މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީސް (އެމްސީއެސް) ގެ ޕީއެސްއެމްގެ އަޑު ބިލްޑިންއަށް ބަދަލުކޮށް ރަސްމީކޮށް ބޭނުން ކުރަން ފަށައިފިއެވެ.

އެމްސީއެސްގެ ހެޑް އޮފީސް ކުރިން ބޭނުުން ކުރަމުންދިޔައީ މާލޭގައި އެންމެ ގިނަ ދުވަސްވި އޮފީސް އިމާރަތްކަމުގައިވާ ޣާޒީ ބިލްޑިންގައެވެ. އެ ބިލްޑިންގް ބަދަލުކޮށްފައިވަނީ އެ ބިލްޑިން ބާވުމުން، ސަރުކާރުން އެ ބިލްޑިންގް ބަދަލުކުރަން އެންގުމުންނެވެ.

މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހެޑް އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ ޣާޒީ ބިލްޑިންގ ބާވެ، އެތައް މައްސަލައެއް ކުރިމަތިވަމުންދާތީ އެކަންކަމަށް ހައްލެއް ލިބޭތޯ މަސައްކަތްކުރަމުން ދިޔަނަމަވެސް، މިފަދައިން އެހެން އިމާރާތަކަށް ބަދަލުވުމަކީ މި އަހަރު އެއްވެސް ގޮތަކަށް ރާވާފައިވާ ކަމެއްނޫން ކަމަށާއި ކުއްލިއަކަށް އެފަދަ ބޮޑު ކަމެއް ކުރަންޖެހުމުން އަދި ހެޑް އޮފީސް ބަންދުކުރަން ޖެހުމުން ބޮޑެތި ގޮންޖެހުންތަކާ ދިމާވިކަމަށެވެ.

އަދި ރަސްމީ ވަގުތުގައި އޮފިސަރުންނާއި މުވައްޒަފުން ރަސްމީ މަސައްކަތްކުރުމުގައި ވަގުތު ހޭދަކުރުމަށް ކޮމިޝަނަރ އިލްތިމާސް ކުރެއްވިއެވެ.

އެމްސީއެސްގެ ހެޑް އޮފީސް ފާއިތުވި 11 އަހަރު ހިންގާފައިވަނީ ޣާޒީ ބިލްޑިންގްގައެވެ.