އައްޑޫ ސިޓީއަށް ބިން އިތުރު ކުރުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

އައްޑޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ރަސްމީކޮށް ފަށްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހެވެ. މި މަޝްރޫޢުގެ ދަށުން އައްޑުއަށް މުޅީން އަލަށް ޖުމްލަ 228 ހެކްޓަރުގެ ބިން އިތުރު ކުރެވިގެންދާނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މިއީ 1.3 ބިލިއަން ރުފިޔާ ޚަރަދު ކޮށްގެން އައްޑޫސިޓީގެ ރައްޔިތުންގެ ތަރައްޤީއަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫޢެކެވެ. މި މަސައްކަތް އަށާރަ މަސްތެރޭގައި ނިންމާ ގޮތަށް މަސައްކަތްކުރާ ފަރާތުން ވަނީ އެއްބަސްވެފައެވެ.

މި ބިޔަ މަޝްރޫޢުގެ ދަށުން ހިތަދުއާއި، ހުޅުމީދުއާއި، މަރަދުއާއި، މަރަދޫފޭދޫ އިން ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން ފަތުރުވެރިކަމަށް ބޭނުންވާ ބިންތަކާއި ރިސޯޓު ހެދުމަށް ބޭނުންވާ ރަށްތައް ވެސް މިމަޝްރޫޢުގެ ދަށުން ހިއްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ.