ދިވެހިރާއްޖެއިން އދ.ގެ ކަނޑުގެ ގާނޫނާބެހޭ މުއާހަދާ (ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ ނުވަތަ އަންކްލޯސް)ގައި ސޮއިކުރީ ޑިސެންބަރު 1982 ގައެވެ. އެ މުއާހަދާގައި ސޮއިކުރި އިރު ރާއްޖޭގައި އޮތް 1976 ގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާބެހޭ ޤާނޫނު އެ މުޢާހަދާއާ ފުށުއަރައެވެ. ނަމަވެސް އޭރު އޮތް ސަރުކާރުން އެކަމާ އަޅައިނުލައި 14 ވަރަކަށް އަހަރު ތިއްބެވެ. އެއީ ރިޔާސީ ތިން ދައުރެއްހައި މުއްދަތެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ކަނޑައަޅައި ބަޔާންކުރުން

ފުށުއަރާ ގާނޫނު އުވައިލައި މުޅިން އާ ގާނޫނެއް އެކުލަވައިލެވުން 1996 ގައެވެ. މުޅީން އަލަށް އެކުލަވައިލެވުނު މި ޤާނޫނަކީ ޤާނޫނު ނަންބަރު 96/6 ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނެވެ. މި ޤާނޫނުގެ ދަށުން އދ.ގެ މުޢާހަދާގައި ބުނާ މިންގަނޑުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ކަނޑައަޅައި ބަޔާންކުރެވުނެވެ. 19 މާއްދާގެ މައްޗަށް އެކުލެވިގެންވާ މި ގާނޫނުގައި ހިމެނޭ އިންތަކާއި މިންތައް ބަޔާންވެގެންވަނީ ދެވަނަ މާއްދާއިން ފެށިގެން ހަވަނަ މާއްދާގެ ނިޔަލަށެވެ.

ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި، އާކިޕެލާޖިކް ބޭސްލައިންގެ އެތެރެއަށްވާ އާކިޕެލާޖިކް ކަނޑާއި، އާކިޕެލާޖިކް ބޭސްލައިންތަކުން ފެށިގެން ބަލާ 12 ނޯޓިކަލް މޭލު ފުޅާ ސަރަޙައްދީ ކަނޑާއި، އެކަނޑުގެ ބޭރު ކައިރިން ފެށިގެން ބަލާ 12 ނޯޓިކަލް މޭލު ފުޅާ ގުޅިފައިވާ ކަނޑާއި، އާކިޕެލާޖިކް ބޭސްލައިންތަކުން ފެށިގެން ބަލާ 200 ނޯޓިކަލް މޭލުގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު މި ގާނޫނުން ކަނޑައެޅިގެން ދިޔައެވެ.

އަންކްލޯސްއާ އެއްގޮތްވާ ގޮތުގެ މަތީން އެކުލަވާލާވައިވާ ޤާނޫނު ނަންބަރު 96/6 ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙަދުތަކާބެހޭ ޤާނޫނުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ބަޔާންކުރުމަށްފަހު، އެ ޤާނޫނުގެ 7 ވަނަ މާއްދާގައި އޮތީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ކަނޑައެޅުމުގައި އެހެން ޤައުމެއްގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާނަމަ، ފުށުއަރާ ދިމާއަކާ ބެހޭގޮތުން އެ ޤައުމަކާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވެ ސޮއިކުރެވޭ އެގްރިމެންޓެއްގެ ދަށުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ ބޭރުކައިރި ފުށުއަރާ ހިސާބެއްގައި ކަނޑައެޅުމަކަށް އެ ޤާނޫނު ހުރަހެއް ނާޅާކަމަށެވެ.

މި އިބާރާތަށް ބަލާއިރު މީގައި ލިޔެފައި މިއޮތީ މުސްތަޤްބަލަށް ރިޢާޔަތްކޮށްފައިކަން އެބައެނގެއެވެ. އޭރު ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ފުށުއަރައި، އެގްރިމެންޓެއްގައި ސޮއިކުރެވިފައި ނެތީ ރާއްޖޭގެ ދެކުނުން ފޯޅަވައްސާ ދެމެދު ފުށުއަރާ ސަރަޙައްދާ މެދުގައި އެކަނި ކަމަށްވެފައި، މުސްތަގުބަލަށް ރިޢާޔަތްކޮށްފައި މި މާއްދާގެ އިބާރާތް ލިޔެފައިވަނީ ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދު ފުށުއަރާ ސަރަހައްދުގެ މައްސަލައަ ގާނޫނީގޮތުން ހައްލުކުރުމަށް އޮތް ފަރުވާއެއްގެ ގޮތުގައިކަން އެނގެއެވެ.

ތިރީގައިވާ ލިންކުން މި ގާނޫނު ފެންނާން އޮންނާނެއެވެ. ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްޕޮއިންޓްތައް މި ގާނޫނުގެ ތާވަލު1ގައި ހިމައިފައިވެއެވެ.

https://www.mvlaw.gov.mv/pdf/ganoon/chapterI/6-96.pdf

އިންޑިޔާއާއި ސްރީލަންކާއާ އެކު ފުށުއަރާ ސަރަހައްދުގެ މައްސަލަ ހައްލުކުރުން

ދިވެހިރާއްޖޭގެ އުތުރާއި އިރުއުތުރުން އޮތް ފުށުއަރާ ސަރަހައްދު ބައިކުރުމާމެދު 1976 ގައި ދިވެހިރާއްޖެއާއި، އިންޑިޔާއާއި، ސްރީލަންކާއާ މެދު އެއްބަސްވުމަކަށް އާދެވި ތިން ގައުމުގެ މެދުގައި 31 ޖުލައި 1976 ގައި ސޮއިކުރެވުނު އެގްރިމެންޓަކުން އެ މައްސަލަ ވަނީ ހައްލުކުރެވިފައެވެ.

ހަމައެހެންމެ މަލިކު ހިމެނޭ އިންޑިޔާގެ ދެކުނު ބޯޑަރާއި ދިވެހިރާއްޖޭގެ އުތުރު ބޯޑަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެ ސަރަހައްދު ދެފަރާތަށް ހަމަހަމައަށް ބަހާލައިގެން 28 ޑިސެންބަރު 1976 ގައި ދެ ގައުމުންވަނީ އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ.

ގާނޫނު ނަންބަރު 96/6 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނު)ގެ 7 (ހަތެއް) ވަނަ މާއްދާގައި ގައި އެބުނަނީ 1976 ގައި ސޮއިކޮށްފައިވާ އެގްރިމެންޓްތަކުގެ ވާހަކަ ކަމަށްވާނަމަ އެކަން ބަޔާންކޮށްފައި އޮންނަންވާނީ ކުރީން ހެދިފައިވާ އެގްރިމެންޓްތައް މި ޤާނޫނާ ފުށުނާރާނަމަ މި ޤާނޫނުގެ ދަށުން އެ އެގްރިމެންޓްތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެކަމަށެވެ.

އދ ގެ ކަނޑުގެ ޤާނޫނާ ބެހޭ ކޮންވެންޝަންގައި އެކަން ބަޔާންކޮށްފައި އޮންނަނީ އެފަދަ ޢިބާރާތަކުންނެވެ. ނަމަވެސް ގާނޫނު ނަންބަރު 96/6ގެ 7 (ހަތެއް) ވަނަ މާއްދާގައި މުސްތަޤްބަލުގެ ސީޣާގައި އެކަން ބަޔާންކޮށްފައި އޮވެފައި، އެހެން މާއްދާއެއްގައި ކުރީގެ އެގްރިމެންޓެއްގެ ވާހަކަ ބަޔާންކޮށްފައި ނެތަސް އެ އެގްރިމެންޓް ޤާނޫނާ ފުށުނާރައެވެ.

ސަބަބަކީ ޤާނޫނުގެ 7 (ހަތެއް) ވަނަ މާއްދާގައި އެކަން ބަޔާންކުރުމުގެ މަޤްޞަދުގައި އެކަން ވެސް ހިމެނިގެން ދާ ގޮތަށް ތަރުޖަމާކުރެވެން އޮތީމައެވެ. މައްސަލައަކީ ބައެއް ބޭފުޅުން އެ މާއްދާ ތަރުޖަމާކުރުމުގައި އެއީ ހަމައެކަނި ކުރީގެ އެގްރިމެންޓްތަކުގެ ވާހަކަ ކަމަށް ބަޔާންކުރައްވާތީއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނު އިސްލާހުކުރުން

2014 ވަނަ އަހަރު ޤާނޫނު ނަންބަރު 96/6 ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙަދުތަކާބެހޭ ޤާނޫނަށް އިޞްލާޙެއް ގެނެވިފައިވެއެވެ. މި އިސްލާހުގެ ބޭނުމަކީ މި ގާނޫނުގެ 7 (ހަތެއް) ވަނަ މާއްދާއަށް އަމަލުކުރުމުގައި ވެވޭ އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއްކަމުގައި ވާނަމަ، އެ ބަދަލެއް ގެނެވޭނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްވާ ޤާނޫނަކުން ކަމުގައި ކަނޑައެޅުމެވެ.

އެއީ ޤާނޫނު ނަންބަރު 22/2014 އިން ގެނެވުނު އިޞްލާޙެކެވެ. މި އިޞްލާޙުގައި އެ ޤާނޫނުގެ 2 ވަނަ މާއްދާއާއި، 7 ވަނަ މާއްދާގައި ބަޔާންކުރާ ވާހަކަތަކަކީ އެ ދެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި އޭގެ އިތުރުން ކޮންމެ މާއްދާއަކަށް (ށ) ގެ ގޮތުގައި އަކުރެއް އިތުރު ކޮށްފައިވުމެވެ. 7 (ހަތެއް) ވަނަ މާއްދާއަކީ ކުރިން ދެންނެވުނު ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު އެހެން ޤައުމެއްގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާނަމަ ހަދާނެ ގޮތް ބަޔާންކުރާ މާއްދާއެވެ. މިގޮތުން މި ބަޔަކީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި (ށ) ގެ ގޮތުގައި އިތުރުކުރެވުނު ބަޔަކީ "މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި މާއްދާގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް ގެނެވޭ އެއްވެސް ބަދަލަކީ، އޭގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއްކަމުގައި ވާނަމަ، އެއިން އެއްވެސް ބަދަލެއް ގެނެވޭނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްވާ ޤާނޫނަކުންނެވެ." މިއެވެ.

1996 ގެ ޤާނޫނަށް މި ގެނެވުނު އިޞްލާޙުންވެސް، އެ ޤާނޫނުގެ 7 ވަނަ މާއްދާއަކީ މުސްތަޤްބަލުގައި އުފެދިދާނެ އެފަދަ ފުށުއެރުމެއް ހައްލުކުރަން ލެވިފައި އޮތް މާއްދާއެއްކަން އިތުރަށް އެނގި ސާފުވެގެންދެއެވެ.

ދިވެހިރާއްޖެއިން ދަޢުވާކުރާ ކޮންޓިނެންޓަލް ޝެލްފްގެ މިންތައް ބަޔާންކޮށް ރަސްމީ ލިޔުން ހުށަހެޅުން

ގާނޫނު ނަންބަރު 96/6 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނު)ގެ ފަހުން، 2010 ވަނަ އަހަރުގައި ދިވެހިރާއްޖެއިން އދ. ގެ "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ކޮންޓިނެންޓަލް ޝެލްފް" އަށް، 200 ނޯޓިކަލް މޭލުން ބޭރަށް އޮތް ދިވެހިރާއްޖެއިން ދަޢުވާކުރާ ކޮންޓިނެންޓަލް ޝެލްފްގެ މިންތައް ބަޔާންކޮށް ރަސްމީ ލިޔުން ހުށައެޅިއެވެ. އެ ހުށައެޅުމުގައިވެސް ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ކަމުގައި އޮތީ 1996 ގެ ޤާނޫނުން ކަނޑައަޅާފައިވާ ސަރަޙައްދެވެ.

ދެކުނުން ޗާގޯސްއާ ދެމެދު އޮތް ބަޔަށް އޮތީ ފުރިހަމަ 200 ނޯޓިކަލް މޭލު ލާފައެވެ. ޤާނޫނު ނަންބަރު 96/6 ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙަދުތަކާބެހޭ ޤާނޫނު އެކުލަވާލުމާއެކު، 1976 ގައި އިންޑިޔާއާއި ސްރީލަންކާއާ ދެމެދު ވެވުނު އެއްބަސްވުންތަކުން ކަނޑައެޅިފައިވާ ސަރަހައްދު ފިޔަވައި، ދިވެހިރާއްޖޭގެ ވަށައިގެން ދެމިފައިވާ އާކިޕެލާޖިކް ބޭސްލައިން އިން ފެށިގެން، އެ ބޭސްލައިންގެ ވަށައިގެން، ދިވެހިރާއްޖެއަށް 200 ނޯޓިކަލް މޭލު ފުޅާ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެއް ލިބިގެން ދިޔައެވެ. މިގޮތުން އިނގިރޭސިވިލާތުގެ ދަށުގައި އޮތް، އަދި މޮރިޝަސްއިން އެތަނަކަށް ދަޢުވާކުރަމުން އަންނަ ޗާގޯސްގެ ރަށްތަކާ ދޭތެރޭގައި އޮތް 270 ވަރަކަށް ނޯޓިކަލް މޭލު ފުޅާ ކަނޑުން ދިވެހިރާއްޖެއަށް 200 ނޯޓިކަލް މޭލު ނެގީމާ ޗާގޯސްއަށް ލިބެން އޮންނަނީ 70 މޭލެވެ.

އައްޑުއަތޮޅުގެ ދެކުނުން ފޯޅަވައްސާ ދެމެދު އޮތް މި 200 ނޯޓިކަލް މޭލަކީ ދިވެހިރާއްޖެއަށް އެއްވެސް ހުރަހެއް ނެތި ލިބިފައި އޮތް ސަރަޙައްދެއްހެއްޔެވެ؟

ކުރިން ދެންނެވުނު ފަދައިން ޤާނޫނު އެކުލަވާލެވުނީ 1996 ގައެވެ. ޗާގޯސްއާ އައްޑުއާ ދޭތެރޭގައި އޮތް ކަނޑުގެ ސަރަޙައްދާ މެދު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު 1992 ގައި ވާހަކަތަކެއް ދެކެވުނުކަން ރެކޯޑްތަކުން އެނގެން އެބައޮތެވެ.

ދެ ގައުމުގެ ދެމެދުގައި ޓެކްނިކަލް ދަރަޖައެއްގައި ދެކެވުނު އެ ވާހަކަތަކަށް ފަހު، ޗާގޯސްއާ ދިމާގައި އޮތް ދިވެހިރާއްޖޭގެ 200 ނޯޓިކަލް މޭލުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ޗާގޯސްގެ 200 ނޯޓިކަލް މޭލުގެ "ފިޝަރީޒް ކޮންޒަވޭޝަން އެންޑް މެނޭޖްމެންޓް ޒޯން" ގެ ފުށުއަރާ ސަރަހައްދު ދެ ގައުމުގެ ދެމެދުގައި "އިކުއިޑިސްޓެންސް" ގެ އުޞޫލުން ބަހާގޮތަށް އެއްބަސްވެ ދެލިކޮޕީ އެގްރިމެންޓެއް ތައްޔާރުކުރެވުނުކަން އެނގެއެވެ. އެހެންނަމަވެސް ދެ ގައުމުން ރަސްމީކޮށް އެ އެގްރިމެންޓްގައި ސޮއިކޮށްފައެއް ނުވެއެވެ.

އިނގިރޭސިވިލާތުން ޗާގޯސް ނުވަތަ އެ ގައުމުން ބޭނުންކުރާ ރަސްމީ ނަމުން ނަމަ ބްރިޓިޝް އިންޑިޔަން އޯޝަން ޓެރިޓަރީގެ "ފިޝަރީޒް ޒޯން" ފުރަތަމަ ކަނޑައެޅީ 12 ނޯޓިކަލް މޭލުގެ ފުޅާ މިނުގައެވެ. އެއީ 1969 ގައެވެ. އޭގެފަހުން 1991 ގައި އެ ސަރަހައްދު 200 ނޯޓިކަލް މޭލަށް ފުޅާކޮށް، ސަރަހައްދުގެ ނަން "ފިޝަރީޒް ކޮންޒަވޭޝަން އެންޑް މެނޭޖްމެންޓް ޒޯން" އަށް ބަދަލުކުރިއެވެ. 2003 ގައި އެ ނަން "އެންވައިރަމެންޓް ޕްރިޒަވޭޝަން އެންޑް ޕްރޮޓެކްޝަން ޒޯން" އަށް ބަދަލުކޮށް ރަސްމީކޮށް އެކަން އދ އަށް ހުށައެޅިއެވެ.

އޭގެ ފަހުން 2010 ގައި ޗާގޯސްގެ "މެރީން ޕްރޮޓެކްޓެޑް އޭރިއާ" ގެ ނަމުގައި ސަރަޙައްދެއް ކަނޑައަޅައި އިޢުލާނުކުރިއެވެ. "މެރީން ޕްރޮޓެކްޓެޑް އޭރިއާ" ސަރަޙައްދަކީ ކުރިން ކަނޑައެޅި "އެންވައިރަމެންޓް ޕްރިޒަވޭޝަން އެންޑް ޕްރޮޓެކްޝަން ޒޯން" އެވެ. އިނގިރޭސިވިލާތުން ޗާގޯސްގެ ވަށައިގެންވާ ކަނޑުން ކުރިން އެ ގައުމުން ކަނޑައެޅި "ފިޝަރީޒް ކޮންޒަވޭޝަން އެންޑް މެނޭޖްމެންޓް ޒޯން"، "އެންވައިރަމެންޓް ޕްރިޒަވޭޝަން އެންޑް ޕްރޮޓެކްޝަން ޒޯން"އަށް އަދި އޭގެ ފަހުން، "މެރީން ޕްރޮޓެކްޓެޑް އޭރިއާ" އަށް ބަދަލުކުރިއިރު، ދިވެހިރާއްޖެއާ ވީކޮޅުން ފުރިހަމަ 200 ނޯޓިކަލް މޭލު ނެގުމުގެ ބަދަލުގައި، އޮންނަނީ 1992 ގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އެއްބަސްވުމަކަށް އާދެވުނު ގޮތަށް ފުށުއަރާބައި ދެފަރާތަށް ހަމަހަމަވާ ގޮތަށް ބަހާލާފައެވެ.

ކޮންޓިނެންޓަލް ޝެލްފްއަށްވާބައި ހޯދުމަށްޓަކައި މޮރިޝަސް އިން 2009ގައި އދ. އަށް ހުށަހެޅުން

ޗާގޯސްގެ މައްޗަށް ދަޢުވާކުރަމުން އަންނަ މޮރިޝަސްއިން އަބަދުވެސް ބަލަމުން އަންނަ ގޮތުގައި ޗާގޯސްއަކީ އެ ގައުމުގެ ބައެކެވެ. އެހެންކަމުން އެ ގައުމުގެ ޤާނޫނުއަސާސީގައި ވެސް ޗާގޯސް ހިމަނާފައި އޮންނަނީ އެ ގައުމުގެ ބައެއްގެ ގޮތުގައެވެ. އަންކްލޯސްގެ 75 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން މޮރިޝަސްއިން 1984 ގައި ޗާގޯސްގެ ވަށައިގެން 200 ނޯޓިކަލް މޭލު ފުޅާ ސަރަޙައްދެއް ލިބޭ ގޮތަށް އެ ގައުމުގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ކަނޑައެޅިއެވެ. އެއީ ދިވެހިރާއްޖެއިން ސަރަހައްދު ކަނޑައެޅުމުގެ މާކުރިންނެވެ. އޭގެ ފަހުން 20 ޖޫން 2008 ގައި އދ. ގެ ކަނޑުތަކާބެހޭ ކަންކަމާއި ކަނޑުގެ ޤާނޫނާބެހޭ ބަޔަށް އެކަމާގުޅޭ ލިޔެކިޔުން ހުށައެޅިއެވެ.

ޗާގޯސް ހިމަނައިގެން، އެ ގައުމުގެ ކޮންޓިނެންޓަލް ޝެލްފްއަށްވާބައި ހޯދުމަށްޓަކައި 2009 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި އދ އަށް ހުށައެޅިއެވެ. މި ކަންކަމަށް ބަލާއިރު ދިވެހިރާއްޖެއިން އަންކްލޯސްއާ އެއްގޮތްވާ ގޮތުގެ މަތީން 1996 ގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ޤާނޫނު ހެދިއިރު، ޗާގޯސް އެ ޤައުމެއްގެ ދަށުގައި އޮތް އިނގިރޭސިވިލާތުން މިވަނީ 1991 ގައި ޗާގޯސްގެ ވަށައިގެން 200 ނޯޓިކަލް މޭލުގެ މަސްވެރިކަމުގެ ސަރަޙައްދެއް ކަނޑައަޅާފައެވެ. ހަމަ އެހެންމެ ޗާގޯސްގެ މައްޗަށް ދަޢުވާކުރާ މޮރިޝަސްއިން މިވަނީ 1984 ގައި ޗާގޯސްގެ ވަށައިގެން 200 ނޯޓިކަލް މޭލުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެއް ލިބިގެންވާ ކަމަށް ކަނޑައަޅާފައެވެ.

ޗާގޯސްގެ މިލްކުވެރިކަން އެއިން ކޮންމެ ޤައުމަކަށް ލިބުނަސް، އެ ތަނާއި އައްޑުއަތޮޅާ ދެމެދުގައި އޮތް ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ދިވެހިރާއްޖެއަށް އޮތީ ފުރިހަމައަށް 200 ނޯޓިކަލް މޭލު ލިބޭ ގޮތަކަށެއް ނޫނެވެ.

އެޑިޓަރުގެ ނޯޓް:

މި ލިޔުމަކީ ރާއްޖޭގެ ގާނޫނީ ވަކީލެއް ކަމުގައިވާ މުޙައްމަދު ނާޖިޙް ހަލިނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މި މައުޒޫގައި ދެއްވި މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.