ޖެހިޖެހިގެން ތިންމަހުގައި ކުނީގެ ބިލް ނުދައްކާނަމަ ކުނީގެ ހިދުމަތް ދިނުން މެދުކަނޑާލާ ގޮތަށް ގަވައިދު އައުކޮށް އިއުލާންކޮށްފިއެވެ.

އެންވަރަމަންޓު މިިނިސްޓްރީން މިއަދު އާންމުކުރި "ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމާއި ބިލްކުރުމާއި ބެހޭ ގަވާއިދު" ވާ ގޮތުން ބިލް ދައްކަންޖެހޭ މުއްދަތުގައި ކުނީގެ ބިލް ނުދައްކައިފިނަމަ ހަތް ދުވަހުގެ ނޯޓިސްއެއް ދެއެވެ. އެ މުއްދަތު ތެރޭގައިވެސް ބިލް ނުދައްކައިފިނަމަ މަހަކު ފަސް ރުފިޔާއަށް ޖޫރިމަނާކުރެއެވެ.

ޖެހިޖެހިގެން ތިންމަހުގެ ބިލް ނުދައްކާނަމަ ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން އެ ހިދުމަތް މެދު ކަނޑާލުމުގެ ހުއްދަ ލިބިގެންވެއެވެ. މީގެއިތުރުން ގަވައިދުގައި ވާގޮތުން ހިދުމަތް ކަނޑާލުމަށްފަހު ދެން ހިދުމަތް އަލުން ދޭނަމަ ނުދައްކާ ހުރި ބިލްތަކާއެކު 50 ރުފިޔާގެ ފީއެއް ނެގުމުގެ ހުއްދަވެސް ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކަށް ލިބިގެން ދެއެވެ.

ހަމައެއާއެކު ވަކި މުއްދަތަކަށް ހިދުމަތް މެދު ކަނޑާލަން ބޭނުން ވެއްޖެނަމަ ކުނި މެނޭޖުކުރާ ފަރާތްތަކުގެ ވަކި އުސޫލެއްގެ ދަށުން އެކަމަށް އެދެވިދާނެކަމަށް ވެއެވެ. އަލުން އެ ހިދުމަތް ހޯދަން ބޭނުން ނަމަ އެކަމަށް 50 ރުފިޔާގެ ފީއެއް ނަގާނެކަމަށް ގަވައިދުގައިވެއެވެ. ހިދުމަތް މެދު ކަނޑާލަށް އެދުމުން އެ ދުވަހާ ހަމައަށް ބިލިން ސައިކަލުގައި ހިނގާފައިވާ މުއްދަތުއަށް ބަލައި އެ ފައިސާ ދައްކަން އެންގުމުގެ އިހުތިޔާރު ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.

ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް ބިލުކުރާނެ ގޮތްވެސް ގެޒެޓުގައިވާ އިއުލާނުގައި ވެއެވެ.