ސްޓޫޑަންޓް ލޯނަށް ކުރިމަތިލާފައި ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ. މިކަން އާންމުކޮށް އިއުލާން ކުރެއްވީ ރައީސްއޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިރޭ ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނުގެ ޝަރުތު ފުރިހަމަވި ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށާއި އިތުރު ތަފްސީލު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މާދަމާ އިއުލާންކުރާނެ ކަމަށެވެ.

މަތީ ތައުލީމާއި ތަމްރީންގެ ދާއިރާ އިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތުގެ ދަށުން މިއަހަރު ހުޅުވާލީ 720 ފުރުސަތެވެ. ނަމަވެސް ރައީސްގެ މި ނެންމެވުމާއިއެކު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދޭން މިވަނީ ނިންމާފައެވެ.

ރާއްޖެއަށް ބޭނުންވާ ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ދޫކުރާ ލޯނު ސްކީމުގެ ދަށުން މިއަހަރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް މަތީ ތައުލީމު ހާސިލުކުރެވޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައެވެ.