ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިއަދު ހުޅުވުނު ރާއްޖޭގެ ފުރަތަމަ ފަރޓިލިޓީ ސެންޓަރގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިފްތިތާހްކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެތައް ދުވަހެއް ވަންދެން އެތައް ބަޔަކު ކުރަމުން އައި ދިގު އިންތިޒާރަކަށް ނިމުމެއް ގެނައި އިން ވިޓްރޯ ފަރޓިލައިޒޭޝަން، އައިވީއެފް ނުވަތަ ދަރިމައިވުމުގައި އެހީވުމަށް ފެށި މި ހިދުމަތަށް އެދިގެން މިހާރުވެސް އެތަކެއް ބޮޑެތި ހޭދަތައް ކޮށްގެން ރާއްޖެއިން ބޭރަށް ގިނަ ބަޔަކު ދެއެވެ. އެހެންކަމުން މިއަދު މިހުޅުވުނު އައިވީއެފް ހިދުމަތްދޭ ހާއްސަ ސެންޓަރުގެ ސަބަބުން އައިވީއެފްގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުން މަދުވެ އެކަމުން ރާއްޖޭގެ އިގްތިސާދަށް ކުރަމުން އައި ނޭދެވޭ އަސަރު ކުޑަވެގެންދާނެ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެއެވެ.
ފަރޓިލިޓީ ސެންޓަރުގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނަޒީރު ވިދާޅުވީ، މި ސެންޓަރަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް ގެނުވާނެ ކަމެއް ކަމަށެވެ.
"ފަރޓިލިޓީ ސެންޓަރުގެ ސަބަބުން، ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދާ މީހުންގެ އަދަދު، އެއްދުވަހުން އަނެއް ދުވަހަށް ދަށަށް ދާނެކަމަށް އަޅުގަނޑު އުއްމީދުކުރަން. އަޑުއިވޭ ގޮތުގައި ފަރޓިލިޓީގެ ހިދުމަތް ހޯދުމަށް ގިނަ ބޭފުޅުންތަކެއް ރާއްޖޭން ބޭރަށް ވަޑައިގަންނެވުމަށްޓަކައި ބޮޑު ހޭދައެއް ކުރައްވަމުންދޭ. ޓީޓީއެޗް ފަރޓިލިޓީ ކްލިނިކް ހުޅުވުމުން ހިދުމަތް ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ބޭފުޅުންގެ އަދަދު މަދުވެ، އެކަމަށްޓަކައި ހޭދަވާ ބޭރު ފައިސާގެ ޢަދަދު އެއްދުވަހުން އަނެއް ދުވަހަށް ދަށަށް ދާނެކަމަށް އަޅުގަނޑު އުއްމީދުކުރަން،" ނަޒީރު ވިދާޅުވިއެވެ.
ފަރޓިލިޓީ ސެންޓަރ ހުޅުވާފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގެ ވިމަން އެންޑް ޗައިލްޑް ސެންޓަރުގައެވެ. މި ސެންޓަރުން ހާއްސަ ތަޖުރިބާކާރުންގެ އެހީއާއެކު ދަރިމައިވުމައި ގުޅޭ ފަރުވާ ފޯރު ކޮށްދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
އިން ވިޓްރޯ ފަރޓިލައިޒޭޝަން (އައިވީއެފް) އަދި އިންޓްރައުޓަރިން އިންސެމިނޭޝަން (އައިޔޫއައި) ފަދަ މި ދާއިރާގައި ކުރިއަރާފައިވާ ހިދުމަތް މި ސެންޓަރުން ލިބޭނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގައި އައިވީއެފްގެ ހިދުމަތް ފެށިއިރު، ހޮސްޕިޓަލުގެ ރަޖިސްޓްރީގައި މި ހިދުމަތް ހޯދުމަށް ސްކްރީންކުރުމަށް މިހާރުވެސް 250 އެއްހާ މީހުން ރަޖިސްޓަރ ވެފައިވާ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.
އިންޑިއާގެ ސިމަރ ހޮސްޕިޓަލާއި ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލުން މި ހިދުމަތް ދޭން ފަށާފައިވަނީ މިހިދުމަތް އަވައްޓެރި ގައުމުތަކުން ދޭ އަގަށްވުރެ ކުޑަ އަގެއްގައިކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހާމަކުރެއެވެ.
އެގޮތުން ކޮންސަލްޓޭޝަންއިން ފެށިގެން އައިވީއެފް ނުވަތަ އައިޔޫއައިގެ ހިދުމަތް ދިނުމަށް ކުރިއަށްގެންދާ އެއް ސައިކަލްއަށް 46000 ރުފިޔާގެ އަގެއް އެހޮސްޕިޓަލުން ކަނޑައަޅާފައިވެއެވެ. އަދި ޕްރޮސީޖަރއަށް ދާން ނުޖެހޭ ފަރާތްތަކުން ބޮޑު ހޭދައެއް ކުރަން ނުޖެހޭނެކަމަށް އެހޮސްޕިޓަލުން ފާހަގަކުރެއެވެ.