އައްޑޫ ސިޓީގައި ކުރިން ހިންގަމުންއައި ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވައި ހިންގުމަށް ދިމާވާ ހުރަސްތައް ނައްތާލުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
ޝަންގްރިއްލާ ރިސޯޓަކީ އައްޑޫސިޓީގެ ރައްޔިތުންގެ އިޤްތިސާދީ އުންމީދާ ވަރަށްބޮޑަށް ގުޅިފައިވާ ރިސޯޓެކެވެ. ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ގޮތަކަށް އެރިސޯޓު ހިންގެވުމަކީ މުހިންމު ކަމެއް ކަމެކެވެ. އެހެން ކަމުން ދެމެހެއްޓެނިވި ގޮތަކަށް އެ ރިސޯޓު ހިންގުމަށް އެޅިގެންދާ ކޮންމެ ހުރަހެއް ނައްތާލުމަށް އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.
ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވައި އޮޕަރޭޝަނަށް ނެރުމުގެ އުންމީދޫގައި ތިބި އައްޑޫ ރައްޔިތުންނާ މުޚާތަބު ކޮށް ރައީސް ޞާލިޙު މިއަދު ވިދާޅުވީ މިދިޔަ މާރިޗުމަސްތެރޭގައި ޝަންގްރިއްލާ ރިސޯޓުގެ ޙިއްސާ ބަދަލު ކުރުމުގެ ލިޔުންތައް ޝަންގްރިއްލާ ހިންގާ ފަރާތާ ސަރުކާރުން ޙަވާލުކޮށްފައިވާނޭ ކަމަށެވެ. ޙިއްސާ ބަދަލު ކުރުމުގެ މަރުޙަލާ ނިމުމާއެކު ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވިގެންދާނޭ ކަމަށެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް ފަށްޓަވައި ދެއްވުމަށް މިއަަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އައްޑޫގައި މިހާރު ހިންގަމުންދާ މަޝްރޫޢުތައް ނިމެއިރު އެ ސިޓީއަށް 7000 އެނދު އިތުރުވެގެންދާނޭ ކަމަށެވެ. ހަންކެޑެ މަޝްރޫޢުގެ ތެރެއިން އައްޑޫގެ އެހެން ރަށްރަށަށް 600 ޓޫރިސްޓު އެނދު އިތުރުވާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫޢަކީ ޖުމްލަ 2،782 އެނދު އިތުރުވެގެންދާނޭ މަޝްރޫޢެކެވެ. ސަރުކާރުން މަސައްކަތް ކުރައްވަނީ މި މަސައްކަތް ދެ އަހަރެއްހާ ދުވަސްތެރޭގައި ނިންމުމަށެވެ.