ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއަދު ރައީސް ސޯލިހުގެ މިދަތުރުފުޅުގައި، އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ރަސްމީކޮށް ފައްޓަވައި ދެއްވާނެއެވެ. އެގޮތުން މި ވަގުތު އައްޑޫ ސިޓީގައި ކުރިއަށް ދާ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ، އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ރައީސް ރަސްމީކޮށް ފައްޓަވައި ދެއްވާނެއެވެ.

މި ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 16:00 ގައި ހަންކެޑެ އާއި މަރަދޫ ގުޅޭ ބްރިޖް ސަރަހައްދުގައެވެ. އަދި ހަމަމިއާއެކު ރައީސްގެ މި ދަތުރުފުޅުގައި ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ފައްޓަވައި ދެއްވާނެއެވެ. ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާ އޮންނާނީ އައްޑޫ ސިޓީ ހިތަދޫ، ސިޓީ ސްކެއާގައި އާދިއްތަ ދުވަހުގެ ރޭގަނޑު 20:30 ގައެވެ.

ސަރުކާރުން މިހާރު އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާލެއްވުން ވެސް ރައީސްގެ ދަތުރުފުޅުގައި އޮންނާނެއެވެ.