އެމްޓީސީސީއިން ކުރިއަށް ގެންދާ ކ. މާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ވަނީ މިމަހުގެ ބާވީސް ވަނަ ދުވަހު ފަށައިފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން އިތުރަށް ވިދާޅުވިގޮތުގައި ސައިޓުގައި މިހާރު ކުރިއަށްދަނީ ބެޑް ތައްޔާރުކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން، 63,711 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 28,836 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4,414 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 680 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މީގެއިތުުރުން، 700 މީޓަރުގެ ސަރަޙއްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 374 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބްރިޖެއް ހެދުމާއި، 1,869 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ސަރުކާރުން ހިންގާ މި މަޝްރޫޢަކީ 76.48 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.