ޕާކިސްތާންގެ ގިނަ ޕައިލެޓުން ގެންގުޅެނީ ވަގު ސެޓިފިކެޓްތަކެއް ކަމަށް އެގަމުގެ ސަރުކާރުން ބުނެފިއެވެ. ކަރާޗީގައި ޕީއައިއޭގެ ބޯޓެއް ވެއްޓުމާ ގުޅިގެން ހިންގި ތަހުގީގާ ގުޅިގެން ޕާކިސްތާންގެ ގާނޫނު ހަދާ މަޖިލީހަށް މަޢްލޫމާތު ދެމުން ސަރުކާރުން ބުނެފައިވަނީ ޕާކިސްތާންގެ 40 ޕަސެންޓް ޕައިލެޓުންނަކީ ވަގު ސެޓިފިކެޓް ގެންގުޅޭ ބައެއް ކަމުގައެވެ.

ގަލްފް ނިއުސްގައި، ޕާކިސްތާންގެ ފެޑެރަލް އެވިއޭޝަން މިނިސްޓަރ ޣުލާމް ސަރްވާރް ގާނޫނު ހަދާ މަޖިލީހުގައި ދެއްކެވި ވާހަކައާ ގުޅިގެން ރިޕޯޓްކޮށްފައިވަނީ، މުޅި ޕާކިސްތާންގައި 860 ޕައިލެޓުން ތިބި ކަމަށެވެ. އެއީ ޕީއައިއޭއާއި ސީރީން އެއާއާއި އެއަރ ބުލޫގެ ޕައިލެޓުން ހިމަނައިގެންނެވެ.

ވަޒީރު ވިދާޅުވިގޮތުގައި 2019 ފެބްރުއަރީގައި ހިންގި ތަހްގީގަކުންވެސް އެނގިފައިވަނީ، ބައެއް ޕައިލެޓުން އިމްތިހާން ހަދާފައިވަނީ ބަދަލުގައި އެހެން މީހަކު ފޮނުވައިގެންނެވެ. އަދި ފޭކް ޕައިލެޓުންގެ އަތުގައި ބޯޓު އުދުއްސުމުގެ ތަޖުރިބާއެއް ވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެފަދައިން ފޭކް ބައެއް ޕައިލެޓުން މަގާމަށް އައްޔަން ކޮށްފައި ވަނީ ސިޔާސީ ނުފޫޒުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.