މީޓަރަށް އަރާ ވަރު ސްޓެލްކޯގެ އެޕުން އަމިއްލައަށް ވެސް ބަލާލެވޭނެ
އެގެއެއްގެ ކަރަންޓު މީޓަރަށް އަރާ މިންވަރު ވެރިފަރާތުން އަމިއްލައަށްވެސް ބަލައިލެވޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ ވެމްކޯގެ ބިލު ސްޓެލްކޯގެ ބިލުގައި ހިމެނުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ގޮތުން ސްޓެލްކޯ ހެޑްއޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައެވެ.
ވެމްކޯގެ ބިލު ސްޓެލްކޯގެ ބިލުގައި ހިމެނުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ޝަރީފް ވިދާޅުވީ ފަހަރެއްގައިވެސް މީޓަރަކަށް ނާރާ އަދަދަކަށް ސްޓެލްކޯއިން ބިލު ނުކުރާނެ ކަމަށެވެ. ކަރަންޓު މީޓަރަށް އަރާ ވަރު އަވަދުވެސް ސްޓެލްކޯގެ އެޕް މެދުވެރިކޮށް ބަލައި ކަލްކިއުލޭޓް ނުވަތަ ހިސާބު ކުރެވޭނެ ކަމަށެވެ.
ވެމްކޯގެ ބިލު ސްޓެލްކޯގެ ބިލުގައި ހިމެނުމުގެ މާނައަކީ ކަރަންޓު މީޓަރަށް ބަދަލެއް އައުމެއް ނޫން ކަމަށެވެ. އަދި ހަމައެންމެ 34 ޔުނިޓަށްވުރެ މަދުން މީޓަރަށް އަރާ ކަމަށް ވަންޏާ އެމީޓަރަކަށް ބިލު ނުކުރާނެ ކަމަށެވެ.
"މީޓަރުގެ ރީޑިން ނަގައިގެން އަޅުގަނޑުމެންގެ އެޕްގެ ޒަރީޢާގައި އިންނާނެ ކަލްކިއުލޭޓާއެއް ލާފަ. ހަމަ އޮޓޮމެޓިކުން އެއަދަދު ޖެއްސެވުމާއިއެކީ އަޅުގަނޑުމެންގެ ބިލިން އިންނަ ފޯމިއުލާއިން އެދުވަހެއްގެ އަދަދުވެސް ކަލްކިއުލެޓް ކުރެވޭނެ. އަދި ވޭތުވެދިޔަ މުއްދަތުގެވެސް އަދި ވޭތުވެދިޔަ 10 ދުވަހުގެ ބިލް، 15 ދުވަހުގެ ބިލް، 20 ދުވަހުގެ ބިލް، 25 ދުވަހުގެ ބިލް އެގޮތަށް ކަލްކިއުލެޓް ކުރެވޭ ގޮތަށް. އަޅުގަނޑުމެންނަށް ބިލް ނުކުރާ ކަރަންޓަކަށް ބިލް ކުރާކަމަށް އެކިއުސް ކުރުމުގެ ކުރިން އަޅުގަނޑުމެންގެ އެޕްގެ ބޭނުން ކުރައްވާ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ބިލުގައި ވެމްކޯގެ ބިލު ހިމެނުމުގެ މަގުސަދަކީ ވެމްކޯއަށް ފީ ދެއްކުމުގައި މީހުންނަށް ދިމާވާ ދަތިތަކަށް ފަސޭހަ ކޮށްދިނުން ކަމަށެވެ. ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަ ގޮތަކަށް ކުނިމެނޭޖް ކުރުމުގެ ކަންތައް ހަމަޖެހިގެން ދިއުން ކަމަށެވެ. އަދި މާލޭގެ މަގުމަތިން ކުނި ހުސްކުރުމަކީ އެއީ ވެމްކޯ ވިޔަސް ނުވަތަ ސިޓީ ކައުންސިލް ވިޔަސް ކޮންމެ ތަނެއްގެ ޒިންމާއެއް ކަމުގައި ވިޔަސް މަގުތަކަށް ކުނި ނެރުން ހުއްޓި މާލޭގެ މަގުތަކުން ކުނި ނުފެންނާނެ ގޮތްވުމަކީ ބޭނުންވާ ގޮތް ކަމަށެވެ.
އަދިވެސް އިތުރަށް ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ބިލުގެ ތިރީގައި ވެމްކޯގެ ބިލުގެ އަދަދު ވަކިން ހިމަނާފައި ވާނެ ކަމަށާއި ދެ އަދަދުވެސް އެއްފަހަރާ ދައްކަން ޖެހޭނެ ކަމަށެވެ. އެއްބިލު ދައްކާފައި އަނެއް ބިލު ނުދައްކާ މިހެން ނުހެދޭނެ ކަމަށެވެ.