިވެސް ވާނީ އެ ހައްގުތައް ކަށަވަރުކޮށް ދެވިފައި ކަމަށެވެ.

"ތަނެއްގައި ދިރިއުޅޭ ކަމަށް ވަންޏާ ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ކަންކަން އެބަހުރި، ތައުލީމު ލިބެން އެބަ ޖެހޭ ދަރިންނަށް، ސިއްހީ ހިދުމަތް ލިބެން ޖެހޭ، ދަތުރުފަތުރު ކުރެވޭނެ ފަސޭހަ ގޮތެއް ހޯދައިދޭން ޖެހޭ، އުންމީދެއް އެބަ ހޯދައިދޭން ޖެހޭ،"
ރައީސް އިބްރާހީމް ސާލިހު

މިއަދު ހެނދުނު ރައީސްގެ ދެކަނބަލުން ނިލަންދުއަށް ވަޑައިގެންނެވުމުން، އެރަށު ރައްޔިތުންގެ ފަރާތުން ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމަށް ގިނަ ރައްޔިތުންތަކެއް ބަނދަރު ސަރަހައްދަށް ވަނީ ގޮސްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ފ. ދަރަނބޫދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ އިރު، މިއަދު ހަވީރު މަގޫދޫއަށް ވަޑައިގަންނަވާނެއެވެ. އަދި މާދަމާ ބިލެތްދޫ އަށާއި ފީއައްޔަށް ވަޑައިގަންނަވާނެއެވެ.