ކޮވިޑް-19 އާ ދެކޮޅަށް ކުވައިތުން ކުރަމުންދާ ހަނގުރާމައިގައި އެހީތެރިވުމަށް ޕާކިސްތާނުގެ ޑޮކްޓަރުންނާއި، މެޑިކަލް ޕްރޮފެޝަނަލުން ހިމެނޭ 196 މެމްބަރުންގެ ޓީމެއް ކުވައިތަށް ހިނގައްޖެއެވެ.

މިއީ، ކޮވިޑް ބައްޔާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިވުމަށް މިއަހަރުގެ ޖުލައިމަހު ޕާކިސްތާނާއި ކުވައިތާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދިޔަ ޓީމެއް ކަމަށް، ކުވައިތުގެ ރަސްމީ ނޫސް އޭޖެންސީ، ކޫނާއިން ބުނެފައި ވެއެވެ.

ކުވައިތަށް ދިޔަ ޕާކިސްތާނު ޓީމުގައި ހިމެނެނީ 41 ޑޮކްޓަރުންނާއި، 131 ނަރުހުންނާއި، 24 މެޑިކަލް ޓެކްނީޝަނުންނެވެ.

ކުވައިތާއި ޕާކިސްތާނާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މިއަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައިވެސް ޕާކިސްތާނުން 208 މެޑިކަލް ޕްރޮފެޝަނަލުން ކުވައިތަށް ގޮސްފައި ވެއެވެ.

ކުވައިތުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ނަސަރް އަލް މުތައިރީވަނީ، މެޑިކަލް ޓީމު ފޮނުއްވައި ދެއްވި ކަމަށްޓަކައި ޕާކިސްތާނު ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ވިދާޅުވީ، ކުވައިތާއި ޕާކިސްތާނާ ދެމެދު އޮތް ގާތް އެކުވެރި ގުޅުމަކީ ހިލަފަދަ ހަރު ގުޅުމެއް ކަމަށާއި، އެ ގުޅުން މުގުރާ ނުލެވޭނޭ ކަމަށެވެ.

އޯވަސީސް ޕާކިސްތާނީ އެންޑް ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓާ ގުޅޭ ކަންކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރުގެ ޚާއްސަ އެސިސްޓެންޓް ސައިދު ޒުލްފިކާރް އައްބާސް ބުޚާރީ ވިދާޅުވީ، ކޮވިޑް ބަލިމަޑުކަމުގެ މިހާލަތުގައި ކުވައިތަށް އެހީތެރިވެވުމަކީ ޕާކިސްތާނަށް ވަރަށްބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށެވެ.