" \އެހުރިހާ އަންހެންކުދިން އަހަރެމެންނަށް މި ފެންނަ އަންހެންކުދިންނާ ވަރަށް ވެސް ތަފާތު ގޮތެއް ހުރީ....... އެތަނުން ކޮންމެ ކުއްޖެއްގެ ބޮލުގެ އިސްތަށިގަނޑު ހުންނަނީ އެކިކުލަކުލައިގަ!"
ސިއްދީގު ވަރަށް ޝަޢުޤުވެރި ކަމާއެކު އެވާހަކަތައް އަޑުއަހަން ހުއްޓެވެ.
"އެހުރިހާ ކުދިންގެ ތެރެއިން ވެސް އެތާ ފެންގަނޑު ކައިރީގައި އިށީނދެގެން ތަންކޮޅެއް ދުރުގައި އޮރެންޖު ކުލައިގެ އިސްތަށިގަނޑެއް ލާފައި އިން އަންހެންކުއްޖެއް އެހެން ކުދިންނަށްވުރެ މާ ރީތި!" ސިއްދީގުވެސް ވާހަކަ ދެއްކިއެވެ. "އެކުދިންތަކަށް މުއާ ފެނުނުތަ....؟"
މުއާވިޔަތު ޖަވާބުގައި "އާއެކޭ" ބުންޏެވެ.
ސިއްދީގު އަނެއްކާ ވެސް ހާސްކަންމަތީ ހުރެ ކުރިން ކުރި ސުވާލު ކޮއްފިއެވެ. "އެ އަންހެންކުދިން އެއްވެސް ކަމެއްވެގެން ގޯނާއެއް ކުރިތަ މުއާ އަށް؟؟"
"އެތަނުން އެއްވެސް އަންހެން ކުއްޖަކު އަހަރެން ގައިގައި އަތެއް ވެސް ނުލާ އަދި އަހަރެންނަކަށް ވަކި ކަމެއްނުކުރޭ އެކަމަކު އެ އަންހެންކުދިން ވަރަށް ބާރަށް ހަޅޭލަަވައިގަތީ....!" މުއާވިޔަތު ޖަވާބުދިނެވެ.
މިއަޑު އަހަންހުރި ސިއްދީގުގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
މުއާވިޔަތު ވާހަކަ ކުރިއަށް ގެންދިއައެވެ.
"އެއަންހެން ކުދިން ލެއްވި އަޑު ގަދަކަމުން މުޅިތަން ގުގުމައިގެންދިޔައީ! އެ ފެންގަނޑުވެސް ހީވީ ކެކިކެކި އުތުރި އަރާފާނެހެން..." މުޅި ތަނަށް ބިންހެލުމެއް އައި ކަހަލަ ގޮތަކަށް މުޅި ބިންގަނޑު ގުޑައިގެން ގޮސް ފެންގަނޑު ވެސް ބޮކިޖަހައިގަތީ...! އަހަރެން ހީކުރީ އެތަން އެއްކޮށް ފުނޑުފުނޑުވާން އުޅުނުހެން...! ފެންނައިރު ހީވަނީ އެ ފެންގަނޑު ކަނޑައިގެން ގޮސް ބަންޑުންވެގެން މުޅި ރަށަށް އަރައިގެން އަންނަން އުޅެނީހެން...!"
މި ވާހަކަތަށް ކިޔައިދެމުން އައި އިރު މުއާވިޔަތު ހުރީ ބިރުން ތުރުތުރު އަޅައަޅައެވެ. މުއާވިޔަތު އެކިޔައިދޭ ވާހަކަ ތަކުގެ ހުރި ބިރުވެރި ކަމުން ސިއްދީގު އަޑު އަހަމުން ދިޔައިރު އޭނާ ގެ ގައިން ހީބިހި ނަގައި ދެފައި ވެސް ހުރީ އައްސި ވެފައެވެ.
ސިއްދީގު ބުންޏެވެ. "މުއާ އަށް ތިޔަ ބިރުވެރި ފެންގަނޑު ކައިރިން ސަލާމަތް ވެގެން ގެއާހަމައަށް އާދެވުނީ ކިހިނެއް ހަދައިގެން......؟"
"އަހަރެންނަކަށް އަސްލުގައި ވީގޮތެއް ބުނެދޭކަށް ނޭނގެ....! "
"އަހަރެންނަށް ހީކުރެވުނީ އެ ވަގުތު ބިންގަނޑު ފަޅައިގެން ގޮސް އަހަރެން ބިމުގެ އަޑިއަށް ގަނބައި ގަނެގެން އަޑިއަށް ދިޔައީކަމަށް...!"
" އަހަރެންނަށް އެ އިވިނު ބާރުގަދަ އަޑުފައްގަނޑުގެ ގަދަކަމުން ބިރުން ގޮސް ވާނުވާ ނޭނގި ބިންމައްޗަށް ވެއްޓުނީ.....!"
" އެ ހުރިހާ ކުދިން ވެސް އެއްއަޑަކުން ހަޅޭލަވައި ގަތީ.....!"
" އެ އަޑުފައްގަނޑު ހީވަނީ ވައްތަރެއްގެ ރަނގަބީލެއް ޖެހީމައި އަންނަކަހަލަ އަޑުތަކެއްހެން.....!"
" އަހަރެން ކުރިމައްޗަށް ފެންނަން ހުރި ތަންތަން ވެސް އެގަޑީގައ އަހަރެންނަށް ފެންނަގޮތް ނުސާފުވާންފެށި... !"
މުއާވިޔަތު ޖަވާބުދިނެވެ. އޭނާ އަށް ވާހަކަ ދެއްކުނީ ވަރަށް އުނދަގުކޮށެވެ.
ސިއްދީގު ހުރީ މިއަޑު އިވިފައި ބިރުން ހިތަށް އަރުވާނެ އެއްޗެއްވެސް ނޭނގިފައެވެ. އަދި އަވަސް އަވަހަށް ބުނެލިއެވެ.
"އިތުރު އެއްވެސް ކަމެއްވިތަ އޭގެފަހުން...؟"
ސިއްދީގު މިވަރަކަށް މިސުވާލުތައް މުއާވިޔަތާ ކުރަމުން ދަނީ މިބަޔަކީ ނުރައްކާތެރި ބައެއްތޯ އޭނާ ބަލަން ބޭނުން ވާތީއެވެ. ސަބަބަކީ އެތާނގައި ހުރި އެެބުނާ އޮރެންޖު ކުލައިގެ އިސްތަށިގަނޑުގެ ވެރި އަންހެންކުއްޖާއާ ދޭތެރޭ ގައި ޝައުގު ވެރިކަމެއް ވެސް އުފެދި ވިސްނޭތީއެވެ.
ޖަވާބުގައި މުއާވިޔަތު ބުންޏެވެ. "އެކުދިން ހަޅޭލަވައި ގެންފައި އަހަރެން ބިންމަށްޗައް ވެއްޓުނީމައި އެފެންގަނޑު އަލި ވެގެން ދިޔައީ..."
"އެއިން ކޮންމެ އަންހެން ކުއްޖެއް އެކި ކުލަކުލަ އަރާ އަނގުރު އަލިފާން ތަކަކަށް ބަދަލުވެ މުޅިތަނަށް އަލިފާންކަނި ބުރުވަމުން އަލިގުޅަތަކެއް ހެން ފެންގަނޑު މައްޗަށް އަރައިގެން އުދުހިފައި ކަހަލަ ގޮތަކަށް ދިޔައީ... އެއީ ކީއްވެގެން ވީގޮތެއްތަ......؟"
މުއާވިޔަތު ހައިރާންވެފައި ސިއްދީގު ގާތުގައި މިސުވާލު އެހިއެވެ.
ޖަވާބުގައި ސިއްދީގު ބުންޏެވެ." އަހަރެންނަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގޭ....!"
އެއީ ކޮންކަހަލަ ޖިންނިތަކެއް ބާ.....؟ އެ ޖިންނިތައް އެތިބީ ސިފަބަދަލު ކޮށްގެން ކަންނޭނގެ ދޯ......؟" މުއާވިޔަތު މިހެން އެހިއެވެ.
ސިއްދީގު ޖަވާބު ދިނެވެ." އެއީ ޕަރީންތަކެއް.....!"
މުއާވިޔަތު ގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މުއާވިޔަތު ވާހަކަ ދެއްކިއެވެ.
"އޭނ! ތިކިޔަނީ ކީކޭތަ؟؟ ތި ބުނަނީ އަހަރެން ނަށް އެ ފެނުނީ ޕަރީން ތަކެކޭތަ.....؟ އެއީ އަސްލުގައި ވެސް އުޅޭ އެއްޗެއްތަ.....؟ އަހަރެން ހީކުރީ ކުރީ ދުވަހު ގެ ރޭ ސިއްދީގު އެވާހަކަތައް ކިޔައިދިނީމައި ސިއްދީގު މަޖަލަކަށް ދެއްކި ވާހަކަ ތަކެއްކަމަށް...! އަހަރެން ހިއެއްނުކުރަން ހަގީގަތުގައި ވެސް ޕަރީންނަކީ އުޅޭ ބައެއްކަމަކަށް!"
"އެއީ ވެސް ޖިންނިއެއްނު......؟" މުއާވިޔަތު ދެލޯ ބޮޑު ކޮށްގެންހުރެ ބުނެލިއެވެ.
ސިއްދީގު ވާހަކަ ދެއްކިއެވެ."
"އާނ! ތިބުނީ ރަނގަޅަށް.. ޕަރީންނަކީ ވެސް ހަމަ ޖިންނީންގެ ތެރޭގައި އުޅޭ ވައްތަރެއް ގެ އެއްޗެއް...! އެއީވެސް ހަމަ ޖިންނީންގެ ބައެއް...!"
މުއާވިޔަތު ވާހަކަ ދައްކަން ފެށިއެވެ،
"އެކަމަކު އެ ޖިންނިތަކަކީ ހާދަހާ ރީތި ބައެކޭ...! އެކަހަލަ އެއްޗެހި އެހާ ރީތި ވާނެތަ......؟"
ސިއްދީގު ޖަވާބު ދިނެވެ. މުއާ އަށް މީގެ ކުރިން ދުވަހަކު ުވެސް ޖިންނިއެއް ފެނުނުތަ؟ ނުނީ ޕަރީ އެއް ދުށިން ތަ؟"
ހައިރާންވެފައިވާ މުއާވިޔަތު ގެ ދެލޯބޮޑު ކޮއްލާފައި ނޫނެކޭ ބުނާފަދަ ގޮތަކަށް ދެފަރާތަށް ބޯ ހުރާލިއެވެ.
އަނެއްކާ ވެސް ވާހަކަ ދެއްކީ ހަމަ ސިއްދީގު އެވެ.
"ޕަރީންނަކީ ވެސް ހަމަ ޖިންނީންގެ ތެރޭގަ އުޅޭ ބަޔަކަށް ވީ މައެއްނު އެގޮތަށް މުޅި ހަށިގަނޑުން އަލިފާންރޯކޮށްގެން ވަރައިގައި އުދުހި މައްޗަށް އަރައިގެން އެދިޔައީ.."
"އެއަންހެން ކުދިން އެތިބީ ޕަރީން އަށް ސިފަބަދުލު ކޮށްގެން ނޫންކަމެއް ވެސް އަހަރުމެންނަށް ކިހިނެއްތަ އެނގެނީ....؟ "
މުއާވިޔަތު ޖަވާބު ދިނެވެ.
"އާނ! ތިހެން ވެސް ވެދާނެ..! އެކުދިން ވަރަށް ރީތި.. އަހަރެން އަދި ދުވަހަކު ވެސް އެވަރުގެ ރީތި އަންހެން ކުދިންނެއް މުޅި އުމުރުގައި ވެސް ނުދެކެން.. ހާއްސަކޮށް އެތާނގައި އޮރެންޖުކުލައިގެ އިސްތަށިގަނޑެއް ލާފައި އިން އަންހެންކުއްޖާ!!"
މުއާވިޔަތު މިހެން ބުނާއިރަށް ސިއްދީގު ގެ ހިތް ތެޅިލިއެވެ. އަދި ބުންޏެވެ.
"އެއީ ޖިންނިއެއްނޫން އަދި ކޮންމެ އެއްޗަކަށް ވިޔަސް ހެވެއްނު!.. އަދި ބަލައިލަން ކިތަންމެ ރީތި އަންހެން ކުދިންތަކަކަށް ވިޔަސް އެއީ ބިރުވެރި ބައެއްނު...؟ "
"ތިބުނީ ވިއާ ރަނގަބީލެއް ޖެހީމައި އަންނަކަހަލަ ބާރު އަޑުތަކެއް އެ ކުދިން ނެރޭ ވާހަކަ؟!! "
ސިއްދީގުކުޑައިރު ކޮޅަކު ވިސްނާލަން ހުރެފައި ހިތުން ބިރުވެރި ކަމެއް އިހްސާކުރެވެމުން ބުންޏެވެ. ތި ބަޔަކު ވާނީ ބާރުގަދަ ބިރުވެރި އަޑު ތަކެއް ދެއްވާފައި ވާ ނުރައްކާތެރި ޖިންނީން ގެ ބަޔަކަށެވެ. މި ދިމާވި ހާދިސާގެ އެއްވެސް ވާހަކައެއް އިތުރު މީހެއްގާތުގައި ނުބުނުމަށް ވެސް ސިއްދީގު ބުންޏެވެ.
ސިއްދީގަށް އެއްޗެއް ހަނދާންވެގެން މުއާވިޔަތު ގާތުގައި ބުންޏެވެ.
"މިކަންތައް މިވަނީ ކޮންމެ ހުކުރު ދުވަހެއްގެ ރެއަކު ދޯ؟"
"އާނއެކެވެ. މިހާދިސާއެއް އެހިނގަނީ ހުކުރު ދުވަހުގެ ރޭގަނޑުއެވެ."
އެހެންކަމުން ސިއްދީގާއި މުއާވިޔަތު ނިންމީ ދެންއަންނަ ހުކުރު ދުވަހެއްގެ ރޭ އެފެންގަނޑު ކައިރިއަށް ދާށެވެ.
*** *** *** ****
ޖެހިގެން އައި ހަފްތާގެ ހުކުރު ދުވަހުގެ އިރު އޮއްސިއްޖެއެވެ. މިރޭ ސިއްދީގާއި މުއާވިޔަތު ތިބީ ވަރަށް ކެތްމަދުވެފައެވެ. ރަށުގެ މީހުން ނިދަން ވަދެއްޖެވެ. މިހާރު މުޅިރަށް މިއޮތީ ނިދާފައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެހެންނަމަ ވެސް ސިއްދީގާ މުއާވިޔަތު ފިޔަވައެވެ. އެދެމީހުން އެރޭ މެންދަމު އެ ޕަރީ ފެންގަނޑު ކައިރިއަށްދިޔައެވެ. ކުރީ ހަފްތާގެ ހުކުރު ދުވަހުގެ ފަދައިން މިހުކުރު ދުވަހުގެ ރޭވެސް އެ ފެންގަނޑު ގައި ބައިވަރު އަންހެނުން ތަކެއް އެރި އެބަ އުޅެއެވެ.
ހަމަ ކުރީ ރެއެކޭ އެއްގޮތަށް މިރޭ ވެސް އެތަނުން އެއް ކުއްޖަކު ފެންގަނޑު ކައިރީގައި އޮތް ގަލެއްގައި އިށީނދެއިނދެ އޭނާގެ އޮރެންޖުކުލައިގެ އަލިފާން ހުޅުކޮޅެއްހެން ދިއްލިފައިވާ އިސްތަށިގަނޑާ ކުޅެނީއެވެ. މިރޭ މިއަންހެން ކުއްޖާގެ ބޮލުގައި ރަނުންނާއި ހުދު އަދި ފެހި ކުލައިގެ ބައިވަރު ޖަވާހިރު ތަކެއް ޖަހާފައިހުރި ފިނިފެންމަލު ގެ ތާޖެއްވެސް ހުރީ އަޅާފައެވެ.
ސިއްރުން އެތާނގައި ފިލާތިބި އިރު ދެމީހުންގެ ވެސް ނަޒަރު ހުއްޓިފައި ހުރީ މި އަންހެން ކުއްޖާއަށެވެ. މިއަންހެން ކުއްޖާ އެހެން ކުދިންނަށް ވުރެ އަދި މާ ރީއްޗެވެ. އެހުރިހާ ކުދިން ފެންގަނޑުގައި ތިބެ މަޖާ ކުރަނީއެވެ. ހަމަޔަޤީނުން ވެސް އެގާރަ ވަރަކަށް އަންހެންކުދިން އެފެންގަނޑުގައި ތިއްބެވެ. ދެން ފެންގަނޑުގެ ތެރެއިން އަންހެންކުއްޖަކު ބޯހިއްލާލައިފައި އިށީނދެގެން އިން އަންހެން ކުއްޖާއަށް ގޮވާލާފައި ވަރަށް ރީތި އަޑަކުން ބުންޏެވެ.
"އަމީރާ ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާފުޅާ އޭ" މިފެންގަނޑަށް އެރިވަޑައިގަންނަވާށޭ މިރޭ މި ފެންގަނޑު އަމީރާ ކަމަނާފުޅު ހިތްޕުޅާވެލައްވާ ފަދަ ވަރަށް ފިންޏެވެ. މިހެން މި ކުއްޖަކު ބުނިއަޑު އިވިފައި ސިއްދީގާއި މުއާވިޔަތާ ދެމީހުން އެކަކު އަނެކަކަށް ބަަިލާލައިފައި ވަރަށް މަޑުމަޑުން ދެމީހުންނަށް ވެސް ބުނެވުނީ "ގިނިކަނދުލް ޝަބީބާ" މިހެންނެވެ. ފެންގަނޑުގައި އޮތް އަންހެންކުއްޖާ އެހެން ބުނެލިތަނުން ރަންމުތެއް ފަދައިން ވިދައި ބަބުޅަމުން ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ ހިނިފުޅުވަޑުވަމުން ވިދާޅުވެއްޖެއޭ،
"މިރޭ ަފެންގަނޑަށް އެރުމުގެ ބަދަލުގައި ބޭނުން ވަނީ ރީތި ލަވައެއް ކިޔާލާ ނަށާލަން ..! "
ދެން މި ރީތި ގިނިކަނދުލް ޝަބީބާ ކަމަނާ ތެދުވެ ވަޑައިގެން ފެންގަނޑު މަތީގައި ފަރި ހިންގެވުމަކުން ހިނގަވަމުން ފެންގަނޑު މެދެކާ ހިސާބަށްކަށް ދިޔައެވެ. އެ ކަމަނާ އެ ފެންގަނޑު މަތީގައި ހިންގަވަމުން ދިޔަ ވަގުތު އެ ކަމަނާގެ ފަހެއްޕުޅުން ގަދަ ނޫ ކުލައިން އަލިފާން ކަނި ބުރަމުން ދިޔައެވެ. ދެން އެ ކަމަނާގެ ބުރަކަށިފުޅުން ދިއްލިފައި ހުރި އެތެރެ ފެންނަގޮތަށް ހުރި ބޮޑު ދެ ވަރަ ފާޅުވާން ފެއްޓެވިއެވެ. ފެންގަނޑު ތެރޭގައި ތިބި އެހެން ކުދިން ކުއްލިއަކަށް ފެންގަނޑުން މައްޗަށް ތިލަވެ އުދުހިފައި ކަހަލަ ގޮތަކަށް އަރައިފިއެވެ. އެއިން ކޮންމެ އަންހެން ކުއްޖަކު ވެސް އަޅައިގެން ހުރީ އެކިކުލައިން ވިދާބަބުޅާ ކުނޑިއެކުލެވޭ ބިއްލޫރިފާޑު ފޭރާމެކެވެ.. ްހުރިހާ ކުދިން ނަށަން ފައްޓައިފިއެވެ.
(ނުނިމޭ)