ސިނަމާލެ ބުރިޖް މަތިން ދަތުރު ކުރަމުން ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ އެވެ.

ފުލުހުން ބުނީ ސިނަމާލެބުރިޖް މަތީން ދަތުރު ކުރަމުން ދިޔަ ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތް ތެރި ވަމުން ދާކަމަށެވެ.

ސިނަމާލެ ބުރިޖުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިއަދު ހަވީރު، 16:20 ގައި ނިއްވާލައިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މިހާދިސާގައި އެކާރުގެ ކުރީކޮޅަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުންނަށް މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 16:09 ހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ސިނަމާލެ ބުރިޖުމަތީ ކާރެއްގައި އަލިފާންރޯވި ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ : ފޮޓޯ، ޝައްފަ/ހަލިނޫސް

މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ފުލުހުންނަށް ވެސް އަދި އެނގިފައެއް ނުވެއެވެ.