ޢަމްރު ބުން ޖަމޫޙަކީ ޖާހިލިއްޔަ ޒަމާނުގައި ޔަޘްރީބުގެ ބޮޑެކެވެ. ބަނޫ ސަލަމާ ޤަބީލާގެ ވެރިޔާއެވެ. ދީލަތި ކަމުގައި އަރާ ހުންނެވި ބޭކަލެކެވެ. ހިތްވަރުގަދަ ފަހުލަވާނެކެވެ.
އެޒަމާނުގައި މީސްތަކުންގެ ތެރެއިން ޤަދަރުހުރި މީހުން އެމީހުންގެ އަމިއްލަ ގެތަކުގައި ބުދު ބަހައްޓައިގެން އެޔަށް އަޅުކަން ކުރަމުން ދިޔައެވެ. އެމީހުން ޤަބޫލުކުރި ގޮތުގައި ގޭތެރޭގައި ބަހައްޓާފައި ހުންނަ ބުދު އެމީހުންގެ ބޮޑުން ކުރާ ކޮންމެ ކަމަކަށް ބަރަކާތްލައިދީ ހަދައެވެ. ޚާއްޞަ މުނާސަބަތުތަކުގައި އެއަށް ޤުރުބާންކޮށް، ހިތާމައިގެ ވަގުތުތަކުގައި އޭގެ އެހީތެރިކަން ހޯދައި އުޅުނެވެ.
ޢަމްރު ވެސް އޭނާގެ ގޭގައި ބުދެއް ބަހައްޓަފައި ހުއްޓެވެ. އޭނާގެ ބުދަށް ކިޔާ ނަމަކީ މަނާތެވެ. އޭނާ އެބުދު ހަދާފައިވަނީ އެންމެ މޮޅު، އެންމެ އަގުބޮޑު ލަކުޑިންނެވެ. އެޔަށްފަހު އޭގެކައިރީގައި ގިނަވަގުތު ހޭދަކޮށް އެބަލަހައްޓަން ގިނަގުނަ ހޭދަކޮށް މީރުވަސްދުވާހާ ޒާތްޒާތުގެ ހުވަނދު އޭގައި އުނގުޅައި ވަރަށް މާތްކޮށް ހިތައި އުޅުނެވެ.
މިހެން އުޅެނިކޮށް އިސްލާމްދީނުގެ ނޫރު ޔަޘްރިބުގެ ގެތަކަށް ވަންނަން ފަށައިފިއެވެ. އޭރު އަމްރުގެ އުމުރުން ގާތްގަނޑަކަށް 60 އަހަރު ވެއްޖެއެވެ. އޭރު މާތް ނަބިއްޔާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމަ ހިޖުރައަށް ވަޑައި ނުގަންނަވައެވެ.
ދެންފަހެ މާތްނަބިއްޔާ މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމަގެ ފަރާތްޕުޅުން މަދީނާގެ އަހުލުވެރީންނަށް އިސްލާމްދީނަށް ގޮވައިލެއްވުމަށް ފޮނުއްވި ޒާހިދު ތެދުވެރި ބޭކަލެއްކަމުގައިވާ މުޞްޢަބު ބުން އުމައިރުގެ ހިންމަތާއި ވިސްފުޅުތޫނުކަމުގެ ސަބަބުން މަދީނާގެ ގެއަކަށް ފަހު ގެއަކަށް އިސްލާމްދީން ތާރަފްވެ، ފަތު އަޑުކިޔާފައި ބައިބަޔަށް މީސްތަކުން އިސްލާމްދީނަށް ވަންނަމުން ދިޔައެވެ.
ޢަމްރުގެ ތިން ދަރިން ކަމުގައިވާ މުއައްވަޒާއި، މުޢާޛާއި، ޚައްލަދު ވެސް އިސްލާމް ދީނަށް ވަދެއްޖެއެވެ. އަދި މި ކުދިންގެ މަންމަ ހިންދު ވެސް އޭނާގެ ތިން ކުދިންނާއެކު އިސްލާމްދީން ޤަބޫލުކޮށްފިއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއްގެ ހިލަމެއް ޢަމްރުއަކަށް ނުވެއެވެ. ހިންދަށް ފެނިވަޑައިގަތީ ޔަޘްރިބުގެ މީސްތަކުން ބައިބަޔަށް އިސްލާމްދީނަށް ވަންނަމުން ދިޔަތަނެވެ. ޤައުމުގެ ބޮޑުންގެ ތެރެއިން އެކަމަނާގެ ފިރިކަލުންނާއި މަދު ފަރުދުންތަކެއް ފިޔަވައި އެވެސް މީހަކު ޝިރުކުގެ މަތީގައި ނުހުންނަކަމެވެ. އެކަމަނާއަކީ ފިރިކަލުން ދެކެ އިންތިހާ ދަރަޖައަށް ލޯބިވާ ކަނބަލެކެވެ. ފިރިކަލުންނާ މެދު ނުހަނު ފަޚުރުވެރިވެއެވެ. ނަމަވެސް ފިރިކަލުން ކުފުރުގެ މަތީގައި މަރުވެ ނަރަކައިގެ އަލިފާނުގައި ނިމިދާނެތީ ކަންބޮޑުވިއެވެ. މި ދުވަސްވަރު ޚުދު ޢަމްރު ވެސް ދިޔައީ އޭނާ އަށް ކުރިމަތިވަމުންދާ ނުތަނަވަސްކަމުގެ ވާހަކަ ދައްކަމުންނެވެ. މަދީނާގައި އިސްލާމްދީން ފެތުރޭ މިންވަރު ހަލުވިކަމުން އޭނާގެ ދަރިންވެސް ކާބަފައިންގެ ދީން ދޫކޮށްލަފާނެތީއެވެ.
ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު މުޞްޢަބު ބުން އުމައިރުގެ ދަޢުވަތަށް ތަބަޢަވެ، ބުދަށް އަޅުކަންކުރުމާ ދުރުހެލިވެ، މުޙައްމަދުގެފާނުގެ ދީނަށް ވަދެފާނެތީއެވެ. އެބާޠިލް ދީން (ބުދަށް އަޅުކަންކުރުން) ކަފުންވެދާނެތީއެވެ. އެހެންކަމުން އޭނާގެ އަނބިކަނބަލުންނަށް ޢަމްރު ވިދާޅުވިއެވެ. "މި މީހާ (މުޞްޢަބު ގެފާން) އާ މެދު އަހުރެން ވަކި އެއްޗެއް ބުނަންދެން އަހުރެމެންގެ ދަރީން އޭނާއާއި ބައްދަލުވިޔަ ނުދޭށެވެ." ދެން އެކަމަނާ ވިދާޅުވިއެވެ. "އެކަމަކު އެމީހާ (މުޞްޢަބުގެފާނު) ގެ ފަރާތުން އަޑުއިވުނު އެއްޗެއް ތިބާގެ ދަރި މުޢާޒުގެ ފަރާތުން އަޑު އަހާލަން ބޭނުން ހެއްޔެވެ؟ އެހިނދު ޢަމްރު ވިދާޅުވިއެވެ. "ކަލެއަށް ހަލާކު ހުއްޓެވެ. އަހަންނަށް ނޭނގި މުޢާޛް އޭނާގެ ކާބަފައިންގެ ދީނާއި ދުރުހެލިވީ ހެއްޔެވެ؟" ދެން އެކަމާނާ ޢަމްރުއާމެދު ޙަމްދަރުދީވެފައި ދެންނެވިއެވެ. "އެހްނަނަކުން ނޫނެވެ. އެކަމަކު މުއާޛް ވަނީ އެކަލޭގެފާނުގެ ބައެއް ބައްދަލުވުންތަކަށް ހާޒިރުވެ، އެކަލޭގެފާނު ކިޔަވައިދެއްވާ ބައެއް އެއްޗެހި ހިތުދަސްކޮށްފައެވެ. ޢަމްރު ވިދާޅުވިއެވެ. "މުއާޛު މިތަނަށް ގެންނާށެވެ." ދެންފަހެ މުޢާޛް ހާޒިރުވުމުން އަމްރު ބުން ޖަމޫޙް ވިދާޅުވިއެވެ. "ނިކަން ތިޔަމީހަކު ކިޔާއެއްޗެއްގެ މިސާލެއް އަހަންނަށް ކިޔައިދީބަލާށެވެ." އެހިނދު މުޢާޛް، ޤުރުއާނުގެ ފުރަތަމަ ސޫރަތް އަލްފާތިޙާ ސޫރަތް ކިޔަވައި ވިދާޅުވިއެވެ." “رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ. حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ. (އެކަލާނގެއީ) رحمن ވަންތަ رحيم ވަންތަ ރަސްކަލާނގެއެވެ. قيامة ދުވަހުގެ ވެރި ރަސްކަލާނގެއެވެ. އަޅަމެން އަޅުކަންކުރަނީ، ހަމައެކަނި އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، ހަމައެކަނި އިބަރަސްކަލާނގެ حضرة އިންނެވެ."
މުޢާޛް ސޫރަތުލް ފާތިޙާ ކިޔަވައި ނިންމާލުމާއި އެކު ޢަމްރު ބުންޏެވެ. "ތިޔައީ ހާދަހާ ފުރިހަމަ ބަސްތަކެކެވެ. ކިހާ ރީތި ބަސްތަކެއް ހެއްޔެވެ.؟ އޭނާ ކިޔާ ހުރިހާ އެއްޗެއް ވެސް ހަމަ މިހާ ފުރިހަމަ ހެއްޔެވެ.؟” މުއާޛް ބުންޏެވެ." އާނއެކެވެ. ބައްޕާއެވެ! އޭނާއަށް ބައިޢަތުހިފަން (އޭނާގެ ބައިގެ މީހަކަށް ވާން) ބައްޕަ ބޭނުން ހެއްޔެވެ؟ ބައްޕަގެ މީހުން ވެސް މިހާރު އެފަދައިން ކަންކޮށްފިއެވެ. އެހިނދު ވަކި އެއްޗެކޭ ނުބުނެ އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ޢަމްރު ބުންޏެވެ. ”އަހަރެން މަނާތު އާއި މަޝްވަރާކޮށް، އޭނާ ބުނާއެއްޗެއް އަޑުއަހާފައި ނޫނީ ތިޔަގޮތަކަށް ކަންތަކެއް ނުކުރާނަމެވެ." އެންމެފަހުން މުޢާޛް ބުނެލިއެވެ. ”ބައްޕާއެވެ! މަނާތު ބުނާނީ ވަކި ކީކޭހެއްޔެވެ؟ އެއީ ލަކުޑިކޮޅެއް ނޫންހެއްޔެވެ؟ އެއަކަށް ވިސްނުމުގެ ޤާބިލުކަމެއް، އަދި ވާހަކަދެއްކުމުގެ ޤާބިލުކަމެއް ވެސް ލިބިގެންނެއް ނުވެއެވެ." އެހިނދު އަމްރު ހަޅޭއްލަވައިގެންފައި ބުންޏެވެ. ”މަނާތުއާ ނުލާ އެއްވެސް ކަމެއް ނުކުރާނަމޭ މިހާރު ބުނެފީމެއް ނޫންހެއްޔެވެ."
ކޮންމެއަކަސް އެދުވަހު މަނާތުގެ ކައިރިއަށް ޢަމްރު ހިނގައެއްޖެއެވެ. އެއީ މީސްތަކުން ބުދުތަކާ ވާހަކަދައްކަން ބޭނުންވެއްޖެ ނަމަ އެބުދެއްގެ ފަހަތުގައި އަންހެނަކު ބަހައްޓާގެން އުޅުނު ޒަމާނެވެ. ދެން ބުދުގެ ފަރާތުން ވާހަކަ ދައްކާނީ އެ އަންހެން މީހާއެވެ. އެމީހުން ހީކުރާގޮތުގައި ދައްކަންވީ ވާހަކަ އެ އަންހެންމީހާއަށް އިލްހާމްކޮށްދެނީ އެބުދެވެ. ދެންފަހެ ޢަމްރު ބުން ޖަމޫޙް މަނާތުގެ ކުރިމައްޗަށް ގޮސް ހުއްޓިފައި އެއަށް އަދަބު އިޙްތިރާމްކޮށް ފަށްފަށުން ތަޢުރީފުކޮށްފައި ބުންޏެވެ. "އޭ މަނާތު އެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ތިބާއަށް އެނގޭނެއެވެ. މައްކާއިން އަހަރުމެންގެ ތެރެއަށް އައިސް ދޮގުފަތުރަން މިއުޅޭ މީހާ އެދެނީ ތިބާއަށް އިހާނާތްތެރިވުމަށެވެ. އެހެން އެއްވެސް މީހަކަށް އިހާނާތްތެރި ވުމަށް ނޫނެވެ. އޭނާ އެއައީ އަހަރުމެން ތިބާއަށް އަޅުކަން ވިޔަނުދޭށެވެ. އޭނާގެ ފަރާތުން އަހަންނަށް އެ އިވުނު ރީތި ބަސްތަކަށް ފަހު ވެސް އެބައިމީހުންނަށް ބައިޢަތު ހިފާކަށް އަހުރެން ބޭނުމެއް ނޫނެވެ. އެހެން ކަމުން އަހުރެން ތިބާގެ ގާތަށް މިއައީ އެކަމާ މެދު މަޝަވަރާ ކުރުމަށެވެ. އަހުރުންނަށް މިކަމުގައި ލަފައެއް ދޭށެވެ." ނަމަވެސް މަނާތުގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. އެހިނދު އަނެއްކާވެސް ޢަމްރު އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. "މަނާތު އެވެ. ފަހަރެއްގައި ތިބާތިޔަ ހުރީ ރުޅިއައިސްފައެވެ. އެކަމަކު މިވަގުތާ ހަމައަށްވެސް ތިބާއަށް ގެއްލުމެއް ވާނެ އެއްވެސް ކަމެއް އަހަރެން ނުކުރަމެވެ. އެންމެ ރަނގަޅެވެ. ތިބާގެ ރުޅި ފިލަންދެން، އަހުރެން ކުޑަ ދުވަސްކޮޅަކަށް ތިބާ އެކަނި ދޫކޮށްލާނަމެވެ."
ކޮންމެއަކަސް ޢަމްރުގެ ދަރީންނަށް އެކުދިންގެ ބައްޕަގެ ހިތުގައި މަނާތާމެދު އޮތްލޯތަބާއި، އެއަށް ބަރޯސާވެފައިވާ މިންވަރު ރަނގަޅަށް އެނގެއެވެ. ދުވަސްތައް އެކަމުގައި ފާއިތުވެގެން ގޮސް އޭގެ އަވާގައި ޖެހިފައި ހުރި މިންވަރު އެކުދިން ދަނެއެވެ. ބައްޕަގެ ހިތުގައި އެބުދަށް ދެވިފައިވާ ޖާގައިގެ ސަބަބުން ބައްޕަ އެކަމުން ސަލާމަތް ކުރެވޭނީ އެކުދިންގެ އެހީތެރިކަމާ އެކުގައިކަން ޤަބޫލުކުރެވުނެވެ. އެހެންކަމުން އެކުދިންގެ ނިންމީ އެކަމުގައި ބައްޕައަށް އެހީތެރިވުމަށެވެ.
ދެންފަހެ އެއްރެއަކު ޢަމްރު ބުން ޖަމޫޙްގެ ކުދިން، އެކުދިންގެ އެކުވެރި މުޢާޛް ބުނު ޖަބަލްއާއި އެކު ގޮސް މަނާތު ހުރި ތަނުން ނަގައި، ބަނޫސަލާމްގެ މީހުން ނަޖިސްފެން އަޅާ ޖަންގްޝަނަކަށް ގެންގޮސް އެއްލައިލިއެވެ. އަދި އެއްވެސް މީހަކަށް އެމީހުން ކުރިކަންތަކުގެ ޚަބަރު ނޭނގޭނެހެން ސިއްރުސިއްރުން ގެއަށް އަތުވެއްޖެއެވެ.
ފަހެ ޖެހިގެން އައި ދުވަހުގެ ހެނދުނު ޢަމްރު ހޭލައިގެން ބުދަން އަދަބު އިޙްތިރާމް އަދާކުރުމަށް ދިޔައިރު ބުދު ފެންނާކަށް ނެތެވެ. އޭނާ ހަޅޭއްލަވައިގެންފައި ބުންޏެވެ. "ކަލޭމެން އެންމެންނަށް ހަލާކުހުއްޓެވެ. ރޭގައި އަހަރުމެންގެ ކަލާނގެ އަށް ޙަމަލާދިނީ ކާކުހެއްޔެވެ؟" ނަމަވެސް އެކަކުވެސް އޭނާއަށް ޖަވާބެއް ނުދިނެވެ. ދެން އަމްރު ރުޅިވެރިކަމާ އެކު އެކަން ކުރި ބަޔަކަށް އެވެނިމިވެނިހެން ހަދާލާނެ ކަމަށް ބުނެ އިންޒާރުދެމުން، ބުދުފެނޭތޯ އެތަންމިތަން ހޯދައި އަތްފުނާ އަޅަމުން ދަނިކޮށް އޭނާއަށް ފެނުނީ ބަނޫސަލާމާގެ މީހުން ނަޖިސްފެން އަޅާ ޖަންގްޝަކަނަކަށް ބޯކޮޅު ވަތަށް ބުދު އެއްލާލާފައި އޮއްވައެވެ. ދެން އެ ބުދު ނަގައިގަނެގެން ގެނެސް ފެންވަރުވައި، މީރުވަސް ދުވާ އެކިޒާތްޒާތުގެ ހުވަނދުލާފައި، މިކަން ކުރިބަޔަކު އަހަންނަށް އެނގޭ ނަމަ އެމީހުން ނިކަމެތިކޮށްލާނަމޭ ބުނެ ކުރިންވެސް ބުދު ހުންނަ ތަނުގައި ރީތިކޮށް ބަހައްޓައިފިއެވެ.
ޖެހިގެން އައިރޭ ވެސް ޢަމްރުގެ ކުދިން ހަމަ އެފަދައިން ކަންތައް ކޮށްފިއެވެ. ޖަންގްޝަނަށް ބޯކޮޅުވަތަށް ބުދު ވައްޓައިލިއެވެ. ފަހެ ކުރީ ދުވަހެކޭވެސް އެއްފަދައިން، އަމްރު ބުދު ހޯދައިގެން ގެނެސް އޭތި ފެންވަރުވައި ނަލަކޮށްފައި މީރުވަސްދުވާހާ ޒާތްޒާތުގެ ހުވަނދު އޭގައި ލާފައި، އިހު ހުންނަތަނުގައި އަނެއްކާވެސް ބުދު ބަހައްޓާފިއެވެ. މިގޮތުން މިކަން އެތައް ފަހަރަކު ތަކުރާރުވެއްޖެއެވެ. އެންމެފަހުން އެއްދުވަހަކު ކަނޑިއެއް ހިފައިގެން އައިސް ބުދުގެ ކަރުގައި އަޅުވާފައި ޢަމްރު ބުންޏެވެ. "އޭ މަނާތެވެ! ތިބާއަށް ތިޔަހެން ހަދާ މީހަކު އަހަރެންނަކަށް ނޭގެއެވެ. ތިބާގެ ކިބައިގައި އެއްވެސް ބާރެއް ވާނަމަ ތިބާ އާއި މެދު ތިޔަހާ ނުބައިކޮށް ކަންތައް ކުރާ މީހުންގެ ނުބައި ކަމުން އަމިއްލަ ނަފްސު ދިފާޢު ކުރާށެވެ. މިއޮތީ ތިބާއަށް ދިން ކަނޑިއެވެ. އެމީހުންނަށް މިކަނޑިން ހަމަލާ ދޭށެވެ." ޖެހިގެން އައިރޭ ވެސް ޒުވާނުންތައް މަޑުކޮށްގެން ތިބީ އަމްރު ނިދާނެ އިރަކަށެވެ. ފަހެ އޭނާ ހަމަ ނިދުމާއި އެކު އެކުދިންތައް ގޮސް ބުދުގެ ކަރުގައި އަޅުވާފައި އޮތް ކަނޑި ނަގައި، ބޯކޮޅު ވަތަށް ނަޖިސް ވަޅުގަނޑު ތެރެއަށް ބުދު އެއްލައިލިއެވެ. އަނެއްދުވަހު ހެނދުނު ޢަމްރުއަށް ފެނުނީ ބޯކޮޅު ވަތަށް ނަޖިސްފެންގަނޑު ތެރޭގައި ބުދު އޮއްވައެވެ. އޭގެ ކަރުގައި އެލުވާފައި އޮތް ކަނޑި ހޯދައި ހޯދައި ނުފެނުނެވެ. ދެން އެންމެފަހުން އަމްރު ހިތަށް އެރިއެވެ. މިއީ އެއްވެސް އާރެއް ބާރެއް ލިބިގެންވާ އެއްޗެއް ނޫނެވެ. މިއީ އަޅުކަން ކުރުމަށް ހައްޤުވެގެންވާ އެއްޗެއް ނޫނެވެ. އެއަށްފަހު މާގިނަދުވަހެއް ނުވެ އިސްލާމްވެއްޖެއެވެ.
ދެންފަހެ ޢަމްރު އިސްލާމްވުމާ އެކު އީމާންކަމުގެ ފޮނިމީރުކަން ފެންނަންފެށިއެވެ. އެއްކައުވަންތަ ކަލާނގެ އަށް އިމާން ވުމުގެ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބެން ފެށިއެވެ. ހަމައެއާއެކު ޝިރުކުގެމަތީގައި ހޭދަކުރި ދުވަސްތައް ހިތަށް ވެރިވުމުން އެކަމާއި ހިތާމަކޮށް ހިތްދަތިކަން އިހުސާސް ކުރެވުނެވެ. އެއަށްފަހު އިސްލާމްދީނުގެ މަތީގައި ފުރިހަމަޔަށް ސާބިތުވެ އޭނާގެ އަމިއްލަ ނަފްސާއި ދަރިންނާއި މުދަލުން މާތްރަސްކަލާނގެއާއި އެކަލާނގެ ރަސޫލާގެ މަގުގައި ޚިދުމަތް ކުރަން ފެއްޓެވިއެވެ.
އެކަލޭގެފާނުގެ ހިތުގައި އިސްލާމްދީނާ މެދު އުފެދިފައިވާ ލޯތްބާއި ޝައުޤުވެރިކަން ފެނިގެންދިޔައީ އުހުދު ހަނގުރާމައިގެ ދުވަސްވަރުއެވެ. ޢަމްރުއަށް ފެނުނީ އޭނާގެ ތިން ދަރިން ހަނގުރާމައަށް ތައްޔާރުވަމުން ދިޔަތަނެވެ. އެކުދިން ﷲ ގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވުމާއި އެކަލާނގެ ރުހިވޮޑިގަތުމާއި ފުއްސެވުން ހޯދުމަށް ފެންބޮވައިގެންފައި ވީތަނެވެ. އެ މަންޒަރު ފެނުމުން އަމްރުގެ ހިތަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. އެހެންކަމުން އޭނާ ޢަޒުމް ކަނޑައެޅީ އެމީހުންނާއެކު، މާތްނަބިއްޔާގެ ދިދަ ދަށުގައި ޖިހާދަށް ނިކުތުމަށެވެ. ނަމަވެސް އެޒުވާނުން ތިބީ ބައްޕަގެ އެނިންމެވުމާއި ދެކޮޅަށެވެ. އޭނާއަކީ ވަރަށް މުސްކުޅި އިންތިހާއަށް ބަލިކަށި މީހަކަށް ވާތީއެވެ. އެގޮތުން އެކުދިންތައް އަމްރުގާތުގައި ބުންޏެވެ. "ބައްޕާއެވެ. ހަމަކަށަވަރުންވެސް މާތްالله ގެ ހަޟުރަތުން ބައްޕައަށް އުޒުރު ލިބިގެންވެއެވެ. އެހެންކަމުން މިބުރަ ބައްޕަ އުފުލަން ވީ ކީތްވެހެއްޔެވެ؟" މިކަމާ އަމްރު ހިތްހަމަ ނުޖެހުނެވެ. ﷲ ގެ ރުއްސެވުމާއި އިސްލާމްދީނަށް ނަޞްރު ދިނުމަށް ހަނގުރާމަކޮށް ޝަހީދުވުމުގެ ޝައުޤުވެރިކަން އުފެދިފައިވާ މިންވަރު ބޮޑުކަމުން، ސީދާ ރަސޫލުﷲ ގެފާނުގެ އަރިހަށް ގޮސް އޭނާގެ ދަރިންނާ މެދު ޝަކުވާ ކުރިއެވެ. "ޔާ ރަސޫލުالله އެވެ. އަހުރެންގެ ދަރީން، އަހަރެންނަކީ މުސްކުޅިއެކޭ ބުނެ ޖަދަލުކޮށް މިހާމަތިވެރި ހެޔޮކަންބޮޑު ކަމެއް އަހަރެންނަށް މަނާ އެބަކުރެއެވެ. މާތް ﷲ ގަންދީ ބުނަމެވެ. އަހަރެންގެ ގައިބާރު ދެރަޔަސް މިގޮތުން ސުވަރުގެ ހާޞިލް ކުރުމަށް އަހަރެން އެދެމެވެ." އެހިނދު ރަސޫލުﷲގެފާނު އަމުރުގެ ދަރީންނަށް ހަދީޘް ކުރެއްވިއެވެ. "އޭނާ ދޫކޮށްލާށެވެ. ފަހަރެއްގައި މާތްރަސްކަލާނގެ، އޭނާއަށް ޝަހީދެއްގެ މަތިވެރި ދަރަޖަ ދެއްވަފާނެއެވެ."
މާގިނައިރުތަކެއް ނުވެ ހަނގުރާމައަށް ނުކުންނަންވީ ވަގުތު ޖެހިއްޖެއެވެ. ޢަމްރު އޭނާގެ އަންހެނުންނަށް އަލްވަދާޢު ކިޔައި، ޤިބްލައަށް ކުރިމަތިލައްވައިގެން ހުންނަވައި ދުޢާ ކުރެއްވިއެވެ. "އަޅުގެ ވެރިރަސްކަލާކޯއެވެ. މިއަޅާއަށް ޝަހީދެއްގެ ދަރަޖަ ދެއްވައިފާނދެއެވެ. މިއަޅާގެ އުންމީދުތައް ހާޞިލްނުވެ މިއަޅާގެ އާއިލާއަށް މިއަޅާ އަނބުރައި ރައްދު ނުކުރައްވާނދޭވެ."
އެއަށްފަހު އެކަލޭގެފާނުގެ ތިން ދަރިންނާއި، އެކަލޭގެފާނުގެ ޤަބީލާ ބަނޫ ސަލާމާގެ އެތަށް ބަޔަކާއި އެކު ހަނގުރާމައަށް ތައްޔާރުވެ، ކަމަރު ބަނދެގެން ދަތުރު ފަށައިފިއެވެ. ހަނގުރާމަ ފެށިއްޖެއެވެ. ޢަމްރު ފެނުނީ މައިދާނުގައި ކުރީސަފުގައި ހިތްވަރުކޮށްފައި ހަނގުރާމަކުރަނިކޮށެވެ. އެކަލޭގެފާނަކީ އެއްފައި ކޮރު ބޭކަލެކެވެ. އެހެނަސް ރަނގަޅު ފައިން ބާރުލާފައި ކޮރަމުން ކޮރަމުން، ހަރުއަޑުން ގޮވަމުން ދިޔައެވެ. "އަހުރެން ސުވަރުގެ ބޭނުމެވެ. އަހުރެން ސުވަރުގެ ބޭނުމެވެ." އޭރު އެކަލޭގެފާނުގެ ދަރިކަލުން ޚައްލާދު އެކަލޭގެފާނުގެ ފަހަތުގައި، ވަރަށް ގާތުގައި ހުންނެވިއެވެ. ގިނަ މުސްލިމުން އުޅުނީ ޣަނީމާ މުދާ އެއްކުރުމުގައެވެ. ޢަމްރު އާއި އެކަލޭގެފާނުގެ ދަރިކަލުން ޚައްލާދު ވަރަށް ހިތްވަރުގަދަކަމާއެކު ރަސޫލުﷲ ގެފާނުގެ ދިފާޢުގައި ހަނގުރާމަކުރަނީއެވެ. އިސާހިތަކު މުޝްރިކުން ދިން ގަދަފަދަ ހަމަލާއަކުން ޢަމްރުއާއި އެކަލޭގެފާނުގެ ދަރިކަލުން ޚައްލާދު ޝަހީދުވެގެން ވެއްޓިއްޖެއެވެ.
ﷲ ސުބުޙަނަހޫ ވަތަޢާލާ އަމްރުގެ ދުޢާ އިޖާބަ ކުރައްވައި ޝަހީދެއްގެ މަތިވެރި ދަރަޖަ ދެއްވީއެވެ.
މަސްދަރު:
މިވާހަކައަކީ “ “Alim.org” ވެބްސައިޓުންނާއި ޝައިޚް މުޙައްމަދު ޒަކަރިއްޔާ ލިޔުއްވާފައިވާ ސްޓޯރީސް އޮފް ދި ސަޙަބާ ފޮތުން މަޢުލޫމާތު ނަގައި އެކުލަވާލާފައިވާ ވާހަކައެކެވެ.
ترجمة : محمد بن سليم