ދިވެހިރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއްގެ ފާހަގަ ފުރަތަމަ ޖެހޭ ތަނަކީ އައްޑޫ ސިޓީ ކަމަށް ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ބިން ހިއްކުން ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ދެއްކެވީ ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ އެ ވާހަކައަކީ ކުރީން ވެސް ދައްކަވާ ވަހަކައެއް ކަމަށެވެ. "މިއީ ކުރިންވެސް އަޅުގަނޑު ދަންނަވާ ވާހަކައެއް. މިއަދު އޮތީ ވާހަކައެއް ދެންނެވުމެއް ނޫން. މިއަދު އޮތީ މި ފެންނަ ޢަމަލީ މަންޒަރު ދެކި، އެކަމަށް ހެކިވުން. މިއަދަކީ، ތަރައްޤީގެ ހެޔޮ ފާހަގަ ފެށޭ، އައްޑޫ ސިޓީގެ މި ބިމަށް ތަރައްޤީގެ ހެޔޮ ބަދަލު ޢަމަލީގޮތުން އައުމުގެ ދުވަސް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންސާނީ ޙައްޤާއި، ޑިމޮކްރަސީއާއި، ހެޔޮވެރިކަމުގެ ބަދަލަކީ، ފަހުގެ ތާރީޚުގައި ރާއްޖެ ފުރޮޅުނު އެންމެބޮޑު އިންޤިލާބު ކަމަށެވެ. އެ އިންޤިލާބުގެ ތެރެއިން އެ މަފްހޫމް އެންމެ ފުރަތަމަ ފަހުމްވި ރައްޔިތުންގެ ތެރޭގައި އައްޑޫ ސިޓީގެ ރައްޔިތުން ހިމެނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެ ދުވަހު އޮތީ، މިއަދު މި ދެކޭ މަންޒަރާއި އަދި މާދަމާގެ ކުރިއެރުމާއި ތަރައްޤީގެ މޭވާއަކީ ފޮނި އެއްޗަކަށް ވުމަށް ދިވެހިން ކުރި އުންމީދު. އެ އުންމީދަކީ އޭގެ ރަހައެއް، ވަހެއް، ކުލައެއް ނުލިބި، ތާއަބަދަށް ކުރާ ހަނގުރާމައަކަށް ވުމަށް އެއްވެސް ރައްޔިތަކު، އެއްވެސް އިރަކު ނޭދޭ. ދައްޗާއި ތުރާލާއި، އުނދަގުލާއި ބުރަ ތަހައްމަލް ކުރަނީ، އޭގެ ފަހަތުން ލިބޭނެ ހަމަޖެހުމާއި ފަސޭހައިގެ އެދުމުގައި. އެ ދުވަހު ރައްޔިތުން އުފުލި ތަކުލީފުގެ އެ މަރުޙަލާ ނިމިއްޖެ. މިއަދު އައްޑޫ ސިޓީންނާއި، މުޅި ރާއްޖޭގެ ހުރިހާ ރަށަކުން މި ފެންނަ މަންޒަރަކީ، އެ ދުވަހު ރުވި ގަސްތަކަށް ރޫފަޖެހި، ކުރިލައި ހެދޭ މަންޒަރު،"
ރައީސް ޞާލިޙު
"ދުނިޔެއަށް ހުޅުވައިލެވޭ ވަރުގަދަ ސިޓީއަކަށް އައްޑޫސިޓީ ބަދަލުކުރުމަކީ، މާޒީގެ ތެރެއިން ތަކުރާރުކޮށް އިވުނު ދިގުލީ އަޑެއް. އަޑު މަޑުކުރުމަށްފަހު، މިއަދު ސަރުކާރުން މި ކުރަނީ އެކަމަށް ބޭނުންވާ ކަންކަން. އައްޑޫ ސިޓީއަށް ބަދަލު އަންނާނީ، އައްޑޫގެ ބިމުގެ ބައްޓަން ބަދަލުކޮށްގެންކަން އަބަދުވެސް އެނގޭ. މިއަދު ތިޔަބޭފުޅުން ތިޔަ ދެކެވަޑައިގަންނަވަނީ އޭގެ ޢަމަލީ މަންޒަރު. އައްޑޫގެ ތާރީޚުގައި ހިންގޭ ބިމާގުޅޭ އެންމެބޮޑު މަޝްރޫޢު މިހާރު އެވަނީ މެކުހަށް ޖަހާފައި،"
ރައީސް ޞާލިޙު

އެކެއް ޕޮއިންޓް ފަހެއް ބިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށް ގެންދާ މި ބިޔަ މަޝްރޫޢު ނިމޭއިރު އައްޑުއަށް މުޅިން އަލަށް 190 ހެކްޓަރުގެ ބިން އިތުރު ކުރެވޭނެއެވެ. އިތުރު މަޝްރޫޢެއްގެ ގޮތުގައި، ހުޅުމީދޫއަށް 42 ހެކްޓަރުގެ ބިން އިތުރުވެގެންދާނޭ ކަމަށް ވެސް ރަައީސް ވިދާޅުވިއެވެ. އެ މަޝޫޢޫގެ އަަގަކީ 179 މިލިއަން ރުފިޔާ އެވެ. އައްޑޫ ރައްޔިތުން ބޭނުންވި ގޮތަށް އެފަދަ މަޝްރޫޢުތައް މިހާރު އައްޑޫގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އައްޑޫގެ ފަތުރުވެރިކަމާ ބެހޭ ގޮތުން ރައީސް ވިދާޅުވީ ރިއަލް އެސްޓޭޓް އަދި އިންޓަރގްރޭޓެޑް ޓޫރިޒަމަކީ ފަތުރުވެރިކަން، އައްޑޫ ރައްޔިތުންގެ ގޭގެ ދޮރުގައި ޓަކިޖަހާނެ ސަބަބު ކަމަށެވެ. އެގޮތުން ހަންކެޑެއަކީ ރައްޔިތުންނަށް ޙިއްޞާވެވޭ އެ ބާވަތުގެ ފަތުރުވެރިކަމަށް އައްޑޫގައި އޮތް އެންމެ އެކަށޭނަ ސަރަޙައްދު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ދެންނެވި މަގުން ޓޫރިޒަމްގެ ނަފާ، އައްޑޫ ސިޓީގެ ރައްޔިތުންނަށް ފަހިވާންޖެހޭނެ. އެކި ފަންތީގެ ފަތުރުވެރި ވަސީލަތްތަކަށް ފަހިވާގޮތަށް، ހަންކެޑެ ފަރުމާކޮށް ތަރައްޤީ ކުރާނީ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން. އެއީ، އިންޓަރގްރޭޓެޑް ރިޒޯޓް، ސިޓީ ހޮޓާ، ގެސްޓްހައުސް އަދި ވޯޓަރ ވިލާ އެކުލެވޭނެ ވަށާޖެހޭ ޕްރޮޖެކްޓެއް. މިހާރު ވަނީ އެ މަޝްރޫޢު ފެށުމުގެ މަރުޙަލާގައި. މުޅި މަޝްރޫޢު އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމައިލެވޭނެ،" ރައީސް ވިދާޅުވިއެވެ.