އީރާނުން ތަރައްގީކުރި ކޮވިޑް-19 ވެކްސިން، އިންސާނުން ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް ޓެސްޓްކުރަން ފަށައިފިއެވެ.

އީރާނަކީ، މެދުއިރުމަތީގެ ސަރަހައްދުން ކޮވިޑް ބަލީގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމެވެ.

އީރާނުގެ ސިއްހަތާބެހޭ އޮފިޝަލުން އުންމީދުކުރަނީ، ޓެސްޓްކުރަމުންދާ ކޮވިޑް ވެކްސިން ކާމިޔާބުވެ، މި ބަލިމަޑު ހާލަތުން އީރާނު ވީހާވެސް އަވަހަކަށް އަރައިގަނެވުމެވެ.

ބޭރު ގައުމުތަކުން އުފައްދާފައިވާ ކޮވިޑް ވެކްސިން އީރާނަށް އިމްޕޯޓްކުރުމުގައި އީރާނު ސަރުކާރަށް ބޮޑެތި ދަތިތަކާއި އުނދަގޫތަކާ ދަނީކުރިމަތިވަމުންނެވެ. އެއީ، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ވެކްސިން ގަތުމަށް އީރާނުން ކުރަމުންދާ މަސައްކަތަށްވެސް އެމެރިކާއިން ގެންދަނީ ހުރަސްއަޅަމުންނެވެ.

އީރާނުން ތަރައްގީކޮށްގެން އުޅޭ ކޮވިޑް ވައިރަހަށް ދީފައިވާ ނަމަކީ "ކޮވްއީރާން ބަރެކަތު" އެވެ. މި ވެކްސިން ޓެސްޓްކުރަން މިއަދު ފެށިއިރު، ފުރަތަމަ ޑޯޒް ދީފައިވަނީ އީރާނު ސަރުކާރުގެ އިސް އޮފިޝަލެއްގެ އަންހެން ދަރިކަނބަލެއް ކަމަށްވާ ތައްޔިބާ މުޚުބާރުއަށެވެ.

ތައްޔިބާއަސް ވެކްސިން ދިނުމަށް ބޭއްވި ޚާއްސަ ހަފްލާގައި އީރާނު ސަރުކާރުގެ ހެލްތު މިނިސްޓަރ ސައީދު ނަމާކީއާއި، ވައިސް ޕްރެޒިޑެންޓް ފޮރ ސައިންސް އެންޑް ޓެކްނޮލޮޖީ ސޯރީނާ ސއްތާރީވެސް ބައިވެރިވެވަޑައި ގެންނެވިއެވެ.

ތައްޔިބާ މުޚުބާރުގެ އިތުރުން، އީރާނު ސަރުކާރުގެ އިތުރު 2 އޮފިޝަލަކަށްވެސް މިއަދު ވެކްސިން ދީފައި ވެއެވެ.

އިރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، އީރާނުން ތަރައްގީކުރި ކޮވިޑް ވެކްސިން ޓެސްޓުކުރުމުގެ މަރްހަލާގައި ވެކްސިން ޖެހުމަށް 65،000 އަށްވުރެ ގިނަމީހުން ނަން ނޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް، މީގެ ތެރެއިން ފުރަތަމަ ފޭހުގައި ވެކްސިން ޖެހުމަށް ނަގާފައިވަނީ 56 މީހުންނެވެ.