މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލިޔަސް ސަރުކާރާއެކު މަސައްކަތްކުރާން ބޭނުންވާ މީހުންނަށް އެފުރުސަތު އޮންނާނޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަނާމު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ތިން ހާސް މީހުން ހަމަ ނުވާކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އެމްއާރުއެމް އުވާލަން ނިންމައިފައިވާކަން އެޕާޓީއަށް މިމަހު 24 ވަނަ ދުވަހު އަންގައިފައެވެ.

އެ ޕާޓީ އުވާލުމުން ޕާޓީގެ ސޮލްޓުތަކުގައި ސިޔާސީ މަގާމްތަކުގައި ތިބި މީހުން އިސްތިއުފާ ދޭންޖެހޭނެތޯ ނުވަތަ އެމީހުން ވަކިކުރާނެތޯ އެހުމުން މިއުވާން ވިދާޅުވީ "ސަރުކާރާއެކީ މަސައްކަތް ކުރައްވަން ތިއްބެވި ބޭފުޅުންނަށް ސަރުކާރާއެކީ މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ،" ކަމަށެވެ.

އެމްއާރުއެމްގެ ސްލޮޓުތަކެއްގައި މިނިސްޓަރުންނާއި، ނާއިބުންނާއި ކުންފުނިތަކުގެ ވެރީން ވެސް އެބަތިއްބެވެ. އެމްއާރުއެމްގެ ނަމުގައި އެބޭފުޅުން ތިއްބެވިޔަސް މި ސަރުކާރުން ކޯލިޝަން ހަދާފައިވަނީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ރިފޯމް މޫވްމަންޓާ އެކީގައެވެ.

އެމްއާރުއެމް އުވާލާނޭ ކަމަށް އެޕާޓީއަށް އީސީން އެންގިޔަސް ޕާޓީ އުވާލީ ކަމުގެ ލިޔުމެއް އަދި ފޮނުވާފައެއް ނުވެއެވެ. އީސީގެ އިސް ބޭފުޅަކު ވިދާޅުވީ އެމްއާރުއެމް އުވާލީކަން އަންގައި ސިޓީއެއް ނުފޮނުވާނޭ ކަމަށެވެ. އެހެންނަމަވެސް ޕާޓީ އުވާލިކަން އަންގައި ޢާންމު އިއުލާނެއް ކުރާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ އިޢުލާން އަދި ކޮށްފައެއް ނުވެއެވެ.

އެމްއާރުއެމް އުވާލާން ނިންމާފައިވާކަން އެންގުމުން އެޕާޓީގެ ރައީސް ފާރިސް މައުމޫން ވަނީ އެކަމާ ގުޅިގެން އީސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޓުވީޓެއް ކުރައްވައިފައެވެ.

"އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާ މި ނިންމެވުމަކީ، ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒު އެކުލެވިގެން، ޤާނޫނީ ތަރަހައިން ބޭރުން ނިންމަވާފައިވާ، ޒިންމާދުރުކަން ކުޑަ ނިންމުމެއް ކަމުގައި ދެކެމެވެ. މިކަމުން އަންގައިދެނީ، ޤައުމުގައި ފަސާދައާއި ކޮރަޕްޝަންގެ ވަކި ހިތްޕާލާފައިވާ މިންވަރެވެ. ހަމައެހެންމެ، ޤައުމުގައި ޤާނޫނު ހިންގުމަށް ނުކުޅެދިފައިވާ މިންވަރެވެ. އިރާދަކުރެއްވިއްޔާ، ޙައްޤުގެ މަގުގައި އަޅުގަނޑުމެން ސާބިވެ ތިބެ، ޤާނޫނީ އިމުން ބޭރުން ނިންމަވާފައިވާ މި ނިންމެވުމުގެ މައްޗަށް އަޅުގަނޑުމެން ކުރި ހޯދާނަމެވެ." ފާރިސް ވިދާޅުވެފައިވެއެވެ.