މާލޭ ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގާގޮތަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީކައުންސިލުން އެ ގޮތަށް ނިންމީ މިއަދު އެ ކައުންސިލުގައި ބޭއްވި ހަތަރުވަނަ ދައުރުގެ 104 ވަނަ ރަސްމީ ޖަލްސާއިންނެވެ.

މި ޖަލްސާއިން ނިންމާފައިވަނީ ސަލްޓަންޕާކާއި، ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަށެވެ. މި ފީ ނެގުމަށް ނިންމީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީނާއި ޓޫރިސްޓުންގެ އަތުންނެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި ޓޫރިސްޓުންގެ އަތުން ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ ތަފާތު ދެ އަގެކެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިޖަލްސާގައި ވިދާޅުވީ، ޕާކުތަކާއި މައިޒާންތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަކީ ބޭރު ގައުމުތަކުގައި ވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. "އެއީ ތަހުޒީބީ ކަމެއް، ތަފާތުކުރުން ކަމަކަށް ނުބެލެވޭ. ހަމަ ނޯމަލް ޕްރެކްޓިސްއެއް އެއީ،" ފީނެގުމާ ބެހޭގޮތުން މޭޔަރު ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވީ މާލޭގައި ބިދޭސީންގެ ޢަދަދު މިހާރުވަނީ އިންތިހާއަށް އިތުރުވެފައި ކަމަށެވެ. އެހެން ކަމުން އެމީހުން ހިތްހަމަޖައްސާލަން ޕާކުތަކާއި މައިޒާންތައް ބޭނުން ކުރުން އާންމުވުމުން އެކަމަށް ބޭނުންވާ ދިވެހީންނަށް ޕާކުތަކާއި މައިޒާންތަކުންނާއި އާންމު އެހެން ތަންތަން ޖާގަ ލިބުން ދަތިވެފައިވާ ކަމަށް މެމްބަރުން ވިދާޅުވިއެވެ.

މި ކަމަށް ބަހުސް ކުރުމަށްފަހު ކައުންސިލަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ އަންނަ ޖޫންމަހު ފަނަރަ އިން ފެށިގެން ފީ ނެގުމަށެވެ. ބިދޭސީންގެ އަތުން ނަގާނޭ ފީގެ އަދަދު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ކަނޑައެޅުމަށް ވެސް މިއަދުގެ ޖަލްސާއިން ވަނީ ނިންމަވާފައެވެ.

ސަލްޓަންޕާކު މަރާމާތުކޮށް އަލުން ހުޅުވުމަށްފަހު އެ ތަނަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަމުންދިޔައެވެ.