ފޯޅަވައްސަކީ އެއްވެސް އިރެއްގައި ދިވެހީންގެ ތަނެއް ހެއްޔެވެ؟ ފޯޅަވައްސާއި ޗާގޯސްގެ އެހެން ރަށްތަކަށް މިހާރު ވެގެން މިއުޅެނީ ކިހިނެއް ހެއްޔެވެ؟ އެސަރަހައްދުން ދިވެހީންގެ ކަނޑުގެ ބައެއް ގެއްލުނީ ހެއްޔެވެ؟ ވިއްކާލީ ހެއްޔެވެ؟ ދިވެހީންގެ އަތުން ފޯޅަވައްސާއި ދިވެހި މަސްކަނޑުން ބައެއް ގެއްލުނީ ހެއްޔެވެ؟ މިއީ މިހާރުގެ އެންމެ ހޫނު ސުވާލުތަކެވެ. މި ސުވާލުތަކާއި އޭގެ ޖަވާބާއެކު ވާހަކަދައްކާ ގިނަ ބަޔަކު ބަސްބުނެ ހަދަނީ އެބަޔަކު އަލަށް އަޑު އެހި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށެވެ. އަނެއް ބަޔަކު ގަސްތުގައި މި މައުޒޫއުގައި ދޮގު މައުލޫމާތު ފަތުރަމުން ދާތީ ގިނަ ބަޔަކަށް ބޮޑެތި އޮޅުންތަކެއް އަރައި އިޖުތިމާއީ ފިތުނަތަކެއް އުފެދި ގިނަވަމުން އެބަދެއެވެ. މި ސަބަބުތަކަށްޓަކައި މި ލިޔުމުގައި މި ހުށަހަޅައިދެނީ މި ކަންކަމާ ގުޅޭގޮތުން ރާއްޖޭގެ މަޝްހޫރު ހިސްޓޯރިކަލް އެނެލިސްޓް އަދި ގާނޫނީ ވަކީލު މުޙައްމަދު ނާޖިޙް އާ ހަލި ނިއުސްއިން ކޮށްފައި އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ. ހަލި ނިއުސް އިން ކޮށްފައިވާ ބައެއް ސުވާލުތަކަށް މުޙައްމަދު ނާޖިޙް ދެއްވި ޖަވާބުތަކުގެ ޚުލާސާއެވެ. މި ޖަވާބުތައް ބިނާވެފައިވަނީ ފެންނާހުރި ހެކިތަކުގެ މައްޗަށެވެ. އެހެންކަމުން މި ލިޔުމުގެ ސަބަބުން މުޅި މައްސަލަ ވަށައިޖެހޭގޮތެއްގައި ސާފުވެގެން ދާނެކަމަށް އަޅުގަނޑުމެން ދެކެމެވެ. - އެޑިޓަރ
މި ލިޔުމުގެ އުސްއަލިތައް:
- އެއްވެސް އިރެއްގައި ދިވެހީންގެ ތަނެއްތަ؟
- ކާފަރުވި ހަސަން ރަސްގެފާނާއި ޕުއްލޮބޭގެ ހަތް ޖަޒީރާ
- ޕުއްލޮބޭއަކީ ފޯޅަވަހިކަން ކަށަވަރު ނުވާ ސަބަބު
- ކަލާފާނުފޯޅަވަހި ހޯދަން ފޮނުއްވެވި ވާހަކަ
- ކާފަރުވި ރަސްގެފާނުގެ ފަތްކޮޅުކަމަށް ބުނާ ސިޓީ
- ކާފަރުވި ރަސްގެފާނަކީ އަދުލުވެރިއެއް ކަމުގައި ނުވާ ސަބަބުތައް
- ރަސްގެފާނު ކާފަރުވުން
- "މަލިކައްޑޫ މިދެމެދު އެކުއޮންނައިމިކޮށު، އަނެކުންނަށްނެތީކޮށު"
- މާލިމީންގެ ފޮތްތަކުން ފޯޅަވަހި
- "ޓެރާ ނޫލިއަސް"އަކީ ކޮބާ؟
- ފެހެންދީބަކީ ސައިމޭޒުދޮށު ނަމެއް
- ދިވެއްސަކަށް ފެނުނު ކަމުގައި ބުނާ މަހާނަފާ
1. ފޯޅަވައްސަކީ އެއް އިރެއްގައި ވެސް ދިވެހީންގެ ތަނެއްކަން ސާބިތުވާ އެއްވެސް ތާރީޚީ ނުވަތަ ޤާނޫނީ ހެތްކެއް ލިބިފައި އެބަ އޮތްތޯ؟
ޖ: ފޯޅަވައްސަކީ އެންމެ އިހުޒަމާނުއްސުރެ ދިވެހީންނަށް ކޮންމެވެސް ވަރަކަށް އެނގި އެތަނެއްގެ މަޢުލޫމާތު ލިބިފައި އޮތް ތަނެކެވެ. އެހެންނަމަވެސް މަލިކައްޑޫގެ ދެމެދުގައި ވާ އަތޮޅުތައް އެނގޭ ފަދައިން އެތަނުގެ މަޢުލޫމާތު ދިވެހީންނަކަށް ނޭނގެއެވެ. އެތައް އަތޮޅަކާއި، ފަރަކާއި، ރަށެއްގެ މައްޗަށް އެކުލެވިގެންވާ އެ ތަނަށް ދިވެހީން ޒަމާނުއްސުރެ ކިޔަމުން އަންނަނީވެސް އެންމެ ނަމެކެވެ. އެއީ ހަމަ އެކަނި ފޯޅަވައްސެވެ. ދެކުނުގެ މީހުން ހޮއްޅަވައި އަދި ފޮއްޅަވައި އަދި ހޯޅަވަހި ކިޔާ ކަމަށްވެއެވެ. ފޯޅަވައްސަކީ އެއްވެސް ދުވަސްވަރެއްގައި ދިވެހިރާއްޖޭގެ ދަށުގައި ނުވަތަ ދިވެހީންގެ ތަނެއްގެ ގޮތުގައި އޮތްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ދޭހަވާނެފަދަ އެއްވެސް ހެތްކެއް ފެންނާކަށްނެތެވެ.
ނަމަވެސް އެތަނަކީ ތާރީޚުގެ ތެރެއިން ދުވަސްވަރެއްގައި ދިވެހިރާއްޖޭގެ ތަނެއް ކަމަށް ބެލިދާނެ ފަދަ ޤަރީނާއެއްވެއެވެ. އެއީ އެންމެންވެސް ދައްކަމުން އަންނަ ކާފަރުވި، ނުވަވަނަ ހަސަން ރަސްގެފާނު، މީލާދީން 1551 ގައި ތަޚުތު ދޫކުރައްވާފައި ރާއްޖެއިން ކޮއްޗޭއަށް ވަޑައިގެން އެތަނުގައި ކްރިސްޓިޔަން ދީން އިޚްތިޔާރު ކުރެއްވައި، ނަންފުޅަކީ ޑޮން މެނުއަލް ކަމުގައި އިޚްތިޔާރުކުރައްވައިގެން މަލާބާރުކަރައިގައި އުޅުއްވުމުގެ ތެރޭގައި މީލާދީން 1560 ގައި ލިޔުއްވިކަމަށް ޕޯޗުގީޒުންގެ ލިޔުންތަކުން އެނގެން އޮންނަ ފަތް ނުވަތަ ސިޓީއެއްގެ ވާހަކައެވެ.
ކާފަރުވި ހަސަން ރަސްގެފާނާއި ޕުއްލޮބޭގެ ހަތް ޖަޒީރާ
އެއީ ޕޯޗުގީޒުން ދިވެހިރާއްޖެ ހިފައިގެން އުޅޭތާ 2 ވަނަ އަށް ވީ އަހަރެވެ. އަލިރަސްގެފާނު ޝަހީދުކުރެއްވުމަށްފަހު ޕޯޗުގީޒުން ދިވެހިރާއްޖެ ހިފީ 1558 ގައެވެ. ހަސަން ރަސްގެފާނަށް ނިސްބަތްވާ އެ ސިޓީގެ ތަރުޖަމާގައި އޮންނަނީ "މާތްރަސްކަލާނގެ ހެޔޮ ރަޙުމަތުން، ތިމަން، ޑޮމް މެނުއަލްއަކީ މޯލްޑީވާ (ދިވެހިރާއްޖޭ) ގެ ޖަޒީރާތަކާއި، ސުއައިދުގެ ތިން ޕަޓަނާއާއި، ޕުއްލޮބޭގެ ހަތް ޖަޒީރާއާއި، ސުމަތުރާގެ އައްސޭރިއާއި، މަނަކޫމާގެ ކަނޑުތަކުގައި ކުރެވޭ ނެވިނިޔަކަމުގެ ވެރި ރަސްގެފާނީމެވެ."
ޕުއްލޮބޭގެ ހަތް ޖަޒީރާ އަކީ ފޯޅަވަހިކަން ކަށަވަރެއް ނޫން.
ސިޓީގައި މި ބުނާ ޕުއްލޮބޭގެ ހަތް ޖަޒީރާއަކީ ފޯޅަވައްސަށް ވެދާނެކަމަށް ފުރަތަމަ ލިޔުނީ މީލާދީން 17 ވަނަ ޤަރުނުގައި ދިވެހިރާއްޖޭގެ ޚަބަރުތައް ލިޔުނު ފަރަންސޭސިވިލާތުގެ ޕިރާޑްގެ ދަތުރުނާމާގެ އިނގިރޭސި ތަރުޖަމާކުރިއިރު އެޗް.ސީ.ޕީ. ބެލްއާއި، އެލްބަޓް ގްރޭއެވެ. އެހެންނޫނީ ޑޮމް މެނުއަލް އެ ލިޔުއްވި ޕުއްލޮބޭގެ ހަތް ޖަޒީރާއަކީ ފޯޅަވަހިކަމަށް އެނގޭނެ ފަދަ، އަދި އެއީ އެއްވެސް ދުވަސްވަރެއްގައި ދިވެހިރާއްޖޭގެ ރަސްކަމުގެ ދަށުގައި އޮތް ތަނެއް ކަމެއް އެނގޭނެ ފަދަ އެއްވެސް ލިޔުމެއް، ރަސްމީ ވިޔަސް އަދި ނުރަސްމީ ވިޔަސް އެއްވެސް ލިޔުމެއް ނުވަތަ އެއްވެސް ވާހަކައެއްވެސް ވިޔަސްނެތެވެ.
އެއީ ސުމަތުރާގެ އައްސޭރިފަށުގައި އޮންނަ ޕުލޯވޭ ކަމަށް ވެސް ވެދާނެ
އެ ސިޓީގައި ޕުއްލޮބޭގެ ހަތް ޖަޒީރާއަށްފަހު ސުމަތުރާގެ އައްސޭރީގެ ވާހަކަ އަންނާތީ، އެ ހަތް ޖަޒީރާއަކީ ސުމަތުރާގެ އުތުރުން އައްސޭރިފަށުގައި އޮންނަ ޕުލޯވޭއަށް ވުން ވެސް އެކަށީގެންވެއެވެ. އަދި ހަމައެއާއެކު އެ ސިޓީގައިވާ ޕުއްލޮބޭއަކީ ބެލްމެންގެ ތަރުޖަމާގައި ފޯޅަވަހިކަމަށް ވެދާނެކަމަށް ލިޔެފައިވާ ލިޔުން ފިޔަވައި، އިހުގެ ލިޔެކިޔުންތަކުގައި "ޕުއްލޮބޭ" މި ނަން ބޭނުންކޮށްފައި އޮތީވެސް ސީދާ މި ދެންނެވި ސުމަތުރާގެ އައްސޭރިފަށުގައިވާ ޕުލޯވޭއަށެވެ.
ކަލާފާނުގެ ރަސްކަމުގައި ފޯޅަވަހި ހޯދަން ފޮނުއްވެވިކަމަށް ބުނާ ވާހަކަ
ދެން އޮތީ ކަލާފާނުގެ ރަސްކަމުގައި ފޯޅަވަހި ހޯދަން މީހުން ފޮނުއްވިކަމަށް ޕިރާޑްގެ ދަތުރުނާމާގައި އޭނާ ލިޔެފައިވާ ވާހަކައެވެ. އޭގައި އޮންނަނީ ދެ ފަހަރެއްގެ މަތީން ކަލާފާނު "ޕޮއްލޮވޮއި" (އެ ޒަމާނުގައި އެ ނަމަކީ ޕޮއްޅޮވައި ކަމަށްވުން އެކަށީގެންވެއެވެ. ދެކުނުގައި އެތަނަށް ފޮއްޅަވައި ކިޔާ ކަމަށް ކުރީންވެސް ފާހަގަކޮށްފީމެވެ. އެ ނަމާ ވަރަށް ވެސް ގުޅޭ ނޫންތޯއެވެ.) އޭ ކިޔާ ޖަޒީރާއެއް ހޯދަން ވަރަށް ކުޅަދާނަ މާލިމީއަކު ފޮނުއްވި ކަމަށެވެ.
ޕިރާޑް ލިޔެފައިވާ ގޮތުން އެތަނުގެ މަޢުލޫމާތު ދިވެހީންނަކަށް މާ ރަނގަޅަކަށް ނޭނގެއެވެ. އަދި އިހުގައި ދިވެހި އޮޑިއަކަށް ބެހިގެން އެރަށަށް ދެވުނުކަމަށާއި، އެތަނުގައި އުޅޭ ރޫޙާނީ ބާރުތަކެއްގެ ސަބަބުން އެތަނުގެ މޫސުން ގޯސްވެ އެތަނުގެ ފަޅުގައި އޮޑިއަށް ނޯވެވުނު ކަމަށް ދިވެހީން އޭނާ ގާތު ބުނިކަމަށް ވެސް ޕިރާޑް ލިޔެފައި އޮވެއެވެ. އަދި ޕިރާޑްގެ ލިޔުމުގައި އެ ޖަޒީރާ ހޯދަން ފޮނުއްވި މާލިމީއަށް އެ ދެ ފަހަރުވެސް އެތަން ނުހޯދުނުކަމަށާއި، ދެ ފަހަރުވެސް އޮޑި ބެހި، އޭގައި ދަތުރުކުރި އެތައް ބަޔަކު މަރުވެގެން ދިޔައީ ކަމަށްވެއެވެ. ޕިރާޑް އެ ބަޔާންކުރާ ޕޮއްލޮވޮއި ޖަޒީރާއަކީ ޑިއެގޯ ގާސިއާ ކަމުގައިވުން ވަރަށް ގާތެވެ. ޕިރާޑްގެ ލިޔުމުންވެސް އެތަނަކީ ދިވެހިރާއްޖޭގެ ދަށުގައި އޮތް ތަނެއް ކަމެއް ސާބިތެއްނުވެއެވެ. އަދި ކަލާފާނުގެ ފަހުން އެއްވެސް ރަސްކަލަކު އެތަން ހޯއްދަވަން އުޅުއްވިކަމެއް ނުވަތަ ނޫޅުއްވާ ކަމެއްވެސް އެނގޭކަށް ނެތެވެ. އެހެންނަމަވެސް އޭގެ ފަހުގެ އެއްވެސް ތާރީޚެއްގައި އެތަން ދިވެހިރާއްޖޭގެ ދަށުގައި އޮތްކަން އެނގޭކަށް ނެތެވެ. އިސްކަންދަރު ރަސްގެފާނު ސިފައިން ފޮނުއްވައިގެން މަލިކު ހިއްޕަވައި ދިވެހިރާއްޖޭގެ ވެރިކަމުގެ ދަށަށް ގެންނެވިކަން ތާރީޚުން ވަރަށް ރަނގަޅަށް އެނގެން އެބައޮތެވެ. އެއްވެސް ރަސްކަލަކު ފޯޅަވަހި ހިއްޕެވިނަމަ އެކަންވެސް އެނގެން އޮތީހެވެ.
2. ނުވަ ވަނަ ހަސަން ރަސްގެފާނުގެ ފަތްކޮޅެއްގެ ނަމުގައި މި ދުވަސްވަރު ހަވާލާދެވިގެން ވާހަކަ މިދައްކަނީ ހަގީގީ ސައްހަ ފަތްކޮޅެއްގެ ވާހަކަތޯ؟ މި ހަވާލާ ދެވޭ ލިޔުމުގެ ހަގީގަތަކީ ކޮބައިތޯ؟
އެއީ ޞައްޙަ ސިޓީއެކެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ރަސްމީ ފަތްކޮޅެއް ނޫނެވެ. ރަސްކަން ދޫކުރައްވައި ވަޑައިގެން، އިސްލާމްދީން ވެސް ދޫކުރައްވައިގެން ހުންނަވައިގެން، ޕޯޗުގީޒުންގެ ލަޝްކަރެއް ދިވެހިރާއްޖެއަށް ފޮނުއްވައިގެން އެފަހުން ރަސްކަމުގައި އިންނެވި ދިވެހި މުސްލިމް ރަސްގެފާނު އައްސުލްޠާން ޢަލީ، ޝަހީދުކުރެއްވުމަށްފަހު ނިރުބަވެރި ޕޯޗުގީޒު އަނދިރިއަނދިރީން ދިވެހީންގެ މައްޗަށް ވެރިކުރައްވައިގެން މަލާބާރުކަރައިގައި ހުންނަވައިގެން އަމިއްލަފުޅަށް ދިވެހިރާއްޖޭގެ ކްރިސްޓިޔަން ރަސްގެފާނު ކަމުގައި ހެދިވަޑައިގެން ލިޔުއްވި ސިޓީއެކެވެ. ދިވެހިރާއްޖޭގެ ރަސްމީ ފަތްކޮޅަކަށް ވާނީ ދިވެހިރާއްޖޭގެ ދީނާއި އާދަކާދަތަކާ އެއްގޮތަށް ވަޑައިގެން އިންނެވި ކީރިތި މަހާރަދުންގެ ސިއްކަ ޖެއްސެވި ފަތެއް ނުވަތަ ސިޓީއެއް ނަމައެވެ. އެއީ ޕޯޗުގީޒުންގެ ލިޔެކިޔުންތަކުގައި ރިކޯޑުކުރެވިފައި އޮތް އަދި ސިޓީގެ ނުފުށުގައި ގޯވާގައި ހުންނަ ޕޯޗުގީޒް ވައިސްރޯއީގެ ސިއްކަވެސް ޖަހާފައިވާ ސިޓީއެކެވެ. އެ ސިޓީއަކީ އަސްލު އަލިރަސްގެފާނު ޝަހީދުކުރި މީހާއަށް ހަދިޔާއެއް ދިނުމުގެ ގޮތުން ދިވެހިރާއްޖެއަށް، މުދާހޯދުމުގެ 3 ދަތުރު ކުރުމަށް ދެއްވި ހުއްދައެކެވެ.
3. ނުވަ ވަނަ ހަސަން ރަސްގެފާނަކީ އެ ރަސްގެފާނުގެ ރަސްކަމަށް ފަހު، އަދި ދީން ބަދަލުކުރެއްވުމަށްފަހު، ދިވެހި ރަށްތަކުގެ ސިޔާދަތުގެ މައްޗަށް އަދުލުވެރި ހެތްކެއް ކަމުގައި ބެލެވޭނެ ނުވަތަ ނުބެލެވޭނެ އެއްވެސް ސަބަބެއް އެބައޮތްތޯ؟
-
އިސްލާމްދީން ދޫކުރެއްވުމާއި ނަންފުޅު ބަދަލުކުރެއްވުން
ނުވަވަނަ ޙަސަން ރަސްގެފާނުގެ ތާރީޚަށް ބަލާއިރު އެމަނިކުފާނު ރަސްކަމަށް ވަޑައިގެންނެވީ އަމިއްލަފުޅު ބޭބޭފުޅު ރަސްކަމުގައި އިންނަވަނިކޮށް، ބޭބޭފުޅު ޤަތުލުކުރެއްވުމަށްފަހުގައެވެ. އެއީ މީލާދީން 1550 ވަނަ އަހަރުގެތެރޭގައެވެ. އެއަށް އަމިއްލަފުޅަށް ރަސްކަމަށް އިސްވެވަޑައިގެން ހަމަޖެހިވަޑައިގެން މާގިނަ ދުވަހު އުޅުއްވޭނެ ގޮތެއް ނެތިގެން 1551 ގެ ޑިސެންބަރު މަހުގެ ތެރޭގައި ތަޚުތާއި ރާއްޖެ ދޫކުރައްވާފައި މަލާބާރުކަރައިގެ ކޮއްޗޭއަށް ވަޑައިގެން އެތަނުގައި 1552 ގެ ޖެނުއަރީގައި ކްރިސްޓިޔަން ދީން އިޚްތިޔާރުކުރައްވައި ނަންފުޅަކީ ޑޮމް މެނުއަލް ކަމުގައި ކަނޑައެޅުއްވިއެވެ.
އޭގެފަހުން އޭރު ކޮއްޗޭގައި ހުރި ޕޯޗުގީޒުންގެ މާތް ދަރިކޮޅެއްގެ ބޭކަނބަލަކާ ކައިވެނި ބައްލަވައިގަތެވެ. އޭރު އުމުރުފުޅަކީ ވިއްސަކަށް އަހަރެވެ. އެރަދުން އިސްލާމްދީން ދޫކުރައްވައި ކްރިސްޓިޔަން ދީން އިޚްތިޔާރުކުރެއްވުމަށްފަހު ދިވެހިރާއްޖޭގައި ތިބި ބޮޑުންނާއި ވަޒީރުން ކްރިސްޓިޔަން ދީނަށް ވެއްދުމަށްޓަކައި ޕޯޗުގީޒުންގެ ނަމެއް މާލެ ފޮނުއްވިއެވެ. އެހެންނަމެސް އޭރު އިސްކޮށް ތިއްބެވި ދެ ވަޒީރުން ކަމުގައިވާ އަބޫބަކުރާއި ޢަލީއާ ދެބޭފުޅުން އެބައިމީހުންނާ ހަނގުރާމަކޮށް އެމީހުން ބަލިކުރެއްވިއެވެ.
-
ޑޮމް މެނުއަލްގެ ޕޯޗުގީޒު ބަފައިކަލުން
ދެވަނަ ފަހަރަށް ފޮނުވި ނަވުގެ އިސްވެރިޔަކަށް ހުރީ ޑޮމް މެނުއަލްގެ ޕޯޗުގީޒް ބަފައިކަލުންނެވެ. އެ ހަނގުރާމައިގައި އޭނާ ގަތުލުވިއެވެ. އޭގެ ފަހުން ވެސް ރާއްޖެއަށް ހަމަލާދޭން އައި ޕޯޗުގީޒުންގެ ބަޔަކާ އެ ދެބޭފުޅުން ހަނގުރާމަކުރައްވައި ކާމިޔާބު ހޯއްދެވިއެވެ. އޭރު ދިވެހިރާއްޖޭގެ ވެރިކަމުގެ ކަންކަން ބަލަހައްޓަވަމުން ގެންދެވީވެސް މި ދެބޭފުޅުންނެވެ. ގާތްގަނޑަކަށް 3 އަހަރެއްހާ ދުވަހު ރަސްކަމުގެ ތަޚުތު ހުހަށް ހުއްޓާ މިތަނުން އަބޫބަކުރު ރަސްކަމަށް އިސްކޮށްފިއެވެ. އެހެންނަމަވެސް އޭގެ ހަތަރު އަހަރުފަހުން ހިނގި ހަމަނުޖެހުމެއްގައި އެރަދުން އަވަހާރަވިއެވެ. އެއަށްފަހު ރަސްކަމަށް އިސްވީ އަލިރަސްގެފާނެވެ.
-
އަލިރަސްގެފާނު ޝަހީދުކުޅަ މީހުންނަށް ކުރެއްވި ތާރީފު
އަލިރަސްގެފާނުގެ ރަސްކަމުގައި ކުރިން ފޮނުވި ލަޝްކަރަށްވުރެ ބޮޑު ލަޝްކަރެއް ގިނަ އުޅަނދުތަކާއި ހަތިޔާރާއެކީ ރާއްޖެ އައެވެ. އެ ލަޝްކަރުގެ ވެރިޔަކަށް ހުރީ ދިވެހި ތާރީޚު ބުނާ ގޮތުން އަނދިރި އަނދިރީންނެވެ. ޕޯޗުގީޒުންގެ ލިޔެކިޔުންތަކާއި ޕުއްލޮބޭގެ ވާހަކަ ބަޔާންކުރާ ސިޓީގައި ވާ ގޮތުން އެމީހަކީ ކެޕްޓަން މެނުއަލް ޑަ ސިލްވެއިރާ ޑިއަރައުހޯއެވެ. އަދި އެ ސިޓީގައި، އަލިރަސްގެފާނާއި އެހެން ދިވެހީން ޤަތުލުކޮށް ޝަހީދުކޮށްލި ކަމަށްޓަކައި އޭނާއަށް ތަޢުރީފުކުރައްވައި ޝުކުރުއަދާކުރައްވާފައިވެއެވެ.
-
ޓްރިސްޓިއަނެއްކަން އަންގައިދޭ އިބާރާތް
މިއީ އެ ސިޓީއިން ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. އެއީ އެ ސިޓީގައި އޮތް އެންމެ ފަހު އިބާރާތެވެ. އޭގައި އޮތީ "މި ސިޓީ ލިޔުނީ ތިމަންމެންގެ ވެރިރައްބު ޢީސާ އަލްމަސީޙްގެ ޢީދުމީލާދުން ހާހާއި ފަސްސަތޭކަ ފަންސާސްހަވަނަ އަހަރުގެ ޖޫން 25 ވަނަ ދުވަހުގައްޔެވެ." އާދެ، މި އިބާރާތުންވެސް ނުވަ ވަނަ ޙަސަން ރަސްގެފާނު ނުވަތަ ފަހުގެ ނަމުން ނަމަ ޑޮމް މެނުއަލްއަކީ ކްރިސްޓިޔަނެއްކަން އެނގެއެވެ. އަދި އޭނާގެ ސިޓީން، އޭނާ މަސައްކަތްކުރެއްވީ ޕޯޗުގީޒުން ލައްވައި ދިވެހީންގެ ދީން ބަދަލުކޮށް ދިވެހިރާއްޖެއިން މާލީ މަންފާއެއް ހާސިލްކުރައްވާށެވެ.
4. ރާއްޖޭގެ ސަރަހައްދު ބަޔާންކުރުމުގައި "މަލިކައްޑޫ ދެމެދު" ކިޔާ ގޮތަށް އުތުރުން މަލިކު ދެކުނުން ފޯޅަވަހި ހިމެނޭގޮތަށް މިން ބަޔާންކުރަން ބުނާ އެއްވެސް ހެތްކެއް ފެންނާން އޮވޭތޯ؟ ނޫނީ ދޫދޫމަތިން އެހެން ކިޔައި އުޅުނުކަން އެނގެން އެބައޮތްތޯ؟
- "މަލިކައްޑޫ މިދެމެދު އެކުއޮންނައިމިކޮށު، އަނެކުންނަށްނެތީކޮށު"
އިހުގެ ރަސްމީ ލިޔެކިޔުންތަކުން ދިވެހިރާއްޖޭގެ ސަރަޙައްދު ބަޔާންކޮށްފައި އޮންނަނީ އެޒަމާނެއްގައި އެންމެ އުތުރަށް އޮންނަ ރަށާއި އެންމެ ދެކުނަށް އޮންނަ ރަށާ ދޭތެރޭގައިވާ ސަރަޙައްދު ކަމަށެވެ. މިގޮތުން އިހުގެ ރަސްމީ ލިޔެކިޔުންތަކުން ދިވެހިރާއްޖޭގެ ސަރަޙައްދު ބަޔާންކޮށްފައި އޮންނަ އިރު، ދިވެހިރާއްޖޭގެ ދަށުގައި މަލިކު އޮތް ޒަމާނުގައި "މަލިކައްޑޫ"، އަދި މަލިކު ގެއްލުމަށްފަހު "ކެލައައްޑޫ" ގޮތުގައި ފާހަގަކޮށްފައި އޮވެއެވެ. ފަތްކޮޅުތަކުގައި އޮންނަ އޭގެ ދިގު ގޮތަކީ "މަލިކައްޑޫ މިދެމެދު އެކުއޮންނައިމިކޮށު، އަނެކުންނަށްނެތީކޮށު" މިއެވެ. ނަމަވެސް އެފަދަ އެއްވެސް ލިޔެކިޔުމެއްގައި "މަލިކުފޯޅަވަހި" ނުވަތަ "ކެލަފޯޅަވަހި" ލިޔެފައެއް ނުވެއެވެ. އަދި އެ ގޮތަށް ދޫދޫމަތިންވެސް ކިޔައިނޫޅެއެވެ.
5. އައްޑު އަތޮޅުގެ އިހުގެ މާލިމީންގެ ފޮތްތަކުގައި ފޯޅަވައްސަކީ ދިވެހީންގެ ތަނެއްކަން ބަޔާންކޮށްފައި އޮންނަ ކަމަށް އެބަ ވާހަކަދެކެވޭ. ފެންނާން ހުރި އެއްވެސް ފޮތެއްގައި އެހެން އޮވޭތޯ؟ އަދި މާލިމީންގެ ފޮތްތަކުގައި އެ ނަން ބަޔާންކޮށްފައި ވަނީ ކޮން ކަމެއް ދައްކައިދޭންތޯ؟
އައްޑޫއަތޮޅުގެ އިހުގެ މާލިމީންގެ ފޮތްތަކުގައި ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަން ބަޔާންކޮށްފައި އޮތްތަނެއް އަދި މިހާތަނަށް ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް އައްޑުއަތޮޅުގެ މާލިމީއެއްގެ ފޮތުގައި ފޯޅަވަހީގެ ވާހަކަ ބަޔާންކޮށްފައި އޮވެއެވެ. މިގޮތުން އައްޑުއަތޮޅު ހުޅުދޫ އަރާއިރަގޭ މާލިމީ މޫސާ ތައްޚާނު ލިޔުއްވާފައިވާ ނިޔަމި ފޮތެއްގައި ފޯޅަވަހީގެ ވާހަކަ ބަޔާންކޮށްފައި އެބައޮތެވެ. އެހެންނަމަވެސް އެފޮތުގައި ފޯޅަވަހި އޮތީ ކުރިންވެސް ބަޔާންކުރި ފަދައިން އެންމެ ނަމެއް ކިޔާފައި އެންމެ ތަނެއްގެ ގޮތުގައެވެ. އެތަނުގެ ނަން ބަޔާންކޮށްފައި އޮތީ ދިވެހިރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑުއަތޮޅުގެ ރަށްތައް ހުރި ހިސާބު ބަޔާންކޮށްދިނުމުގެ ގޮތުންނެވެ. މިގޮތުން އެފޮތުގައި ފޯޅަވަހި އޮންނަ ދަރަޖަ ބަޔާންކޮށްފައި ދެން އޮންނަނީ އައްޑުއަތޮޅުގެ ވަކިވަކި ރަށްތައް ހުރި ހިސާބު ބަޔާންކޮށްފައެވެ. ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްނަމަ ކުޑަކުޑަ އައްޑުއަތޮޅު އަތޮޅުގެ ވަކިވަކި ރަށްތައް އޮތްތަން ބަޔާންކޮށްފައި އޮތް ގޮތަށް ފޯޅަވަހީގައި ހުރި އަތޮޅުތަކާއި ވަކިވަކި ރަށްރަށުގެ ވާހަކަވެސް ބަޔާންކޮށްފައި އޮތީހެވެ. އިހުގައި ދިވެހިރާއްޖޭގެ ދައުލަތުގެ ރަސްމީ ނާކޮޅުތަކާއި ގުރާބުތައް އަޅާފައި އޮންނަ ކޮޅުމަޑުލު ވަންދޫއަކީ ރަސްމީ ނާކޮޅުގެ މާލިމީ ހުންނަވާ ރަށެވެ. އެރަށުގައި އޮތް ނިޔަމި ފޮތެއްގައި ދިވެހިރާއްޖެ އޮތްތަން ބަޔާންކޮށްފައި އޮންނަނީ އެ ރަށުން ފެށިގެންނެވެ. މިގޮތުން އެރަށުން ފެށިގެން އެންމެ އުތުރަށް އޮންނަ ދިވެހި ރަށް ކަމުގައިވާ މަލިކު އޮތް ހިސާބާއި އެންމެ ދެކުނަށް އޮތް އައްޑޫ އޮތް ހިސާބު ބަޔާންކޮށްފައި އޮވެއެވެ. އެކަމަކު ފޯޅަވަހީގެ ވާހަކައެއް ނޯވެއެވެ.
6. ފެންނާންހުރި ތާރީޚީ އަދި ގާނޫނީ ލިޔެކިޔުންތަކަށް ބަލާއިރު ޗާގޯސްގެ ސިޔާދަތީ ބާރު އޮތީ ކޮން ބައެއްގެ އަތްމަތީގައިތޯ؟
އަޅުގަނޑު މާބޮޑަކަށް ތިޔަ މައްސަލައަށް ވަންނަ ހިތެއް ނެތެވެ. މިދެންނެވީ ޗާގޯސްގެ ސިޔާދަތީ ބާރު އޮތީ އިނގިރޭސީންގެ އަތުގައިތޯ ނުވަތަ މޮރިޝަސްގެ އަތުގައިތޯ ބަހުސްކުރެވޭ މައްސަލައިގެ ތެރެއަށް ވަންނަހިތް ނުވާ ވާހަކައެވެ. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް އޭގެ ތާރީޚަށް ބަލާލާނަމެވެ.
މީލާދީން 1500 ގެ އަހަރުތަކުން ފެށިގެން ޕޯޗުގީޒުންނަށް ފޯޅަވަހީގެ ރަށްތައް އެނގި އެތަނާބެހޭ މަޢުލޫމާތު އެބައިމީހުންނަށް ލިބިފައިވީ ނަމަވެސް އެތަން އެބައިމީހުންގެ ތަނަކަށް ހަދާކަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. މިހެން އޮވެ އެތަނަށް ވެރިވި ވިލާތުގެ ބަޔަކީ ފަރަންސޭސީންނެވެ. އެއީ އެބައިމީހުން އައިލް ބޫޚްބޮން (މިހާރުގެ ރިޔޫނިއަން) އާއި އައިލް ޑީ ފްރާންސް (މިހާރުގެ މޮރިޝަސް) ގެ މައްޗަށް ވެރިވެގެން އުޅުނު ދުވަސްވަރުގައެވެ. މިގޮތުން 1770 ގެ އަހަރުތަކުގައި ތަފާތު އެކި ކުންފުނިތަކަށް، ފޯޅަވަހީގެ ރަށްތަކުގައި ކާށިތެޔޮ އުފައްދަން ދަނޑުތައް ޤާއިމުކުރުމުގެ ހުއްދަ އެބައިމީހުން ދޭން ފެށިއެވެ.
1793 ގައި އެފްރިކާ ބައްރުން އެރަށްތަކަށް އަޅުންގެ ބަޔަކު ގެންގޮސް ފުރަތަމަ ފަހަރަށް އެރަށްތަކުގައި ޤާއިމުވެ ބަޔަކު ތިބޭގޮތަށް ހަމަޖެއްސިއެވެ. މިގޮތުން ޤާއިމުކުރި ފުރަތަމަ ކޮލޮނީ ޤާއިމުކުރީ ފޯޅަވަހީގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއެގޯ ގާސިއާގައެވެ. އެ މީހުންނަކީ އެރަށްތަކުގައި ކުފުރާ އުފެއްދުމުގެ މަސައްކަތަކަށް ގެންދެވުނު މީހުންނެވެ. ފަހުން ޕެރޮސް ބަންހޮސް އަތޮޅުގައްޔާއި ސަލޮމޮން އަތޮޅުގައިވެސް މިގޮތަށް މީހުން ޤާއިމުވެ ތިބެން ފެށިއެވެ. މިގޮތުގެ މަތީން މިބައިމީހުން މިރަށްތަކުގައި ދިރިއުޅެމުން އައިސް އެއްބަޔަކު އަނެއް ބަޔަކާ ކައިވެނިކޮށް ދަރިންލިބި އާބާދީ އިތުރިވިއެވެ. އަދި 1840 ގައި ހުރިހާ އަޅުން މިނިވަންކުރުމުން މިނިވަނުންނަށްވިއެވެ. އަދި ފްރެންޗް ބަހުގެ އަސްލުން އުފެދުނު ކްރެއޯލް ބަހެއް އެމީހުންގެ ތެރޭގައި އުފެދި އެމީހުންގެ އަމިއްލަ ބަހަކީ އެއީ ކަމުގައިވިއެވެ.
މި މީހުންގެ އަމިއްލަ ތަފާތު ސަގާފަތެއްވެސް އުފެދިގެންދިޔައެވެ. ފަރަންސޭސީންގެ ދަށުގައި މިރަށްތައް އޮތްއިރު ފޯޅަވަހީގެ ކަންކަން ބަލަހައްޓަމުން އައީ ފަރަންސޭސި ކޮލޮނީ އައިލް ޑީ ފްރާންސުންނެވެ. އެއީ މިހާރުގެ މޮރިޝަސްއެވެ. އެއީ ވެސް ފޯޅަވަހި ގޮތަށް 1600 އަހަރުތަކާ ޖެހޭންދެން ފަޅުރަށެކެވެ. އެތަނުގައި ފުރަތަމަ ބަޔަކު ވަޒަންވެރިވީ 1630 ގައެވެ. ފުރަތަމަ ވަޒަންވެރިވީ ޑަޗްމީހުންނެވެ. އެހެންނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ އެބައިމީހުން އެރަށް ދޫކޮށްފައި ދިޔައެވެ. ޑަޗްމީހުން އެތަން ދޫކޮށްދިޔަ ފަހު އެތަނުގެ މައްޗަށް ވެރިވީ ފަރަންސޭސީންނެވެ. އެބައިމީހުން އެފްރިކާއިންނާއި ރީޔޫނިއަނުން އެތަނަށް މީހުން ގެނެސް ވަޒަންވެރިކުރުވިއެވެ. އޭގެ ފަހުން އިނގިރޭސީން އެތަނުގެ މައްޗަށް ވެރިވެ އިންޑިޔާގެ އެކި ސަރަހައްދުތަކުންނާއި އެހެން ތަންތަނުން އެތަނަށް މީހުންގެނެސް ވަޒަންވެރިކުރުވީއެވެ.
ފޯޅަވަހީގެ ރަށްތައް އިނގިރޭސީންގެ ބާރުގެ ދަށަށް ދިޔައީ މީލާދީން 1814 ވަނަ އަހަރުއެވެ. އެއީ ނެޕޯލިއަން ބަލިވުމަށްފަހު 1814 ޕެރިސް މުއާހަދާގެ ދަށުން އެކި ސަރަހައްދުގައި ހުރި ފަރަންސޭސީންގެ ކޮލޮނީތައް އިނގިރޭސީންނަށް ލިބުނު ހިސާބުންނެވެ. މިގޮތުން އިންޑިޔާކަނޑުގައި ހުރި އެބައިމީހުންގެ ކޮލޮނީތަކުގެ ތެރެއިން ސޭޝެލްސްއާއި އަދި ފޯޅަވައްސާއެކީ މޮރިޝަސް (ކުރިން އައިލް ޑީ ފްރާންސް) ވެސް އެބައިމީހުންނަށް ލިބުނެވެ. އިނގިރޭސީންނަށް އެތަންތަން ލިބުމަށްފަހު 31 އޮގަސްޓް 1903 އާ ޖެހޭންދެން ސޭޝެލްސްއާއި ފޯޅަވަހީގެ ރަށްތައް އިދާރީގޮތުން ބަލަހައްޓަމުން އައީ މޮރިޝަސްއިންނެވެ. ނަމަވެސް އެދުވަހުން ފެށިގެން ސޭޝެލްސްއަކީ ވަކި ކޮލޮނީއަކަށް ހަދައި އެތަނުގައި އިދާރީ ގޮތުން ވަކި ވެރިކަމެއް ޤާއިމުކުރިއެވެ. އެހެންނަމަވެސް އޭރުވެސް ފޯޅަވަހި އިދާރީ ގޮތުން ބެލެހެއްޓީ މޮރިޝަސްއިންނެވެ. އިނގިރޭސީންނަށް ފޯޅަވަހި ލިބުނު ތާރީޚުން ފެށިގެން 8 ނޮވެމްބަރު 1965 ގެ ނިޔަލަށް، ފޯޅަވަހި އިދާރީ ގޮތުން ހިންގަމުން ދިޔައީ އިނގިރޭސި ކޮލޮނީ މޮރިޝަސްގެ ޑިޕެންޑެންސީއެއްގެ ގޮތުގައެވެ. އަދި 8 ނޮވެމްބަރު 1965 ގެ ތާރީޚުން ފެށިގެން ފޯޅަވައްސަކީ މޮރިޝަސްއާ މުޅީން ވަކީން އިނގިރޭސިވިލާތުން ސީދާ ބަލަހައްޓާ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" ގެ ބައެއް ކަމުގައި ހަމަޖެއްސިއެވެ.
މޮރިޝަސް އިން ފޯޅަވަހި ވަކިކުރިކުރުމަކީ އެމެރިކާގެ އަސްކަރީ މަރުކަޒެއް ޤާއިމްކުރުމަށްޓަކައި އެތަން ކުއްޔަށް ދިނުމުގެ ބޭނުމުގައި އިނގިރޭސީން ކުރިކަމެއް ކަމުގައިވެއެވެ. އެކަމަކީ، އަލަށް މިނިވަންވާ ޤައުމެއްގެ ދަށުގައި އޮންނަ ތަނެއްގައި އެފަދަ ތަނެއް ޤާއިމްކޮށްފިނަމަ، ކުރިމަތިވެދާނެ ސިޔާސީ ދަތިތަކަށްޓަކައި ކުރިކަމެކެވެ. އެގޮތުގެ މަތީން ދެފަރާތުން ވާހަކަދައްކައިގެން އެކަމަށްޓަކައި ޑިއެގޯ ގާސިއާގައި އެފަދަ ބޭސްއެއް ހެދުމަށް އެއްބަސްވެވުނެވެ. އެކަމަށްޓަކައި، 1965 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އިނގިރޭސިވިލާތުން ޑިއޭގޯ ގާސިއާ ހިމެނޭ މުޅި ފޯޅަވަހި، މޮރިޝަސް އަތުން 3 މިލިއަން ޕައުންޑަށް ގަނެ، ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީއައިއޯޓީ) އުފެއްދީއެވެ. އޭރު މޮރިޝަސްއަކީ މުޅީން މިނިވަން ނުވިޔަސް އަމިއްލަ ވެރިކަމެއް އޮންނަ ކޮލޮނީއެކެވެ. 12 މާޗު 1968 ގައި އިނގިރޭސިވިލާތުން މޮރިޝަސް މިނިވަންވީއިރު ވެސް ފޯޅަވަހި އޮތީ މޮރިޝަސްގެ ދަށަކު ނޫނެވެ. ނަމަވެސް މޮރިޝަސްއިން ބުނަނީ ފޯޅަވަހީގެ ރަށްތައް މޮރިޝަސްގެ ދަށުން ހިންގި އިރު، ހަމަ އެކަނި އިދާރީ ގޮތުން ބެލެހެއްޓި ތަނެއްގެ ގޮތުގައި އެތަން އޮތީ ނޫންކަމަށާއި، މޮރިޝަސްއާއި ފޯޅަވައްސާ ދެމެދު އިޤްތިޞާދީ، ސަގާފީ، އަދި އިޖްތިމާއީ ގުޅުން އޮތް ކަމަށެވެ. އަދި މޮރިޝަސް މިނިވަންވުމާ ހަމައަށްވެސް މެދުކެނޑުމެއް ނެތި އިދާރީ ގޮތުން ފޯޅަވަހި އޮތީ މޮރިޝަސްގެ ވެރިކަމުގެ ދަށުގައި ކަމަށެވެ. އަދި އިސްތިއުމާރު މުޅީން ނައްތާލުމަށްޓަކައި ފުރިހަމައަށް ޑީކޮލޮނައިޒް ކުރުމަށްޓަކައި ޗާގޯސް މޮރިޝަސްއާ ޙަވާލުކުރަން ޖެހޭނެކަމަށް މޮރިޝަސްއިން ވަކާލާތުކުރެއެވެ. މިއާ ޚިލާފަށް އިނގިރޭސީން ބުނަނީ އިނގިރޭސި ކޮލޮނީއެއްގެ ގޮތުގައި މޮރިޝަސް އޮތް އިރު، މޮރިޝަސްއިން އިދާރީ ގޮތުން ފޯޅަވަހީގެ ކަންކަން ބަލަހައްޓަމުން އައީ ވަރަށް ކުޑަގޮތަކަށް ކަމަށާއި، އަދި ހުރިހާ ގޮތަކުން ބެލިކަމުގައި ވިޔަސް އެތަނީ މޮރިޝަސްއާ މުޅީން ތަފާތު ތަނެއް ކަމަށެވެ.
7. ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާންވާނީ މޮރިޝަސްއަށް ކަމުގައި ކަނޑައެޅުނީ ކޮން އިރަކު ކޮން ގޮތަކަށްތޯ؟ އެގޮތަށް ނިންމީ ދުނިޔޭގެ ކޮން އިދާރާއަކުންތޯ؟
ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާންވާނީ މޮރިޝަސްއަށް ކަމުގައި ސީދާ ކަނޑައަޅައި އެއްވެސް އިރަކު އެއްވެސް ތާކުން ނިންމި ކަމެއް އެނގިފައެއްނެތެވެ. އެހެންނަމަވެސް އެމައްސަލާގައި 25 ފެބްރުއަރީ 2019 ގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން އިސްތިޝާރީ ރައުޔެއް ނެރެފައިވެއެވެ. އޭގައި ބުނާ ގޮތުން 1968 ގައި އިނގިރޭސިވިލާތުން މޮރިޝަސްއަށް މިނިވަންކަން ދިނީ ޗާގޯސް މޮރިޝަސްއިން ވަކިކޮށް އިނގިރޭސީންގެ ވަކި ކޮލޮނީއަކަށް ހަދާފައިކަމުން އިސްތިއުމާރު ނައްތާލުމުގެ މަރުހަލާ ޤާނޫނީ ގޮތުން ފުރިހަމަކުރެވިފައި ނުވާކަމަށާއި، އިނގިރޭސީންގެ މައްޗަށް ލާޒިމުވެގެންވަނީ އިސްތިއުމާރު ނައްތާލުމުގެ ގޮތުން ވީ އެންމެ އަވަހަކަށް ޗާގޯސްގެ މައްޗަށް ހިންގަމުން އަންނަ އިނގިރޭސީންގެ ވެރިކަން ނައްތާލުން ކަމަށެވެ. އަދި އައިސީޖޭގެ މި ރައުޔު ބަލައިގަނެ އދ. ގެ ޢާއްމު މަޖިލީހުންވެސް ވަނީ ހަމަ އެދުވަހުމެ ޤަރާރެއް ފާސްކޮށްފައެވެ. އޭގެފަހުން އިޓްލޮސް އިން ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދުގައި އޮތް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ މައްސަލަ ނިންމި އިރުވެސް ޗާގޯސްގެ ފަރާތުން ވަކާލާތުކުރާ ޤައުމެއްގެ ގޮތުގައި ބަލައިގެންފައި އޮތީ ވެސް ހަމަ މޮރިޝަސްއެވެ.
8. ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ޗާގޯސްގެ ސަރަހައްދަކީ "ޓެރާ ނޫލިއަސް"އެއް ކަމަށް. އޭގެ މާނައަކީ ކޮބައިތޯ؟
ޓެރަ ނުލިއަސް އަކީ ލެޓިން ޢިބާރާތެކެވެ. މާނައަކީ "އެއްވެސް މީހެއްގެ ބިމެއްނޫން" މިއެވެ. ބައިނަލްއަޤްވާމީ ޤާނޫނުގައި ޓެރަ ނުލިއަސް އަކީ އެއްވެސް ދައުލަތަކަށް ނިސްބަތް ނުވާ ސަރަޙައްދަކަށް ބޭނުންކޮށް އުޅޭ ޢިބާރާތެކެވެ. ޓެރަ ނުލިއަސް ސަރަޙައްދެއްގެ މައްޗަށް ޤައުމެއްގެ ސިޔާދަތީ ބާރު ހިންގޭނީ އެތަނެއް ހިފުމަށްފަހުގައެވެ. އެފަދަ ސަރަޙައްދެއް ހިފުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ޓެރަ ނުލިއަސް ސަރަޙައްދެއްގެ މައްޗަށް ސިޔާދަތީ ބާރު ހިންގޭނެ ގޮތްތަކުގެ ތެރެއިން އެއް ގޮތެވެ. އެނޫން ގޮތްތަކުގެ ތެރޭގައި އެފަދަ ތަނެއް ފަތަޙަކުރުމާއި، އެގްރީމެންޓެއްގެ ދަށުން އެފަދަ ތަނެއްގެ މައްޗަށް އޮތް ސިޔާދަތީ ބާރު އެއް ޤައުމުން އަނެއް ޤައުމުގެ މައްޗަށް ދޫކޮށްލުން ފަދަ ގޮތްތައް ހިމެނެއެވެ.
18 ވަނަ ޤަރުނުގެ ތެރޭގައި ދެކުނު އިންޑިޔާ ކަނޑުގައި ހުރި މީހުންދިރިނޫޅޭ އަތޮޅުތަކާއި ޖަޒީރާތައް ހިފައިގެން އެތަންތަނަށް ވެރިވެގެން އުޅުނީ ފަރަންސޭސީންނެވެ. އެބައިމީހުން 1793 ގައި އެފްރިކާ ބައްރުން ޗާގޯސްއަށް ގެންދިޔަ އަޅުން، 1814 ގައި އެތަން އިނގިރޭސީންނަށް ލިބުމަށްފަހު، 1840 ގައި މިނިވަންކުރިއެވެ. އޭގެ ފަހުން އިންޑިޔާއިން ގެންދިޔަ މީހުންނާއި އެފްރިކާ ދަރިކޮޅު މީހުންނާ މަސްހުނިވެ، ސަރަޙައްދުގައި އިސްތިއުމާރީންގެ ސަބަބުން އުފެދުނު ގިނަ ޤައުމުތަކުގެ އަހުލުވެރީންގެ ނަސްލުތައް އުފެދުނު ގޮތަށް، ޗާގޯސް މީހުންގެ ވެސް ނަސްލެއް އުފެދި އަމިއްލަ ބަހަކާއި ސަގާފަތެއްވެސް އުފެދުނުވެ. ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ޤާއިމްކުރުމަށްޓަކައި އިނގިރޭސިވިލާތުން ޑިއެގޯ ގާސިއާ އެމެރިކާއަށް ކުއްޔަށްދިނުމަށްފަހު އެމެރިކާއިން އެދިގެން 1968 ގައި ޗާގޯސްގެ ވަޒަންވެރީން އެތަނުން ބާލަން ފަށައިގެން، އެންމެ ފަހަށް ތިބި މީހުން ބާލައި ނިމުނީ 27 އޭޕްރީލް 1973 ގައެވެ. އެތަނުން ބޭލި ޗާގޯސް މީހުންނާއި އެމީހުންގެ ދަރިކޮޅު މީހުން އަދިއަދަށް ދާންދެންވެސް އަންނަނީ އެބައިމީހުންގެ ވަޒަނަށް ދިޔުމަށް މަސައްކަތް ކުރަމުންނެވެ. އެހެންވީމާ އެތަނަކީ 1793 އިން ފެށިގެން މީހުން އުޅެމުން އައިސްފައިވާ، ފަރަންސޭސީންގެ ދަށުން އިނގިރޭސީންނަށް ލިބި، އޭގެތެރެއިން އުފެދުނު ކަންކަމުގެ ތެރެއިން މޮރިޝަސްއިން އެއީ އެ ޤައުމުގެ ތަނެއް ކަމުގައި ދެކެމުން އަންނަ ތަނެކެވެ.
-
ކުރިއްސުރެ ޗާގޯސްއަށް ފެހެންދީބޭ ކިޔާތޯ؟
އާދެ، ޗާގޯސްއާއި އައްޑުއަތޮޅާ ދެމެދުގައި އޮތް އީއީޒެޑް ބެހުމުގެ މައްސަލައާއި ގުޅިގެން މީގެ ކުރިން އިވި ފެނިފައިނުވާ ވަރަށް ގިނަ ވާހަކަތައް މިފަހުން ފެނި އިވެން ފަށައިފިއެވެ. މިގޮތުން ޗާގޯސް ނުވަތަ ފޯޅަވައްސަށް ފެހެންދީބޭ ލިޔެކިޔާތަން ފެންނަން ފެށީ ދާދި ފަހަކުންނެވެ.
ދިވެހިރާއްޖޭގައި މިހާތަނަށް ފެންނާން އޮތް ތާރީޚީ އެއްވެސް ލިޔުމެއްގައި އެ ނަން ބޭނުންކޮށްފައި އޮތް ތަނެއް ނުދެކެމެވެ. އަދި ހަމަ އެހެންމެ ފޯޅަވައްސާ ބެހޭ ގޮތުން ކިޔާ ފޯކްލޯރުތަކުގައިވެސް އެ ނަމެއް ނުކިޔައެވެ. އަޅުގަނޑަށް ވަރަށް މުޢުތަބަރުކޮށް މަޢުލޫމާތު ލިބިފައި އޮތް ގޮތުގައި އެ ނަމަކީ ތާރީޚީ ކަންކަމަށް ޝައުޤު ހުންނަ އެފަދަ ކަންކަން ދިރާސާކޮށްއުޅޭ ބަޔަކު ސައި މޭޒެއްގެ ދޮށުގައި ތިބެ އުފަންކޮށް ބޭނުންކުރަން ފެށި ނަމެކެވެ.
-
ބޯޓުދަތުރުކުރި ދިވެއްސަކަށް ފެނުނުކަމަށް ބުނާ ކަށްފަލާއި ފައިކޮޅުދިގު ތާނައިގެ ހަގީގަތަކީ ކޮބައިތޯ؟
ދާދި ފަހަކުން ތިޔަ ވާހަކައެއް އެބައިވެއެވެ. ނަމަވެސް އެބުނާ ދަތުރުކުރާ މީހާއަށް ފެނުނުކަމަށް ބުނާ މަހާނަގާތަކުގެ ވާހަކައަށް ބަލާލާއިރު އެއީ ދިވެހިރާއްޖޭގެ ތާރީޚީ ކަންކަން ހޯދައިބަލައި އަދި ޚާއްޞަކޮށް މަހާނަގަތަކަށް ބަލައި އެތަކެތި ދިރާސާކޮށްއުޅޭ ބައެއްގެ ބުއްދިއަށް ޤަބޫލުކުރެވޭނެ ވާހަކައެއް ނޫނެވެ.
-
އެލަގެބެއްޔާގެ އާއި އެކައަލިފުތާ
ފައިކޮޅުދިގު ތާނައިން ލިޔެފައި ހުރި މަހާނަގާތަކެއް ފޯޅަވަހީގައި ހުރިކަމަށް ބުނިކަމަށް އެބުނާ މީހަކު، އެއީ އެތަނުން ކޮން ރަށަކުން ފެނު ތަނެއްކަން ވެސް ބަޔާންކޮށްފައި ނުވާކަން ފާހަގަކުރަންޖެހެއެވެ. އެ މީހަކަށް ފޯޅަވަހިން ބޮޑު ކަށްފަލެއް ފެނުނުކަމަށާއި، އެކަށްފަލުގައި ބޮޑެތި މަހާނަގާ ހުރިކަމަށާއި އެ ގާތަކުގައި ލިޔެފައި ހުރީ "ފައިކޮޅުދިގު" ތާނައިން ކަމާއި އެތަނުން އެއް ގަލުގައި އޮތީ އެލަގެބެއްޔާގެ އަކާއި އެކަހެލިފުތާކަމާއި، މިކަހަލަ ކިތަންމެ ވާހަކައެއް ކަމަށް ބުނާތީ އިވެއެވެ.
-
ފައިކޮޅު ދިގު ތާނައިން ލިޔެފައި ހުރި ނަމަ އެ ވާނީ މާކުރީގެ މަހާނަތަކަކަށްނޫން.
ފައިކޮޅުދިގު ތާނައަކީ 19 ވަނަ ޤަރުނުގެ ފަހުކޮޅު ގަބުޅިތާނަ ތަރައްޤީވެގެން އުފެދުނު ތާނައެކެވެ. އަދި ދިވެހީންނަކީ މަހާނަގާތަކުގައި އެލަގެބެއްޔާ، އެކަހެލިފުތާ ފާޑުގެ ވަނަން ލިޔެއުޅޭ ބައެއް ނޫނެވެ.
އެތަނަކީ ދިވެހީން ދިރިއުޅެ، މަރުވެ، ބޮޑެތި މަހާނަގާތަކާއެކީ ހުރި ގަބުރުސްތާނުތަކެއް ހުރި ތަނެއް ކަމުގައި ވާނަމަ އެތަނުގެ މައުލޫމާތު ދިވެހީންނަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އަދި ދިވެހިރާއްޖޭގައި ފެންނަން ހުރި ޒަމާންވީ ލިޔެކިޔުންތަކުން އެތަނާއި އެތަނުގެ ރަށްރަށުގެ ވާހަކަ ވަރަށް ރަނގަޅަށް އެނގޭނެއެވެ. ކަނޑުން ހިކިފައި ގަލެއް ހުއްޓަސް ނަމެއް ދީގެން އުޅޭ ދިވެހީން އެތައް އަތޮޅަކާއި ރަށެއްގެ މައްޗަށް އެކުލެވޭ ފޯޅަވައްސަށް ކިޔާނީކީވެސް އެންމެ ނަމެއް ނޫނެވެ. ކޮންމެ އަތޮޅަކަށާއި ކޮންމެ ރަށަކަށާއި، ކޮންމެ ފަރަކަށް ވަކިވަކި ނަންނަން ކިޔައި އެނަންތައް ދިވެހީންގެ ފަތްފުށްތަކުން ފެންނަން ހުރީހެވެ.
-
ދިވެހީންނަށް އެނގެނީ ފޯޅަވައްސެއް އޮންނަކަން
ދިވެހީންނަށް އެނގެނީ ފޯޅަވައްސެއް އޮންނަކަމެވެ. އެތަނާބެހޭ މާބޮޑު މައުލޫމާތެއް އެނގޭކަމަކަށް ނުވެއެވެ. ފޯޅަވައްސާ އެންމެ ކައިރީގައި ހުރި ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ދުވަސްވީ މީހުންނަށްވެސް ފޯޅަވައްސާބެހޭ ގޮތުން މާގިނަ މަޢުލޫމާތު ލިބިފައި ނެތް ކަމަށް ދިވެހިރާއްޖެއާބެހޭ ދިރާސާތަކެއް ކުރެއްވި ސްޕެއިންގެ މުއައްރިޚް ޝަވިއޭރް ރޮމޭރޯ ފްރިއާސް ލިޔުއްވާފައިވެއެވެ. އަދި އޭނާ ލިޔުއްވާފައިވާ ގޮތުން ފޯޅަވައްސަކީ އައްޑުއަތޮޅުގެ ދެކުނާއި ހުޅަނގުދެކުނުގައި ހުރި އެންމެހައި ޖަޒީރާތަކަށް ދިވެހީން ކިޔައިއުޅުނު ނަމެއް ކަމަށް އޭނާ ގާތު ދެކުނުގެ މުސްކުޅީން ބުނެފައިވާ ކަމަށްވެސް ލިޔުއްވާފައިވެއެވެ. މާނައަކީ ޗާގޯސްގެ ރަށްތަކުގެ އިތުރުން، ސޭޝެލްސްއާއި، މޮރިޝަސްއާއި، އެސަރަހައްދުގެ އެހެނިހެން ޖަޒީރާތައް ހިމެނިގެންދާނޭހެން ކިޔާފައިވާ ނަމެކެވެ.
-
ބޮޑު ބަރަވެއްޔާއި މާކަންޒުކަހަނބު
މުއައްރިޚްގެ އެ ވާހަކަތަކަށް ހެކި ލިބޭ އަނެއް ކަމަކީ ދެކުނުގެ މުސްކުޅީންގެ ބަހުގައި ފޯޅަވަހީގައި ބޮޑެތި ބަރަވެލީގެ އިތުރުން މާކަންޒުކަހަނބު އުޅޭ ކަމަށް ބުނެވޭ ބުނުމެވެ. އެހެނީ މިދެންނެވި މާކަންޒުކަހަނބަކީ މިހާރުގެ ސޭޝެލްސްގެ އަތޮޅެއް ކަމުގައިވާ އަލްޑަބްރާ އަތޮޅުގައި ދިރިއުޅޭ އެއްޗަކަށްވާތީއެވެ. އަދި ހަމަ އެހެންމެ މީލާދީން 17 ވަނަ ޤަރުނުގެ ކުރީކޮޅު ޕީރާޑް ލިޔެފައިވާ ލިޔުމުގައި ތާވައްކާއްޓަކީ ފޯޅަވަހިން އަންނަ އެއްޗެއް ކަމަށް ބައެއް ދިވެހީން ބުނެއުޅޭ ކަމަށް ލިޔެފައިވާ އިރު ތަވައްކާއްޓަކީ ސޭޝެލްސްގައި ހެދޭ އެއްޗެކެވެ. މިކަހަލަ ވާހަކަތަކުން އެނގި ހާމަވަނީ ދިވެހީނަށް ފޯޅަވަހި މާރަނގަޅަށް ނޭނގޭ ކަމެމެވެ. މިހާރު އެތަނާ ދިވެހިރާއްޖެއާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށްގެން ދައްކާ ވާހަކަތަކެއް ނޫނެވެ.
ސަސްޕިޝަސް!