އައްޑޫ ސިޓީ މަރަދޫފޭދޫގައި ރޭ ބޭބެއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މީހާ ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ ހުސައިން މަވާޒް ކަމަށާއި އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލު ވީކަމަށެވެ.

ފުލުހުން ބުނީ މަރަދޫ ފޭދޫގައި 27 އަހަރުގެ ޒުވާނަކު މަރާލި މައްސަލައާ ގުޅިގެން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އައްޑޫގައި ރޭ ހިނގި މި ހާދިސާއާ ގުޅިގެން ބޭބެ، ކޮއްކޮގެ ގަޔަށް ތޫނު އެއްޗެއް ހަރައި މަރައިލީ، މަސްތުވާތަކެތީގެ މައްސަލައެއްގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ.

މި ހާދިސާގައި ޒަހަމްވި 27 އަހަރުގެ އަހުމަދު ޝުއައިބަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ރޭފަތިހު 4:36 ހާއިރު ވަނީ މަރުވެފައެވެ.

ހަމަލާދިނީ ގޭ ތެރޭގައި ކަމަށާއި އެހެން ނަމަވެސް ޝުއައިބު މަރުވެގެން ވެއްޓުނީ ދިރިއުޅޭ ގޭގެ ކުރިމަތީގައި އޮންނަ ދުވާރު މައްޗަށް ކަމަށް އައްޑޫސިޓީގެ އެއަވަށުގައި ދިރިއުޅޭ މީހަކު ބުނެފައިވެއެވެ.