އައްޑޫ ސިޓީއަށް ބިންއިތުރުކުރުމުގެ މަޝްރޫއުގެ ދަށުން 28 މެއި ގައި ހެމް318 ޑްރެޖަރު އައްޑޫ ސިޓީގައި ވަނީ މޮބިލައިޒް ކޮށްފައެވެ. އަދި އައްޑޫ ސިޓީ ހިތަދޫ ޒޯން 2 ގެ ޑްރެޖިންގެ މަސައްކަތުގެ ޓްރައިލް ލޯޑް އެޅުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ.

ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މަރަދޫ ފޭދޫ ސަރަހައްދުން ފެށިގެންނެވެ. މިހާރު މި މަސައްކަތުގެ ބަންޑް އެޅުމުގެ މަސައްކަތް ނިމިފައިވާއިރު ހިތަދޫ ޒޯން 1 އަދި 2 ގެ މަސައްކަތް ކުރިއަށް ދާކަމަށް މައުލޫމަތު ލިބިއެވެ.

މީގެއިތުރުން ޓޫރިޒަމް ތަރައްގީކުރުމަށް ވަކިން ހިއްކާ ރަށްތަކުގެ ތެރެއިން ދެ ރަށެއްގެ މަސައްކަތް ނިމިފައިވާކަމަށާއި،މިހާރު ކުރިއަށްދަނީ ތިންވަނަ ރަށުގައި ބަންޑު އުޅެމުގެ މަސައްކަތެވެ. މިއީ ހަތަރު ލޭން ލިންކް ރޯޑްގެ އެމްބޭންކްމަންޓުގެ މަސައްކަތް ނިމި، ބިން އިތުރުކުރެވޭ ސަރަހައްދުގައި ހުރި 70،000 މުރަކަ ކޮލޮނީ ރައްކާތެރި ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށް މައުލޫމަތު ލިބެއެވެ.

މި މަސައްކަތް ކުރަނީ އީއައިއޭގައިވާ ގޮތުގެ މަތިން މޮނިޓަރިން އަދި މިޓިގޭޝަންގެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހުގައެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިން އަދި އިންފްރާސްޓްރަކްޗާގެ ފަރާތުން 18 މަސް ދުވަސް ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މަސައްކަތެކެވެ.