އައްޑޫސިޓީގެ ތަރައްގީއާ ގުޅިފައިވާ އެންމެ ބޮޑު މަޝްރޫއު މިހާރު އެވަނީ މެކުހަށް ޖަހާފައިކަމަށާއި 1.5 ބިލިއަން ރުފިޔާ ހޭދަކޮށްގެން 190 ހެކްޓަރުގެ އިތުރު ބިން އައްޑޫސިޓީއަށް އިތުރުވެގެންދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އައްޑޫ ސިޓީ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ފެށުމުގެ ގޮތުން މަރަދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ދުނިޔެއަށް ހުޅުވާލެވޭ ވަރުގަދަ ސިޓީއަކަށް އައްޑޫ ސިޓީ ބަދަލުކުރުމަކީ މާޒީގެ ތެރެއިން ތަކުރާރުކޮށް އިވުނު ދިގުލީ އަޑެއް ކަމަށެވެ. އަދި މިއަދު ސަރުކާރު މި ކުރަނީ އެއަޑު މަޑުކުރުމަށްފަހު، އެކަމަށް ބޭނުންވާ ކަންކަން ކަމަށެވެ.

"އައްޑޫ ސިޓީއަށް ބަދަލު އަންނާނީ އައްޑޫގެ ބިމުގެ ބައްޓަން ބަދަލުކޮށްގެންކަން އަބަދުވެސް އެނގޭ. މިއަދު ތިޔަބޭފުޅުން ތިޔަ ދެކެވަޑައިގަންނަވަނީ އޭގެ އަމަލީ މަންޒަރު." އެމަނިކުފާނު ވިދާޅުވިއެވެ.

އައްޑޫގެ ތާރީހުގައި ހިންގޭ ބިމާ ގުޅޭ އެންމެ ބޮޑު މަޝްރޫއު މިހާރު އެވަނީ މެކުހަށް ޖަހާފައި. 1.5 ބިލިއަން ރުފިޔާ ހޭދަކޮށްގެން 190 ހެކްޓަރުގެ އިތުރު ބިން، ތިޔަބޭފުޅުންގެ މި އައްޑޫއަށް އެދަނީ އިތުރުވަމުން،"
ރައީސުލްޖުމްހޫރިއްޔާއިބްރާހީމް މުހައްމަދު ސާލިހު

ރައީސް ވިދާޅުވީ އިތުރު މަޝްރޫއެއްގެ ގޮތުގައި ހުޅުމީދުއަށް އިތުރުވާ 42 ހެކްޓަރުގެ ބިމަކީ އައްޑޫއަށް އިތުރުވާ ބިމެއް ކަމަށާއި އެއީ 179 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއެއް ކަމަށެވެ. އަދި ރާއްޖެއަށް ހެޔޮ ބަދަލު ގެނައުމަށް އައްޑޫސިޓީގެ ގިނަ ރައްޔިތުންތަކެއް ނުކުމެފައިވަނީ އެ މަޝްރޫއުތައް އެސިޓީއަށް ބޭނުންވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންސާނީ ހައްގާއި ޑިމޮކްރަސީއާއި ހެޔޮވެރިކަމުގެ ބަދަލަކީ ފަހުގެ ތާރީހުގައި ރާއްޖެ ފުރޮޅުނު އެންމެ ބޮޑު އިންގިލާބު ކަމަށާއި އެ މަފްހޫމު އެންމެ ފުރަތަމަ ފަހުމުވި ރައްޔިތުންގެ ތެރޭގައި އައްޑޫ ސިޓީގެ ރައްޔިތުން ހިމެނުނު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

""އިންސާނީ ހައްގާއި ޑިމޮކްރަސީއާއި ހެޔޮވެރިކަމުގެ ބަދަލަކީ ފަހުގެ ތާރީހެއްގައި ފުރޮޅުނު އެންމެ ބޮޑު އިންގިލާބު. އެ މަފްހޫމު އެންމެ ފުރަތަމަ ފަހުމްވި ރައްޔިތުންގެ ތެރޭގައި އައްޑޫސިޓީ ހިމެނޭ. އެދުވަހު އޮތީ މިއަދު މިދެކޭ މަންޒަރާއި މާދަމާގެ ކުރިއެރުމާއި ތަރައްގީގެ މޭވާއަކީ ފޮނި އެއްޗަކަށްވުމަށް ދިވެހިން ކުރި އުންމީދު. އެއުންމީދަކީ އޭގެ ރަހައެއް ވަހައެއް ކުލައެއް ނުލިބި އެއްވެސް ރައްޔިތަކު އެއްވެސް އިރެއްގައި ނޭދޭނެ. ދައްޗާއި ތުރާލާއި އުނދަގުލާއި ބުރަ ތަހައްމަލު ކުރަނީ އޭގެ ފަހަތުން ލިބޭނޭ ހަމަޖެހުމާއި ފަސޭހައިގެ އެދުމުގައި. އެ ދުވަހު ރައްޔިތުން އުފުލި ތަކުލީފުގެ އެ މަރުހަލާ ނިމިއްޖެ. މިއަދު އައްޑޫ ސިޓީންނާއި މުޅި ރާއްޖޭގެ ހުރިހާ ރަށަކުން މި ފެންނަ މަންޒަރަކީ އެ ދުވަހު ރުވި ގަސްތަކަށް ރޫފަ ޖެހި، ކުރިލާ ހެދޭ މަންޒަރު،" އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަށް ޑިމޮކްރަސީގެ ހެޔޮބަދަލު ގެނައުމަށް އައްޑޫސިޓީގެ ރައްޔިތުން ނުކުތީ މިޕްރޮޖެކްޓްތައް ހޯދުމުގެ ބޭނުމުގައި ކަމަށާއި މިހާރު އެކަންތައް ހާސިލުވަމުންދާތަން ފެންނަމުންދާ ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި އައްޑޫސިޓީގެ ތަރައްގީއަށް ކުރެވެމުންދާ މަޝްރޫއުތަކުގެ ތެރެއިން ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ޕްރޮޖްކެޓްތައް ކުރިއަށް ދާކަމަން ވަނީ ފާހަގަ ކުރައްވާފަައެވެ. އެގޮތުން ހަންކެޑެ ތަރައްގީ މަސައްކަތް ދެއަަހަރު ތެރޭގައި ނިމިގެންދާނެ ވާހަކަ ވަނީ ހާއްސަކޮށް ފާހަގަ ކުރައްވާފައެވެ.

"ރިއަލް އެސްޓޭޓް އިންޓަރގްރޭޓެޑް ޓޫރިޒަމަކީ ފަތުރުވެރިކަން ތިޔަބޭފުޅުންގޭގެ ދޮރުގައި ޓަކިޖަހާނެ ސަބަބެއް. ހަންކެޑެއަކީ ރައްޔިތުންނަށް ހިއްސާވެވޭ މިބާވަތުގެ ފަތުރުވެރިކަމަށް އެންމެ އެކަށޭނަ އައްޑޫސިޓީގެ ސަރަހައްދު މިދެންނެވު މަގުން ޓޫރިޒަމްގެ ނަފާ އައްޑޫގެ ރައްޔިތުންނަށް ފަހިވާން ޖެހޭނެ، އެކިފަންތީގެ ފަތުރުވެރިކަމުގެ ވަސީލަތްތަކަށް ފަހިވާގޮތަށް "ހަންކެޑެ" ފަރުމާކޮށް ތަރައްގީ ކުރާނީ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕްރޭޝަން ލިމިޓެޑުން، އެއީ އިންޓަގްރޭޓެޑް ރިސޯޓު، ސިޓީ، ހޮޓާ، ގެސްޓްހައުސް، އަދި ވޯޓާވިލާ އެކުލެވޭހެން ވަށާޖެހޭ ޕްރޮޖެކްޓެއް، މިހާރު ވަނީ އެމަޝްރޫއު ފެށުމުގެ މަރުހަލާގައި، މުޅި މަޝްރޫއު އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 2 އަހަރު ތެރޭގައި ނިންމާލެވޭނެ،"
ރައީސް ސާލިހު

މިހާރު ކުރިއަށް މިދާ މަގު ހެދުމާއި ބިން އިތުރު ކުރުމުގެ މަސައްކަތް ޑިޒައިން ވެގެން ކުރިއަށް އެދަނީ ހަންކެޑެ ނިމޭއިރު އެތަނާ ގުޅޭ އެތަނާ ގުޅޭ ފުރިހަމަ ޕްލޭނާ އެއްގޮތަށް ކަން ފާޖަހަ ކުރައްވައި ރައީސް ސާލިހު ވިދާޅުވީ ހަންކެޑެ މަޝްރޫއު ތެރެއިން އައްޑޫސިޓީގެ އެހެން ރަށްތަކަށް ޖުމްލަ 600 ޓޫރިސްޓު ރަށް އިތުރުވާނެ ކަމަށާއި 2،782 އެނދު އިތުރުވެގެންދާނެ މަޝްރޫއެއްކަމަށާއި މިހާރު ޕްރޮޖެކްޓު ކުރެވިފައިވާ ތަފާތު މަޝްރޫއުތައް ނިމޭއިރު 7000 ޓޫރިސްޓު އެނދު އޮޕަރޭޓް ވެގެންދާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއްގެ ފުރަތަމަ ފާހަގަ ޖެހޭ ތަނަކީ އައްޑޫ ސިޓީ ކަމަށެވެ އަދި މިއަދު އޮތީ މި ފެންނަ އަމަލީ މަންޒަރު ދެކި، އެކަމަށް ހެކިވުން ކަމަށެވެ.