ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ އަބްދުﷲ އެ މަގާމުން ވަކިކޮށް، ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ދެކޮޅަށް ވޯޓް ދިނުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފިއެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހަށް މަޖިލީހުގައި ވަނީ އެޖެންޑާކޮށްފައެވެ. މަޖިލީހުގެ 50 މެންބަރުން ސޮއިކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރުމުގެ ގަރާރެއް މިމަހުގެ 23 ގައި މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަައެވެ.

ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރެވިފައި ވަނީ މިހަފްތާގެ ބުދަ ދުވަހަށެވެ. ހާރިޖީ ވަޒީރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހަށެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލުމުގައި ޝާހިދު ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ތުހުމަތުކޮށް، އިދިކޮޅު ފަރާތްތަކުން ވަނީ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރުން ސޮއިކުރައްވާ، 18 މެއި ގައި ހުށަހަޅާފައިވާ ފޮރިން މިނިސްޓަރ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 6 ޖޫން ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.