އަރބަންކޯއިން ހުޅުމާލެ މަގުމަތީގައި ހަރުކުރި ފުރަތަމަ މަގު ހުރަސް ބައްތި ހަރުކޮށް އެ ބޭނުން ކުރަން ފަށައިފިއެވެ. މިކަން އިފްތިތާހުކޮށްފައި ވަނީ މިއަދު ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ނަސީމުއެވެ.

އާބަންކޯއިން ބުނީ މަގު ބައްތި ހަރުކުރމުގެ މައިގަނޑު އެންމެ ބޮޑު ބޭނުމަކީ ހުޅުމާލެއީ ރައްޔިތުންނަށް ރައްކާތެރި މާހައުލަކަށް ހެދުމާއި، މަގު ހުރަސްކުރުމުގެ ލުއި ފަސޭހަތަކެއް ގާއިކުރުން ކަމަށެވެ.

މަގުހުރަސް ބައްތި ހަރުކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭގެ އަށް ސަރަހައްދެއްގައެވެ.އަދި މިހާރު އެންމެ ގިނައިން ބޭނުންކުރާ ކަފި ހުރަސްތައް ދެނެގަންނަ ކަމަށް އާބަންކޯއިންވަނީ ބުނެފައެވެ. މިއަދު ބޭއްވި ރަސްމިއަޔާތަށް ފަހު ވަނީ ދެ ސަރަހައްދެއްގައި މަގު ބައްތި ބޭނުންކުރަން ފަށާފައެވެ.

އެއީ ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި އެއް މަގު ހުރަސް ބައްތި އަދި ހިޔާ ސަރަހައްދުގައި އެއް މަގު ހުރަސް ބައްތިއެވެ.

"މީގެއިން ކޮންމެ ލައިޓެއްގައި ވެސް ހުންނަ ބަޓަން އަށް ފިތާލުމުން އަމަލުކުރަންވީ ގޮތުގެ އިންޑިކޭޝަން ފެނިގެންދާނެއެވެ. އެގޮތުން ރަތް ބޮކީގައި މަޑުކުރަން، އަދި ހިނގައިގަންނަންވީމައި އޭގެއިން ބުނެދޭނެއެވެ. އެ ބަޓަން އަށް ފިތާލުމުން ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި ހުރަސްކުރަން އިންޑިކޭޓް ކުރާއިރު، ހުރަސްކުރުމަށް ވެސް ވަކި ވަގުތެއް ލިބިގެންދާނެ،" އާބަންކޯއިން ބުންޏެވެ.

ފައިސަލް ނަސީމު ވިދާޅުވީ މިކަމުގެ އަސްލު މަގްސަދު ހާސިލްވާނީ އެންމެންވެސް އެކަން ކުރަންޖެހޭގޮތަށް ކޮށް އެކަމަށް އެއްބާރުލުން ދީގެން ކަމަށެވެ.