ކައިވެނި މަތީގައި ދެމަފިރިންގެ ދިރިއުމަށްޓަކައި އަނބިމީހާ ކޮށްފައިވާ ހަރަދެއް އޮތް ނަމަ ކައިވެނި ނިމުމަކަށް އައުމަށް ފަހުގައި ވެސް ކުރީގެ ފިރިމީހާގެ ކިބައިން ހޯދިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކުރީ ދ. ކުޑަހުވަދޫ ފިރިހެނަކަށެވެ. އޭނާއަށް ހުކުމް ކުރީ، ކުޑަހުވަދޫން ލިބުނު ގޯއްޗެއްގައި އޭނާގެ އަނބިމީހާ ވެސް ހޭދަކޮށްގެން އިމާރާތްކޮށް އެތަން ދެމަފިރިންގެ ނަމަށް ރަޖިސްޓްރީކުރަން ނިންމާފައި ވަނިކޮށް އޭގެ ކުރިން ކައިވެނި ރޫޅުމުން ދިމާވި މައްސަލައެއްގައި އަންހެން މީހާ ކުރި ދައުވާއެއްގަ އެވެ.
ދައުވާގައިވާ ގޮތުން، ގެއަށް ކޮށްފައިވާ ހޭދައިގެ ގޮތުގައި އަންދާޒާކުރެވޭ 1.2 މިލިއަން ރުފިޔާ ހޯދަން އަންހެން މީހާ ދައުވާކުރީ ކައިވެންޏަށް ލިބިފައިވާ ދެ ދަރިންނަށް ގެއިން ބައެއް ދޭން އެދުމުން ފިރިހެން މީހާ އެކަމަށް އިޖާބަ ނުދިނުމުންނެވެ.
ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުންނާއި ހައި ކޯޓުން ވެސް އަންހެން މީހާ އަށް ނާކާމިޔާބު ވުމުން، އަންހެންމީހާ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީއެވެ. ސުޕްރީމްކޯޓުން ބެލި މައްސަލައިގެ ހުކުމް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ފެއްޓެވީ ކައިވެނީގެ އަގުދުގެ ހާއްސަކަމާ މެދު ރޫމު ސޫރަތުގެ 21 ވަނަ އާޔަތުގައިވާ ވާހަކައިންނެވެ.
ކައިވެންޏަކީ އާދައިގެ އެއްބަސްވުމެއް ނޫން ކަމަށާއި އެހެން އެއްބަސްވުންތަކާ ހިލާފަށް މި އެއްބަސްވުމުގެ ބައިވެރިންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކީރިތި ގުރުއާނުގައި ބަޔާންކުރައްވާފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި ކައިވެނީގައި އަނބިމީހާ އަށް ހަރަދުކޮށް ބެލެހެއްޓުން ކީރިތި ގުރުއާނުގައި ފިރިމީހާ އަށް މަތިކޮށްފައި އޮންނަ ކަމަށާއި އެކަމަކު ދެމަފިރިން އެކަކު އަނެކަކަށް ހަރަދު ކުރުމަކީ އިސްލާމީ ޝަރީއަތް މަނާކުރާ ކަމެއް ނޫން ކަމަށެވެ.
އެކަމަކު ހުކުމުގައިވަނީ އެއްބަސްވުމަކާ ހަމައަށް ވާސިލުވުމުގެ ކުރިން އެއްބަސްވުމުގެ ބައިވެރިޔަކު ކުރިކަން ސާބިތުވާ ހަރަދު، ނުވަތަ އެއްބަސްވުމުގެ ބައިވެރިޔަކަށް ލިބުން ހައްގު މިންވަރު ނަގައި ދިނުމުގައި ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް އޮތުން ލާޒިމު ނޫން ކަމަށެވެ.
މި މައްސަލާގައި ކަން ހިންގާފައިވާ ގޮތަށް ބަލައި، ފިރިހެން މީހާ އަށް ލިބުނު ގޯތީގައި ވެސް އަންހެން މީހާގެ މަސްލަހަތު ހިމެނޭ ކަމަށް ހުކުމުގައި ބުނެފައި ވެއެވެ، އެއީ ދެމަފިރިންނަށް ގޯތި ލިބޭ ނަމަ އެތަނުން އެކަކަށް ގޯތި ދޭން އުސޫލު ހަދާފައި އޮތުމާއި ކައިވެނި ކޮށްގެން އުޅޭތީ ފިރިހެން މީހާއަށް ޕޮއިންޓް ލިބިފައި ވެސް ވާތީ އެވެ.
ފިރިހެން މީހާ މި މައްސަލާގައި ބުނެފައިވަނީ ގެ އަޅަން ބޭންކުން ނެގި ލޯނަށް އަންހެން މީހާ ފައިސާ ދެއްކި ކަމަށެވެ. އެކަމަކު ދެއްކީ ކިހާ ފައިސާއެއްކަން ބުނަން ނޭނގޭ ކަމަށެވެ.
އަންހެން މީހާ ވަނީ އޭނާ ކުރި ހޭދަތައް ސާބިތުކޮށްދޭން ލިޔެކިޔުން ހުށަހަޅާފައެވެ. އަންހެން މީހާ ކުރި ހޭދަ އަކީ ލިޔެކިޔުމުން، އަނބުރާ ދައްކާގޮތަށް ކުރި ހަރަދެއް ނޫން ކަމަށް ފިރިހެންމީހާ ބުންޏެވެ.
އެކަމަކު ހުކުމުގައި ވަނީ އެއްބަސްވުމަކާ ހަމައަށް ވާސިލުވުމުގެ ކުރިން އެއްބަސްވުމުގެ ބައިވެރިޔަކު ކުރިކަން ސާބިތުވާ ހަރަދު، ނުވަތަ އެއްބަސްވުމުގެ ބައިވެރިޔަކަށް ލިބުން ހައްގު މިންވަރު ނަގައި ދިނުމުގައި ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް އޮތުން ލާޒިމު ނޫން ކަމަށެވެ.
ހުކުމުގައިވެ އެވެ.
ފަނޑިޔާރު މަހާޒްގެ ރައުޔަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ ތާއީދާ އެކު ކުރެއްވި ހުކުމުގައި ކުޑަހުވަދޫ ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލް ކަމަށް ވަނީ ނިންމަވައިފަ އެވެ. އަދި މައްސަލާގައި ހިމެނޭ އިމާރާތް އަގުކޮށް، އެ އަގުގެ ދެބައިކުޅަ އެއްބައި އަންހެން މީހާ އަށް ލިބެން ޖެހޭނެ ކަމަށް ކަނޑައެޅުއްވި އެވެ. އެހެންވެ އެ ބައި ލިބިދިނުމަށް، މި މައްސަލަ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލުކުރީ އެވެ.