100 މިލިއަން ޑޯޒްގެ ކޮވިޑް-19 ވެކްސިން ގަތުމަށް އިންޑޮނޭޝިޔާއިން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިންޑޮނެޝިޔާއިން އެއްބަސްވުން ހެދީ، ޔޫކޭގެ އެސްޓްރަޒެނެކާގެ އިތުރުން، ނޯވާވެކްސްއާ އެކުގައެވެ.

މިކަން ހާމަކުރެއްވީ އިންޑޮނޭޝިޔާގެ ފޮރިން މިނިސްޓަރެވެ.

ފޮރިން މިނިސްޓަރ ރެޓްނޯ މަރްސުދީ ވިދާޅުވީ، ކޮންމެ ކުންފުންޏަކުން ގަތުމަށް ހަމަޖެހުނީ 50 މިލިއަން ޑޯޒްގެ ވެކްސިން ކަމަށެވެ.

އިންޑޮނޭޝިޔާއިން މިހާރުވެސްވަނީ ޗައިނާގެ ސިނޮވެކް ކުންފުނީގެ ކޮވިޑް ވެކްސިންގެ 1.2 މިލިއަން ޑޯޒް ގަތުމަށް މިމަހު އެއްބަސްވުމެއް ހަދާފައެވެ.

އަދި އިމަޖެންސީ ބޭނުންތަކުގައި އެ ވެކްސިން އޮންޑޮނޭޝިޔާގައި ބޭނުން ކުރުމުގެ ހުއްދަ ލިބުމާއެކު، އިތުރު 1.8 މިލިއަން ޑޯޒްގެ ވެކްސިން ގަތުމުގެ އެއްބަސްވުމުގައި ޖެނުއަރީމަހު ސޮއި ކުރެވޭނެ ކަމަށްވެސް އިންޑޮނޭޝިޔާއިން ބުނެއެވެ.

އިންޑޮނޭޝިޔާގެ ހެލްތު މިނިސްޓަރ ބޫޑީ ގުނާޑީ ސަޑިކިން މިއަދު ވިދާޅުވީ، އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ރާވާފައިވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ 1.3 މިލިއަން ހެލްތު ވޯރކަރުންނަށް ކަމަށެވެ.

ފުރަތަމަ ފޭހުގައި ވެކްސިންދިނުން ޖެނުއަރީން ފެށިގެން އޭޕްރީލްއާ ހަމައަށް ދާނެ ކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ދެވަނަ ފޭހުގައި ވެކްސިން ދިނުމަށް ކަނޑައަޅާފައިވަނީ ޕަބްލިކް ސާވަންޓުންނާއި، ބަލިބޮޑު ސަރަހައްދުތައް ނުވަތަ ރެޑްޒޯނުގައި ހިމެނޭ އުމުރުން 18 އަހަރާއި 59 އަހަރާ ދެމެދުގެ މީހުންނަށެވެ.

އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ދިނުމަށް އިސްކަން ދިނުމުގެ ބަދަލުގައި އިންޑޮނޭޝިޔާއިން ވެކްސިން ދޭން ނިންމާފައިވަނީ އުމުރުގެ ރޭންޖަށް ބަލައިގެންނެވެ. އެއީ، ގައުމުގެ މަސައްކަތު އާބާދީ ރައްކާތެރިކުރުމުގެގޮތުން ނިންމި ނިންމުމެއް ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.